މުސްލިމް ސަޕޯޓަރުންނަށް ސްޓޭޑިއަމްގައި ނަމާދު ކުރެވޭނެގޮތް މެންޗެސްޓާ ޔުނައިޓެޑުން ހަދައިފިއެވެ.
މެންޗެސްޓާ ޔުނައިޓެޑުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސީ ކްލަބުގެ މުސްލިމް ސަޕޯޓާސް ކްލަބުގެ ފަރާތުންނެވެ.
ނަމާދު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްފަހު ޔުނައިޓެޑުން އެތަން ހުޅުވާލީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެފްއޭ ކަޕްގައި ލެސްޓާ ސިޓީ އަތުން ޔުނައިޓެޑް މޮޅުވި މެޗުގައެވެ.
ނަމާދު ކުރާ ތަން ހުންނަނީ ސްޓޭޑިއަމްގައި ސަޕޯޓަރުންގެ އެންމެ މަޝްހޫރު ފަޅި ސްޓްރެފޯޑް އެންޑްގެ ފަހަތުގައެވެ.
މުސްލިމް ސަޕޯޓަރުންގެ ގްރޫޕުން ބުނީ އެތަނުގައި ގާތްގަނޑަކަށް 20 ވަރަކަށް ސަޕޯޓަރުންނަށް ނަމާދު ކުރެވޭނެ ޖާގަ އޮންނާނެ ކަމަށެވެ. އެތަން މުސްލިމް ސަޕޯޓަރުންނަށް ހުޅުވާލާނީ ކޮންމެ މެޗެއް ފެށުމުގެ 30 މިނެޓު ކުރިންނާއި މެޗު ތެރޭގައި އަދި މެޗު ނިމުމަށްފަހު 30 މިނެޓަށެވެ.

މުސްލިމް ސަޕޯޓަރުންނަށް ނަމާދު ކުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ސަރަހައްދު ދައްކުވައިދޭ ޗާޓު
މުސްލިމް ސަޕޯޓަރުންގެ ކްލަބުން ވަނީ އެތަނަށް މުސައްލަ ހަދިޔާކޮށް އަންހެން އަދި ފިރިހެނުންނަށް ވަކިން ނަމާދު ކުރެވޭ ގޮތަށް ފޮތި ދަމައިފައެވެ. ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސިޔަސް މިވަގުތު އެތަނުގައި ވުޟޫ ކުރެވޭނެ ގޮތާއި ސާފުތާހިރުވެވޭނެ ގޮތެއް ނެތެވެ. މުސްލިމް ސަޕޯޓާސް ގްރޫޕުން ބުނީ އެ ހިދުމަތް ދެވޭނެ ގޮތްތައް ބަލަމުންދާ ކަމަށެވެ.
“މިއީ މެންޗެސްޓާ ޔުނައިޓެޑާއެކު މުސްލިމް ސަޕޯޓާސް ކްލަބަށް ދެވުނު ކާމިޔާބު ހަރުފަތެއް. ސަޕޯޓާސް ކްލަބް ފެށުނީއްސުރެ އަހަރެމެންގެ އަމާޒަކީ މިއީ. މިކަމުގަ ޔުނައިޓެޑުން ދިން އެއްބާރުލުމަށް އަހަރެމެން ޝުކުރުވެރިވަން” ޔުނައިޓެޑްގެ މުސްލިމް ސަޕޯޓާސް ކްލަބުގެ ކޯ-ފައުންޑާ ގޫލަމް ހައިދަރު ބުންޏެވެ.