އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންއާ ދެކޮޅަށް ރަށުން ބޭރުގައި ލިވަޕޫލް ކުޅުނު މެޗު 2-2 އިން އެއްވަރުވެ، މެޗަށް ފަހު ހިނގި ހަނގުރާމައިގައި ގިނަ ރަތްކާޑުތަކެއް ދައްކައިފި އެވެ.
ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ އެވަޓަން އިންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި އެ ގޯލު ކާމިޔާބުކޮށްދިނީ ބެޓޯ އެވެ. އޭގެ އިރުކޮޅެއް ފަހުން ލިވަޕޫލުން ނަތީޖާ ހަމަހަމަކުރި އެވެ. ލިވަޕޫލަށް ގޯލު ކާމިޔާބުކޮށްދިނީ އަލެކްސިސް މެކަލިސްޓާ އެވެ.
ލިވަޕޫލުން މެޗުގައި ލީޑު ނެގީ 73 ވަނަ މިނެޓުގައި މުހައްމަދު ސަލާހެވެ. ލިވަޕޫލް މޮޅުވާނެކަމަށް ބެލެވުނު ނަމަވެސް، އިތުރު ވަގުތުގެ 12 ވަނަ މިނެޓުގައި އެވަޓަންގެ ޖޭމްސް ޓާކޯސްކީ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ޓާކޯސްކީގެ ގޯލަށް ފަހު ދަނޑުގައި ތިބި އެވަޓަންގެ ސަޕޯޓަރުންގެ ފޯރިއާއެކު ދަނޑަށް އައީ އީދެކެވެ. މެޗު ނިމުނު އެވަޓަން ސަޕޯޓަރުން ފޯރިނެގި ވަގުތު، ހަމަނުޖެހުން ހިނގީ ލިވަޕޫލް ކާޓިސް ޖޯންސް އާއި އެވަޓަންގެ އަބްދުލަޔެ ޑޮކޯރޭއާ ދެމެދު އެވެ.
ޖޯންސް ހިތްހަމަނުޖެހިގެން ޑޮކޯރޭއާ ދިމާލަށް ދިއުމާއެކު ދެކުޅުންތެރިންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިނގި އެވެ. އެވަގުތު ދެޓީމުގެ ކުޅުންތެރިން އެތަނަށް އެއްވެ، ދަނޑުގެ ސެކިއުރިޓީންގެ އެހީތެރިކަންވެސް ހޯދަން ޖެހުނެވެ.
ހަމަނުޖެހުންތަކުގައި ރެފްރީ ވަނީ ލިވަޕޫލްގެ ޖޯންސް އަށާއި، އެޓީމުގެ ކޯޗު އާނޭ ސްލޮޓް އަދި އެސިސްޓެންޓް ކޯޗު އައިކް ހަލްސްހޯފަށް ރަތް ކާޑު ދައްކައިފަ އެވެ. އަދި އެވަޓަންގެ ޑޮކޯރޭ އަށް ވެސް ރަތް ކާޑު ދެއްކި އެވެ.
ލިވަޕޫލްއާ އެވަޓަންއަކީ އެއް އަވަށަކަށް ނިސްބަތްވާ ޒަމާންވީ ވާދަވެރި ދެ ކްލަބެވެ. އެވަޓަންގެ ދަނޑުގައި މެޗުތައް ކުޅޭ ފަހަރުތަކުގައި އެ ފޯރި އިތުރަށް ގަދަވެ އެވެ.
ކޮންމެއަކަސް ފަހު ވަގުތު ލިވަޕޫލަށް ތިން ޕޮއިންޓް ގެއްލުމަކީ އެޓީމަށް ލީގު ރޭހުގައި ލިބުނު ބޮޑު ގެއްލުމެކެވެ.
ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 57 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް ލިބިފައިވަނީ 50 ޕޮއިންޓެވެ. އެވަޓަން އޮތީ 27 ޕޮއިންޓާއެކު 15 ވަނައިގަ އެވެ.