ފުރަތަމަ ސަފްޙާ / ޚަބަރު / ލިވަޕޫލަށް އެއް ހަފްތާ ތެރޭ މަރިޔަނބާއި، ކަތިވަޅި ގެއްލިއްޖެ
ފަހުމިނެޓް

ލިވަޕޫލަށް އެއް ހަފްތާ ތެރޭ މަރިޔަނބާއި، ކަތިވަޅި ގެއްލިއްޖެ

އެޑްމިން
އެޑްމިން
11 މަސް ކުރިން 17 މާރޗް 2025

މި ސީޒަނުގައި ރަނގަޅު ފޯމެއް ދަމަހައްޓަމުން އައި އިނގިރޭސި ކްލަބް ލިވަޕޫލަށް ހަފްތާއެއް ތެރޭ ދެ މުބާރާތުގެ ތަށި ގެއްލިއްޖެ އެވެ.

ސީޒަން ފެށިގެން މިހާތަނަށް އައިއިރު ޔޫރަޕްގައި އެންމެ ރަނގަޅު ފޯމެއް ދަމަހައްޓަމުން އައި އެއް ޓީމަކީ ލިވަޕޫލެވެ. އެޓީމުން އިނގިރޭސި ޕްރިމިއާ ލީގު ހޯދުމުގެ ރޭހުގައި ބޮޑު ލީޑެއް ހޯދާފައިވާއިރު، ޗެމްޕިއަންސް ލީގާއި އިނގިރޭސި ލީގު ކަޕްގައި ލިވަޕޫލް ބެލެވުނީ ފޭވަރިޓުންގެ ގޮތުގައެވެ.

ލިވަޕޫލަށް މަރިޔަނބު ގެއްލުނީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގްގެ މެޗުގައި ފްރާންސްގެ ޕީއެސްޖީއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ބަލިވި ހިސާބުންނެވެ. މީގެ ގާތްގަނޑަކަށް ހަތަރު ވަރަކަށް ދުވަސް ކުރިން ޗެމްޕިއަންސް ލީގުން ކެޓުމާއެކު އެޓީމަށް މާޔޫސްކަން ކުރިމަތިވި އެވެ.

ޗެމްޕިއަންސް ލީގުން ކެޓުމުގެ ހިތާމައަށް ފަހު، ކުޅުނު ފުރަތަމަ މެޗުގައި ލިވަޕޫލް ރޭ ވަނީ އިނގިރޭސި ލީގު ކަޕް ފައިނަލުގައި ނިއުކާސަލް ޔުނައިޓެޑް އަތުން ވެސް ބަލިވެފައެވެ. ސީޒަނުގެ ފުރަތަމަ ތަށި ހޯދަން ވެމްބްލީގައި ނިއުކާސަލާ ވާދަކޮށް ލިވަޕޫލް ބަލިވީ 2-1 އިންނެވެ.

ރޭގެ މެޗުގައި ނިއުކާސަލްގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ޑެން ބާން އެވެ. ދެވަނަ ގޯލު ދެވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓުގައި ޖެހީ އަލެކްސަންޑަ އިސާކް އެވެ.

މެޗުގައި ލިވަޕޫލްގެ ހަމައެކަނި ގޯލު ފަހު ހާފުގެ އިތުރު ވަގުތުގައި ޖެހީ ފެޑެރިކޯ ކިއޭސާ އެވެ.

ރޭގެ ފައިނަލުގައި ލިވަޕޫލްގެ ފަރާތުން ވަރުބަލިކަން ފެނިގެން ދިޔައިރު، އެޓީމުގެ ތަރި މުހައްމަދު ސަލާހަށް ގޯލާ ނުރައްކާކޮށް އެއްވެސް ކަމެއް ނުކުރެވުނެވެ. މެދުތެރޭގައި ޑޮމިނޭޓް ކުރީ ނިއުކާސަލުންނެވެ. މުޅި މެޗުގައި މޮޅު ކުޅުމެއް ދައްކައި ނިއުކާސަލުން ހޯދީ ހައްގު މޮޅެކެވެ.

ނިއުކާސަލަށް ޑޮމެސްޓިކް ތައްޓެއް އެ ލިބުނީ 70 އަހަރަށް ފަހު އެވެ. މީގެ 70 އަހަރު ކުރިން ނިއުކާސަލުން ކާމިޔާބުކުރީ 1955 ވަނަ އަހަރުގެ އިނގިރޭސި އެފްއޭ ކަޕެވެ. އޭގެފަހުން 1969 ވަނަ އަހަރު އިންޓަ ސިޓީސް ފެއާސް ކަޕްގެ ނަމުގައި އޮތް މުބާރާތެއް ނިއުކާސަލުން ކާމިޔާބުކުރި އެވެ.

ސީޒަނުގެ ފަހުކޮޅު ލިވަޕޫލް އުނދަގޫ ހާލަތަކަށް ވެއްޓިފައިވާއިރު، ލީގު ޗެމްޕިއަންކަން އެޓީމަށް ގެއްލުމުގެ ފުރުސަތު ކުޑައެވެ. މިވަގުތު ލިވަޕޫލް އެއްވަނައިގައި އޮތީ 12 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ދެވަނައިގައި އޮތީ އާސެނަލް އެވެ. ދެޓީމަށް ވެސް ލީގުގައި ބާކީ އޮތީ 9 މެޗެވެ.

ލިވަޕޫލަށް މަރިޔަނބާއި ކަތިވަޅި ގެއްލުނަސް، ކޮށިދަނޑު ގެއްލުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!