އޭދަފުށި ފުޓްސަލް ކަޕްގެ ތިން ވަނަ މުބާރާތް އަންނަ ހޮނިހިރު ދުވަހުގެ ރޭ ފަށާއިރު މިދިޔަ ދެ މުބާރާތަށްވުރެ މިފަހަރުގެ މުބާރާތުގެ ފޯރި ގަދަވާނެ ކަމަށް މިހާރުވެސް ވަނީ ބެލެވިފަ އެވެ. މުބާރާތަށް ގިނަ ޓީމުތަކުން މިހާރުވަނީ ޕްރެކްޓިސް ފަށައިފަ އެވެ. މުބާރާތުގެ ރަގަޅު ހިސާބަކަށް ދިއުމަށްޓަކައި ގިނަ މަސައްކަތްތަކަކާއި، ބޮޑު ހޭދައެއް ބައެއް ޓީމުތަކުން ވަނީ ކޮށްފަ އެވެ. މުބާރާތް އިންތިޒާމްކުރާ އޭދަފުށި ކައުންސިލް އިދާރާގެ އަމާޒަކަށްވެފައި އޮތީ މިދިޔަ ދެ އަހަރަށްވުރެ މިއަހަރު މި ބޭއްވޭ މުބާރާތުގެ ފެންވަރު ހުރިހާ ގޮތަކުންވެސް ރަގަޅުކުރުމެވެ. އެކަމަށްޓަކައި އެ އިދާރާއިން ވަނީ ދުރާލާ ގިނަ ތައްޔާރީތަކެއް ވެސް ވެފަ އެވެ.
މިފަހަރުގެ މުބާރާތުގައި 12 ޓީމަކުން ބައިވެރިވެފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ ހަތަރު ޓީމު މަދު އަދަދެކެވެ. މީގެ މައިގަނޑު ސަބަބަކީ މިފަހަރުގެ މުބާރާތުގެ ގަވާއިދު އޮތް ގޮތުން ކުރީ އަހަރު ޓީމު ލިސްޓްގައި ޖެހި އަދަދަށްވުރެ އިތުރަށް ދެ ކުޅުންތެރިން ލިސްޓްގައި ހިމަނަންޖެހުމާއި އަދި ވަރުގަދަ ސްކޮޑެއް އެކުލަވައިލަން ޓީމުތަކުން މަސައްކަތްކޮށްފައިވުން ކަމަށް ބެލެވެ އެވެ. ވުމާއެކު މިފަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ އަދަދު މަދުވުމަކީ މުބާރާތުގެ ފޯރި ކުޑަވާނެ ކަމަކަށް ނުބެލެވެ އެވެ.
މިހާ ހިސާބުން މި ބަލާލަނީ އޭދަފުށި ފުޓްސަލް ކަޕްގެ މިފަހަރުގެ މުބާރާތް ކުރިން ބޭއްވި ދެ މުބާރާތަށްވުރެ ތަފާތުވާނެ ފަސް ސަބަބަށެވެ.
ތަށި މިލްކުކުރުމުގެ ފުރުސަތާއެކު ބޮޑު ވާދަވެރިކަމެއް
މުބާރާތެއްގެ ޗެމްޕިއަންކަން އިތުރު އެހެން ބަޔަކަށް ނުލިބި އުޅެނިކޮށް އެއް ޓީމަކުން އެ މުބާރާތުގެ ތަށި މިލްކުކުރުމަކީ ވަރަށް މަދުން ނޫނީ ފެނިފައި ނުވާނެ މަންޒަރެކެވެ. މިފަހަރުގެ މުބާރާތް އެންމެ ހާއްސަވާ އެއް ސަބަބަކީ މިހާތަނަށް ބޭއްވި އޭދަފުށި ފުޓްސަލް ކަޕްގެ ދެ މުބާރާތްވެސް ކާމިޔާބުކޮށްފައިވާ އަފްރޯ ސްޕޯޓްސް ކްލަބަށް އެ ފުރުސަތު ލިބިފައި އޮތުމެވެ. މުބާރާތުގެ ތަށި މިލްކުކުރުމަށްޓަކައި އަފްރޯ އިން މުބާރާތަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވަނީ ވެފަ އެވެ. މިދިޔަ އަހަރު އޭދަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖާއި ގޯލްޑް ކަޕްގެ ތަށި ހޯދިއިރު އެ ޓީމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އިޝާން އިބްރާހިމް (ސައްޓު) އާއި މުހައްމަދު ފާސިރު (ފާއްޓޭ) މިފަހަރު ވެސް ކުޅޭނީ އަފްރޯ އަށެވެ. ޓީމު އިތުރަށް ވަރުގަދަކުރުމަށްޓަކައި ރާއްޖޭގެ ފުޓްސަލްގައި އެންމެ ނަން ހިނގާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު ސާދު ނިޒާރު ލިސްޓުގައި ހިމަނައި މިހާރު ވަނީ ޓީމާ ގުޅިފަ އެވެ. މުބާރާތުގެ ތަށި މިލްކްކުރުމަށް އަފްރޯއިން ތައްޔާރުވެފައިވާ މިންވަރަށް އެ ތަށި އެ ޓީމުން މިލްކުކުރުމުގެ ކުރިން ތަށީގައި އަތްލުމަށް އެހެން ޓީމުތަކުން ވެސް ވަރުގަދަ މަސައްކަތްތަކެއް ކުރާނެކަމަށް ބެލެވެ އެވެ. މިއާއެކު މިދިޔަ ދެ މުބާރާތަށްވުރެ މިފަހަރުގެ މުބާރާތުގެ ފޯރި މާބޮޑަށްވެސް ގަދަވާނެ ކަމަށް ބެލުމުގެ ޖާގަ ޔަގީނުންވެސް އެބައޮތެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން ޓްރޮފީއާ އެކު އަފްރޯ ސްޕޯޓްސް. މިއަހަރު ނުކުންނާނީ ތަށި މިލްކުކުރަން. ފޮޓޯ: ސިޑިބަރި
ހާއްޕެއާއެކު ފުޓްސަލްގެ މަޝްހޫރު ތަރިން ގިނަ ފަހަރެއް
މިދިޔަ ދެ އަހަރެކޭ އެއްގޮތަށް އޭދަފުށި ފުޓްސަލް ކަޕްގެ މިފަހަރުގެ މުބާރާތުގައި ވެސް ބައިވެރިވާ ކޮންމެ ޓީމެއްގެ ލިސްޓުގައިވެސް ރަށުން ބޭރު އެއް ކުޅުންތެރިޔަކު ހިމެނުމުގެ ފުރުސަތު އޮތީ ލިބިފަ އެވެ. އެއާއެކު ކޮންމެ ޓީމަކުން ވެސް މަސައްކަތްކޮށްފައިވަނީ އޭދަފުށިން އެ ޓީމަށް އަތުޖެއްސެން ނެތް ފެންވަރުގެ މޮޅު ކުޅުންތެރިޔަކު އެ ސްލޮޓަށް ހޯދުމަށެވެ. އެފަދަ ކުޅުންތެރިންގެ ތެރެއިން މިފަހަރުގެ މުބާރާތުގައި ފެންނާނެ އެންމެ ނަން މަޝްހޫރު ތަރިއަކީ ރ. އިނގުރައިދޫ އަށް އުފަން އަލީ ހާފިޒް (ހާއްޕެ) އެވެ. ރާއްޖޭގެ ފުޓްސަލް ކިންގުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ހާއްޕެ މި މުބާރާތުގައި ފެންނާނީ ސީސީ ސްޕޯޓްސް އިންނެވެ. މިއީ އޭދަފުށީގައި ފުޓްސަލް މުބާރާތްތައް ޓާފްގައި ކުޅެން ފެށި ފަހުން ހާއްޕެ އޭދަފުށީގައި ކުޅޭތަން ފެންނާނެ ފުރަތަމަ ފަހަރެވެ. ހާއްޕެއާ އެކު ސީސީ ޓީމުގައި ވަނީ އަހުމަދު އައިހަމް (އައިހު) ވެސް ހިމަނައިފަ އެވެ. މީގެ އިތުރުން މިފަހަރުގެ މުބާރާތުގައި ފެންނާނެ މަޝްހޫރު ތަރިންގެ ތެރޭގައި ސާދު އާއި، މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖު ގެ ތަށި ހޯދި ކާށިދޫ ޓީމުގައި މުހިންމު ދައުރެއް އަދާކުރި އަބްދުﷲ ސުޒޭރު އާއި މިހާރު ރާއްޖޭގެ ފުޓްސަލްގައި އެންމެ ވިދުންގަދަ ޒުވާން ތަރި ތިމަރަފުށީގެ އަހުމަދު އަފްލާޒްގެ އިތުރުން ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ މުހައްމަދު އިމްރާން (އިއްމި) އަދި ތިމަރަފުށި ޓީމުގެ މުހައްމަދު ތޯހިރު ހިމެނެއެވެ. މި ކުޅުންތެރިންގެ ތެރެއިން ސާދު އަފްރޯއާ އެކު ތަށި މިލްކު ކުރުމުގެ މަސައްކަތަށް ނުކުންނައިރު ސުޒޭރު ފެންނާނީ މި މުބާރާތުގައި މުޅިން އަލަށް ބައިވެރިވާ ކްލަބް ފޯކަސް އިންނެވެ. ހުނަރުވެރި އަފްލާޒް އޭދަފުށީގައި ކުރާ ފުރަތަމަ ތަޖުރިބާގައި ފެންނާނީ ވެލާ ސްޕޯޓްސް ކްލަބުންނެވެ. އިއްމީ ކުޅޭނީ ނަލަ ބްރަދާސް އަށް ކުޅޭއިރު ތޯހިރު ފެންނާނީ ފުރަތަމަ މުބާރާތުގައި ވެސް ފެނުނު އޯލް ވުލްވްސް އިންނެވެ.

ހާއްޕެ ފުޓްސަލް މުބާރާތެއްގެ ތެރެއިން. އީދުގައި އޭދަފުށި ފުޓްސަލް ކަޕްގައި ފެންނާނީ ސީސީ އިން
މުބާރާތަށް އިންސާފުކުރުމަށް ހަރުދަނާ ބަދަލުތަކެއް
މިފަހަރުގެ މުބާރާތުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް ކަމަކީ މުބާރާތް ވީހާވެސް އިންސާފުވެރިކޮށް ކުރިއަށްގެންދިއުން ކަމަށް މުބާރާތް އިންތިޒާމްކުރާ އޭދަފުށި ކައުންސިލް އިދާރާއިން ބުނެފައިވެ އެވެ. މިދިޔަ އަހަރާ ހިލާފަށް މިފަހަރުގެ މުބާރާތުގެ ކޮންމެ މެޗެއް އިންސާފުކުރުމުގައި ހަތަރު ރެފްރީން ހަރަކާތްތެރިވާނެ އެވެ. މި ހުރިހާ އެންމެންނަކީވެސް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައިވެސް އިންސާފުކޮށްފައިވާ ރެފްރީންނެވެ. މީގެ އިތުރުން މުބާރާތުގެ ޖަޖް ކޮމިޓީ ވީހާވެސް މިނިވަންކޮށް ބޭއްވުމަށްޓަކައި ވެސް އޭދަފުށި ކައުންސިލް އިދާރާއިން ވަނީ ކުރިން އެ ކޮމިޓީގައި ކައުންސިލް އިދާރާގެ ބައިވެރިވުން އޮންނަ މިންވަރު ކުޑަކޮށް އޭދަފުށްޓަށް ނިސްބަތް ނުވާ ބޭފުޅުން ކޮމިޓީގައި ހިމަނައިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ރެފްރީ އަލީ ސަލީމްމެން ފަދަ ގާބިލް ބޭފުޅުން ހިމެނޭނެ ކަމަށް އޭދަފުށި ކައުންސިލް އިދާރާއިން މައުލޫމާތު ދީފައިވެ އެވެ.
ފޯމެޓަށް ގެނައި ބަދަލާއެކު އިތުރު ފުރުސަތާއި، ވާދަވެރިކަން
މިފަހަރުގެ މުބާރާތުގައި ޓީމުތަކުން ބައިވެރިވެފައިވަނީ މި މުބާރާތް ބޭއްވި ފުރަތަމަ އަހަރުވެސް ޓީމުތަކުން ބައިވެރިވެފައިވާ އަދަދަށެވެ. އެކަމަކު ފުރަތަމަ މުބާރާތުގައި 12 ޓީމު ހަތަރު ގްރޫޕަކަށް ބަހާލައިގެން މެޗުތައް ކުރިއަށްގެންދިޔަ ނަމަވެސް މިފަހަރުގެ މުބާރާތް ކުރިއަށްގެންދަން ރާވާފައި އޮތީ 12 ޓީމް ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ބޭނުމަކީ މުބާރާތުގައި ޓީމުތަކަށް ކުޅެން ލިބޭ މެޗުގެ އަދަދު އިތުރުކުރުމެވެ.

އޭދަފުށި ފުޓްސަލް ކަޕްގެ މެޗު ޝެޑިއުލް. މުބާރާތް މާދަމާ ރޭ ފަށާނެ
މިފަހަރުގެ މުބާރާތް ރާވާފައި އޮތް ގޮތުން ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމަށް ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުވާއިރު ބާކީ އޮތް ދެ ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން ވެސް ތިންވަނަ އަށް ދާ ޓީމްތަކުގެ ތެރެއިން އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމަށެވެ. މުބާރާތުގެ ކުއާޓާ ފައިނަލަށް ހޮވޭ ޓީމުތައް ދެ ޕޮޓަކަށް ބަހާލާ ގޮތަށް ހަމަޖެހިފައިވާއިރު ޕޮޓް އޭ ގައި ހިމެނޭނީ ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ހޯދައިގެން ކުއާޓާ ފައިނަލަށް އަންނަ ތިން ޓީމާއި އަދި ކޮންމެ ގްރޫޕަކުން ދެވަނައަށް އަންނަ ޓީމުތަކުގެ ތެރެއިން އެންމެ ރަގަޅު ނަތީޖާ ހޯދާ ޓީމެވެ. މިއީ ކޮންމެ މެޗަކީވެސް މުހިންމު މެޗެއްގެ ގޮތުގައި ބަލައި ރަގަޅު ނަތީޖާއެއް ހޯދުމަށް ކޮންމެ ޓީމަކުންވެސް މަސައްކަތްކުރާނެ ސަބަބެއް ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ގަބޫލުކުރެ އެވެ. ކުއާޓާ ފައިނަލްގެ މެޗުތަކުގައި ވާދަކުރާނީ ކޮން ދެ ޓީމެއްކަން ކަނޑައަޅާނީ ޕޮޓް އޭގެ ޓީމުތަކުގެ މެދުގައި ނަގާ ގުރުއަތަކަށްފަހު އެވެ.
ކުޅިބަލަން ފަސޭހަ އިންތިޒާމާއެކު އިނާމުވެސް ބޮޑު
މިދިޔަ ދެ މުބާރާތާއި ތަފާތުކޮށް މިފަހަރުގެ މުބާރާތުގެ މެޗުތައް ބަލަންދާ ބައެއް ފަރާތްތަކަށް އިށީނދެ ތިބެގެން މެޗު ބެލޭގޮތަށް 200 އެއްހާ މީހުންގެ ޖާގަ އޮތް ސިޑިބަރިއެއް ދަނޑުގެ އެއް ފަރާތެއްގައި ހުންނާނެ އެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްގޮތަށް މިފަހަރުގެ މުބާރާތުގެ ހުރިހާ މެޗެއް ވެސް ފޭސްބުކުންނާއި، ޔޫޓިއުބުން ލައިވްކޮށް ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކުރީގެ ދެ މުބާރާތާ ހިލާފަށް މިފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައިން ފެށިގެން ކޮންމެ މެޗެއް ނިމުމާއެކު މެޗުގެ ލައިވްގެ ތެރޭގައި ދެ ޓީމުގެ ކޯޗުންގެ އިންޓަވިއު ވެސް ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ނޫހުގެ ފަރާތުން މެޗުތަކާ ގުޅޭ ހަބަރާއި، މުބާރާތުގެ ތެރެއިން ފާހަގަކުރެވޭ ކަންކަމާ ގުޅޭ ރިޕޯޓްތައް ގެނެސްދޭނެ އެވެ.
މުބާރާތުގެ ފޯރި އިތުރަށް ގަދަކުރުމަށްޓަކައި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ދޭ ފައިސާގެ އިނާމުވެސް އޭދަފުށި ކައުންސިލް އިދާރާއިން އަންނަނީ އަހަރުން އަހަރަށް ބޮޑުކުރަމުންނެވެ. މިފަހަރުގެ މުބާރާތުގެ ތަށި ހޯދާ ޓީމަކަށް 50،000 ރުފިޔާ ދޭ ގޮތަށް ހަމަޖެހިފައިވާއިރު މިއީ މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް ދިން އަދަދަށްވުރެ 20،000 ރުފިޔާ އިތުރު އަދަދެކެވެ.