އޭދަފުށި ފުޓްސަލް ކަޕްގެ ފުރަތަމަ ދެ އަހަރުގެ ޗެމްޕިއަން، އަފްރޯ ސްޕޯޓްސް ކްލަބުގެ މެޗުން އެރަށު ފުޓްސަލް ކަޕް މިރޭ ފަށާނެ އެވެ.
ކޮންމެ އަހަރަކުވެސް ކުޑަ އީދުގެ ބަންދާ ދިމާކޮށް އޭދަފުށީގައި މުބާރާތް ކުރިއަށްގެންދަނީ ރަށު ކައުންސިލުންނެވެ.
މިއަހަރުގެ މުބާރާތުގައި 12 ޓީމު ވަނީ ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ދާނީ ޓީމުތައް ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމަށް ކުއާޓާ ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. އަދި، ތިން ވަނައިގައި ނިންމާލާ އެންމެ މޮޅު ދެ ޓީމަށް ކުއާޓާ ފައިނަލުގެ ބާކީ ދެ ޖާގަ ލިބޭނެ އެވެ.
ގްރޫޕް އޭގައި ހިމެނެނީ ޗެމްޕިއަން އަފްރޯ ސްޕޯޓްސް ކްލަބް، ކައްކަނި ސްޕޯޓްސް ކްލަބް، ކޭބަލް ބްރަދާސް އަދި އޯލް ވުލްވްސް އެވެ. ގްރޫޕް ބީގައި ހިމެނެނީ، ކްލަބް ކޮމްބިނޭޝަން ސްޕޯޓްސް ކްލަބް (ސީސީ)، އެފްސީ ދުންތަރި، ނަލަ ބްރަދާސް އަދި ކްލަބް ފޯކަސް އެވެ. ގްރޫޕް ސީގައި ހިމެނެނީ މުރިނގު އެފްސީ، އެއިޓީފޯ އެފްސީ، ވެލާ ސްޕޯޓްސް ކްލަބް އަދި އެފްސީ ސަޑަންލީ އެވެ.
މުބާރާތް ފަށާ މެޗުގައި އަފްރޯ ސްޕޯޓްސް ނުކުންނާނީ ކައްކަނީއާ ދެކޮޅަށެވެ. އޭދަފުށި ފުޓްސަލް ދަނޑުގައި އެ މެޗު ފަށާނީ މިރޭ 9:30 ގަ އެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި އަފްރޯ ސްޕޯޓްސް ޓީމު. މިއަހަރުވެސް އެޓީމު ވަރުގަދަ. ފޮޓޯ: ސިޑިބަރި
މިރޭ އިތުރު ދެ މެޗު ކުޅޭނެ އެވެ. އެގޮތުން 10:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގައި ހިމެނޭ ކޭބަލް ބްރަދާސް އާއި އޯލް ވުލްވްސް އެވެ. މިރޭގެ ފަހު މެޗު އޮންނާނީ 11:30 ގަ އެވެ. އެ މެޗުގައި ކުޅޭނީ ގްރޫޕް ބީގެ ދެޓީމު ކަމަށްވާ ކްލަބް ކޮމްބިނޭޝަނާއި އެފްސީ ދުންތަރި އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ ބުދަ ދުވަހު އެވެ. ސެމީ ފައިނަލް ބުރާސްފަތި ދުވަހު ކުޅޭއިރު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނި އޭޕްރީލް 05 ވާ ހޮނިހިރު ދުވަހުގެ ރޭ 8:30 ގަ އެވެ.
މިދިޔަ ދެ އަހަރާ އަޅާބަލާއިރު މިއަހަރުގެ މުބާރާތް ވަނީ ފޯރިގަދަވެފަ އެވެ. މިއަހަރު އަފްރޯ ސްޕޯޓްސް ތަށި މިލްކުކުރަން ނުކުންނައިރު، އެޓީމުގެ ޗެމްޕިއަން ދަތުރު ހުއްޓުވަން އެހެން ޓީމުތައް ވެސް ވަނީ ވަރުގަދަކޮށްފަ އެވެ.
ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރުން ޖެހެނީ އެއް ކުޅުންތެރިއެކެވެ. އެގޮތަށް ލިބުނު ފުރުސަތުގައި މިފަހަރުގެ މުބާރާތުގައި ފެންނާނެ އެންމެ މަޝްހޫރު ކުޅުންތެރިއަކީ އަލީ ހާފިޒް (ހާއްޕެ) އެވެ. ހާއްޕެގެ އިތުރުން ޗެމްޕިއަން އަފްރޯ އިން ވަނީ ފުވައްމުލައް ފުޓްސަލް ޓީމުގެ އިތުބާރު ކުޅުންތެރިޔާ މުހައްމަދު ސާދު ނިޒާރު ހިމަނައިފަ އެވެ.
އަފްރޯ ސްޕޯޓްސް އިން 2023 ވަނަ އަހަރުގެ އޭދަފުށި ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އޯލް ވުލްވްސް ބަލިކޮށްގެންނެވެ. މިދިޔަ އަހަރުގެ ފައިނަލުގައި އަފްރޯ ސްޕޯޓްސް މޮޅުވީ ކްލަބް ކޮމްބިނޭޝަނާ ވާދަކޮށެވެ.
މުބާރާތުގެ ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ޓްރެވަލް ޕާޓްނަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ އޭދަފުށީގައި އެންމެ ފުޅާކޮށް ލޯންޗު ދަތުރުތައް ކުރާ ޔޫސުފް ސްޕީޑެވެ. ޕްރިންޓިން ޕާޓްނަރަކީ އިންކްޑް މޯލްޑިވްސް އެވެ. ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސާފައިވާއިރު، ބެވެރެޖް ޕާޓްނަރަކީ ފެމިލީ ގާޑިޔާ އެވެ. އިތުރު ސްޕޮންސަރުންގެ ތެރޭގައި ނަޔާ ފެރީ ސަރވިސް އާއި ޓޭކް އަވޭގެ އިތުރުން ހިތްވަރު ބްލޮކްސް އަދި ސީވިއު ބިސްޓްރޯ ހިމެނެ އެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ. މި ވެބްސައިޓުން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތުތައް ގެނެސްދޭނެއެވެ.