އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން އިޕްސްވިޗް ޓައުނާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އަލެހަންދްރޯ ގާނާޗޯ ބަދަލުކުރުމާ ގުޅިގެން އޭނާ އަމަލުކުރިގޮތުން ޓީމުގެ ކުޅުންތެރިންނަށް ކާންދޭން ޖެހިއްޖެއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-3 އިން އިޕްސްވިޗްގެ މައްޗަށް ކުރި ހޯދި މެޗުގައި ގާނާޗޯ ބަދަލުކުރީ ޔުނައިޓެޑަށް އަލަށް ގެނައި ޕެޓްރިކް ޑޯގޫ އަށް ރަތް ކާޑު ދެއްކުމާ ގުޅިގެންނެވެ. ގާނާޗޯގެ ބަދަލުގައި ކުޅރން އެރީ ޑިފެންޑަރު ނޫސާ މަޒްރާއީ އެވެ. އެކަމާ ހިތްހަމަނުޖެހިގެން ގާނާޗޯ ބެންޗަށް ނައިސް ސީދާ ދިޔައީ ޗޭންޗިން ރޫމަށެވެ.
މި މައްސަލައާ ގުޅިގެން ޔުނައިޓެޑްގެ ކޯޗު ރުބެން އެމޮރިމް ވަނީ ގާނާޗޯއާ ވާހަކަދައްކައިފަ އެވެ. އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ފުލަމްއާ ދެކޮޅަށް ޔުނައިޓެޑުން މާދަމާ ރޭ ކުޅެން ހަމަޖެހިފައި އޮތް މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެމޮރިމް ބުނެފައިވަނީ ގާނާޗޯ ޔުނައިޓެޑްގެ ކުޅުންތެރިންނަށް ރޭގަނޑުގެ ކެއުމެއް ދޭން އެއްބަސްވެފައިވާ ކަމަށެވެ.
“އެއީ ވަރަށް މަޖާ ގޮތަކަށް ހިނގި ކަމެއް. ޖެހިގެން އައި ދުވަހު ގާނާޗޯ އަމިއްލައަށް އަހަރެންގެ އޮފީހަށް އައިސްފި.” ހާދިސާއާ ގުޅޭގޮތުން އިއްޔެ އެމޮރިމް ދެއްކި ވާހަކަ ފަށަމުން ބުނެފައިވެ އެވެ.
“އެ ހާދިސާއަށްފަހު އަހަރެން އެކަން ހިނގިގޮތް ބެލިން. ގާނާޗޯ ޗޭންޖިން ރޫމަށް ދިޔަ ގޮތަށް ލައިގެން ހުރި ޖޯޒީ ބަދަލުކުރީ މާ ބޮޑަށް ތެމިފަ ހުރީމަ. އޭނަ ފަހުން މެޗު ބެލީ އެހެން ތަނެއްގަ އިނދެގެން. އެކަމަކު މެޗު ނިމުމުން އަހަރެމެން ގާތަށް އައިސްފަ ގެއަށް ދިޔައީ. އެކަމުގައި މާ ބޮޑު މައްސަލައެއް ނޫޅޭ.” ވާހަކަ އިތުރަށް ކުރިއަށްގެންދަމުން ގަނާޗޯ ބުނެފައިވެއެވެ.
“އަހަރެން ބުނިން. މެންޗެސްޓާ ޔުނައިޓެޑަކީ ބޮޑު ކްލަބެކޭ. މި ކްލަބްގަ ހުރިހާ ކަމެއްވެސް ވަރަށް މުހިންމު ވާނެއޭ. ކޮންމެ ކަމަކާ މެދު ކުޅުންތެރިން ދެކޭ ގޮތްވެސް ވަރަށް މުހިންމު ވާނެއޭ. އެހެންވީމަ މިހާރު ނިންމާފައި އޮތީ ޔުނައިޓެޑްގެ ކުޅުންތެރިންނަށް ގާނާޗޯ ރޭގަނޑުގެ ކެއުމެއް ދޭ ގޮތަށް.” އެމޮރިމް ބުނެފައިވެ އެވެ.
“އަހަރެންނަށް ހީވާ ގޮތުން ގާނާޗޯއަށް ވިސްނޭނެ އަހަރެން އޭނަ ބަދަލުކުރީ ކީއްވެކަން. ވަރަށް ރަނގަޅަށް އޭނަ ކުޅެމެންދިޔަ ވަގުތެއްގައި މެޗުގެ އެހާ ކުރީކޮޅު ބަދަލުކުރީމަ ކުޅުންތެރިޔާގެ ހިތްހަމަނުޖެހުންތަކެއް ހުންނާނެ. އެކަމަކު އެއީ ކުރިމަތިލާން ޖެހިދާނެ ހާލަތެއްކަން ކޮންމެ ކުޅުންތެރިއަކުވެސް ދަންނަންޖެހޭނެ. އަހަރެން މި މަސައްކަތްކުރަނީ އަހަރެންގެ ކުޅުންތެރިންނަކީ އެކަހަލަ ހުރިހާ ކަމަކާ ކުރިމަތިލާން އެނގޭ ބަޔަކަށް ހެދުން.” އެމޮރިމް އިތުރަށް ބުނެފައިވެ އެވެ.