އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި މެންޗެސްޓާ ސިޓީ 2-0 އިން ބަލިކޮށް، މި ސީޒަނުގެ ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ލިވަޕޫލުން ބޮޑުކޮށްފި އެވެ.
ރޭ ލިވަޕޫލް ހޯދި މޮޅާ އެކު އެޓީމަށް ވަނީ ލީގުގެ އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ލިވަޕޫލަށް 27 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް އާސެނަލަށް 26 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ 47 ޕޮއިންޓް ލިބިފައިވާ ނޮޓިންހަމް ފޮރެސްޓެވެ. ލިވަޕޫލް އަތުން ބަލިވި މެންޗެސްޓާ ސިޓީ އޮތީ 44 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.
އާސެނަލް ވަނީ މި ހަފްތާ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 1-0 އިން ބަލިވެފަ އެވެ.
ރޭގެ މެޗުގައި ލިވަޕޫލްގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ޖެހީ މުހައްމަދު ސަލާހެވެ. މިއީ މި ސީޒަނުގައި ސަލާހް ލިވަޕޫލަށް ކާމިޔާބުކޮށްދިން 30 ވަނަ ގޯލެވެ. ލިވަޕޫލްގެ ދެވަނަ ގޯލު ދެވަނަ ހާފުގައި ޖެހީ ޑޮމިނިކް ސޮބޯޒްލާއީ އެވެ.
ލީގުގައި ލިވަޕޫލަށް ބާކީ 11 މެޗު އޮތްއިރު، މިހާރު ލިބިފައި އޮތް ލީޑު އެޓީމުން ހިފަހައްޓާނެ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.
ލިވަޕޫލުން ލީގު ޗެމްޕިއަންކަން ހޯދައިފިނަމަ އެޓީމަށް ލީގު 20 ތަށި ވާނެ އެވެ. އިނގިރޭސި ލީގުގެ 20 ތަށި މިހާތަނަށް ހޯދާފައިވަނީ ހަމައެކަނި މެންޗެސްޓާ ޔުނައިޓެޑުންނެވެ.