ފުރަތަމަ ސަފްޙާ / ޚަބަރު / ވީއޭއާރުން ހެދި ގޯސްތައް އިއުލާނުކޮށްފި

ވީއޭއާރުން ހެދި ގޯސްތައް އިއުލާނުކޮށްފި

އެޑްމިން
އެޑްމިން
1 އަހަރު ކުރިން 5 ފެބްރުއަރީ 2025

ދެހާސް ސަތާރަ ވަނަ އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕްގައި މުޅިން އަލަށް ބޭނުންކުރަންފެށި ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ނުވަތަ ވީޑިއޯ އެސިސްޓަންޓް ރެފްރީ ޓެކްނޮލޮޖީއަކީ މިހާރު ފުޓުބޯޅައިގެ ބޮޑެތި ހުރިހާ މުބާރާތެއްގައި އެއަށް ވަރަށް ބޮޑަށް ބަރޯސާވެފައި ޓެކްނޮލޮޖީއެކެވެ. އެހެންނަމަވެސް ވީ.އޭ.އާރުގެ ނިންމުންތަކާއިމެދު ބައެއްފަހަރު މުޅި ފުޓްބޯޅަ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައި އެބަހުއްޓެވެ.

އެގޮތުން ޕްރިމިއަރ ލީގުގައި މިސީޒަންގައި މިހާތަނަށް ކުޅުނު މެޗްތަކުގައި ވީއޭއާރުން 13 ކުށެއް ހެދިފައިވާކަމަށް މިމުބާރާތުގެ ކީ މެޗް އިންސިޑެންޓްސް ޕެނަލުން ވަނީ ފާހަގަކޮށްފަ އެވެ. އެހެންނަމަވެސް މިއީ މިދިޔަ ސީޒަންގެ މިހާހިސާބުގައި ހެދިފައިވާ 20 ކުށަށްވުރެ މަދު އަދަދެކެވެ. މިސީޒަނުގައި މިހާތަނަށް ލީގުގައި ކުޅުނު 239 މެޗުގައި ވީއޭއާރުން 70 އިންޓަވެންޝަން ހިނގާފައިވާއިރު، އޭގެތެރެއިން 4 ފަހަރެއްގައި ނުބައިކޮށް ޑިސިޝަންނަގައި، 9 މިސްޑް އިންޓަވެންޝަން ހިމެނެ އެވެ.

“އަހަރެމެންނަށް އެނގޭ އެންމެ ކުށަކުން ވެސް ކްލަބްތަކަށް ގެއްލުން ލިބިދާނެކަން. ޕޮއިންޓްތަކާއި ނަތީޖާތަކުގެ ސަބަބުން މެނޭޖަރުންގެ މަގާމުތައް ގެއްލިދާނެ. އަދި ފަހަރެއްގައި ކުޅުންތެރިންގެ ޖާގަ ވެސް ގެއްލިދާނެ” ޕްރިމިއާ ލީގުގެ ޗީފް ފުޓްބޯޅަ އޮފިސަރ ޓޯނީ ސްކޯލްސް ބުނެފައިވެ އެވެ.

މިސާލަކަށް ބަލާނަމަ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގައި އެރިކް ޓެން ހާގް ހުރި އިރު، އެޓީމު ވެސްޓް ހޭމް ޔުނައިޓެޑާ އެކު ކުޅުނު މެޗް ފާހަގަކުރެވެ އެވެ. ވެސްޓްހޭމްގެ ސްޓްރައިކަރު ޑެނީ އިންގްސް މެންޗެސްޓާ ޔުނައިޓެންޑްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ވެއްޓުނު ނަމަވެސް، ރެފްރީ ޑޭވިޑް ކޫޓް ކުޅުން ކުރިއަށް ގެންދިއުމަށް އިޝާރާތްކުރި އެވެ. އެހެންނަމަވެސް ވީއޭއާރުގައި އިން މައިކަލް އޮލިވާ ރެފްރީއަށް ލަފާދިނީ އެހާދިސާ ބެލުމަށެވެ. އެކަން ބެލުމަށްފަހު ކޫޓް ދިން ޕެނަލްޓީގައި ޖަރޮޑް ބޮވެން އެ ޕެނަލްޓީ ކާމިޔާބުކޮށް ވެސްޓް ހޭމަށް މެޗު ކާމިޔާބުކޮށްދިނެވެ. އެދުވަސްވަރު ޕްރެޝަރުއޮތް މެންޗެސްޓަރ ޔުނައިޓެޑްގެ މެނޭޖަރު ޓެން ހާގް ޖެހިގެން އައި ދުވަހު މަޤާމުން ވަކިކުރި އެވެ. މިމެޗާއި ގުޅިގެން ޕްރިމިއާ ލީގުގެ ޗީފް ރެފްރީން އޮފިސާ ހަވާޑް ވެބް ފަހުން ބުނެފައިވަނީ އެއީ ވެސްޓް ހޭމަށް ޕެނަލްޓީ ދޭންޖެހޭ ހާލަތެއް ނޫން ކަމަށެވެ.

އަނެއް ހާދިސާއަކީ 2024 ނޮވެމްބަރ 23 ވަނަ ދުވަހު ބްރެންޓްފޯޑް އަދި އެވަޓަން ބައްދަލުކުރި މެޗްގައި ބްރެންޓްފޯޑްގެ ކްރިސްޓިއަން ނޯގާޑަށް ދެއްކި ރަތްކާޑެވެ. ހިނގައިދިޔަ ހާދިސާއަށް ފަހު، ރެފްރީ ކްރިސް ކަވަނާ އެއްވެސް ފިޔަވަޅެއް ނޭޅި ނަމަވެސް، ވީއޭއާރުން އޭނާއަށް ލަފާދިނީ އެ ހާދިސާ އަލުން ބެލުމަށެވެ. އެކަން ބެލުމަށްފަހު ރެފްރީ، ނޯގާޑަށް ސީދާ ރަތް ކާޑެއް ދެއްކިއިރު، އޭނާ ތިން މެޗަށް ސަސްޕެންޑް ކުރި އެވެ. އެހެންނަމަވެސް ފަހުން އެ ތިން މެޗުގެ ސަސްޕެންޝަން އިސްތިއުނާފުގައި ބާތިލުކުރި އެވެ.

ނޮޓިންހަމްގެ މިލެންކޮވިޗް ޖެހި ގޯލު ކެންސަލްކުރުމުން ރެފްރީއާ ވާހަކަދައްކަނީ. އެއީ ރަނގަޅު ގޯލެއްކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ.

ވީއޭއާރުން މިސީޒަނުގައި ހެދި ތިން ވަނަ ގޯހަކީ، ޖެނުއަރީ 19 ވަނަ ދުވަހު ނޮޓިންހަމް ފޮރެސްޓް އަދި ސައުތެމްޓަން ކުޅުނު މެޗުގައި ނޮޓިންހަމް ފޮރެސްޓްގެ މިލެންކޮވިޗް ޖެހި ގޯލު ވީއޭއާރުން ބާތިލުކުރުމެވެ. ރެފްރީ އެންތަނީ ޓެއިލާއަށް މިކަމުގައިވެސް ވީއޭއާރުން ލަފާދިނީ އެ ގޯލު ބާތިލުކުރުމަށެވެ. އެއީ ފޮރެސްޓްގެ ސްޓްރައިކަރު ކްރިސް ވުޑް އޮފްސައިޑް ޕޮޒިޝަނަކުން އައިސް ސައުތެމްޓަންގެ ޑިފެންޑަރުންނަށް ބޯޅަ ހޯދަން ހުރަސްއެޅި ކަމަށް ބެލެވޭތީ އެވެ. ހަނިގޮތަކަށް ނޮޓިންހަމް މޮޅުވި މިމެޗްގެ ކެންސަލްކުރި ގޯލު އެއީ ދޭންޖެހޭނެ ގޯލެއްކަމަށް މިނިވަން ޕެނަލްއަކުން ފަހުން ވަނީ ނިންމާފަ އެވެ.

އެ މެޗުތަކުގެ އިތުރުން، 2024 އޯގަސްޓް 25 ވަނަ ދުވަހު ބޯންމައުތު އަދި ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗުގައި ފަހުވަގުތުގައި ބޯންމައުތުގެ ޑަންގޯ އުޓާރާ ބޯންމައުތަށް ކާމިޔާބު ކޮށްދިން ލަނޑާ އެކު އެޓީމު މޮޅުވީކަމަށް މެޗު ބަލަންތިބި އެންމެން ނިންމި އެވެ. އަދި ރެފްރީ  ޑޭވިޑް ކޫޓް އެއީ ގޯލެއް ކަމަށްވެސް ނިންމި އެވެ. އެހެންނަމަވެސް ވީއޭއާރުން ޓިމް ރޮބިންސަން، ކޫޓަށް ލަފާދިނީ އެއީ ހޭންޑްބޯލްއެއް ކަމުން އޭނާގެ ނިންމުން ބަދަލުކުރުމަށެވެ. އުޓާރާ އަތުގައި ބޯޅަ ޖެހުނީ އޭނާގެ އަތުގެ ދަށްފުށުން ކަމަށް ކަނޑައެޅިގެން ދައްކައިދޭ ހެއްކެއް ނެތުމާއެކު، ޕީޖީއެމްއޯއެލްގެ ވެރިޔާ ހަވާޑް ވެބް، ސްކައި ސްޕޯޓްސްގެ ‘މެޗް އޮފިޝަލްސް މައިކްޑް އަޕް’ ޕްރޮގްރާމުގައި ވާހަކަދައްކަމުން ބުނެފައިވަނީ ވީއޭއާރުން އިންޓަވީން ކުރުމަކީ ނުބައި ނިންމުމެއް ކަމަށެވެ.

މިފަދަ ހާދިސާތައް މަދުކުރުމަށް ފީފާ އަދި ޔުއެފާގެ މުބާރާތްތަކުގައި ބޭނުންކުރާ ސެމީ-އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ މި އޮކްޓޯބަރު ނުވަތަ ނޮވެމްބަރު މަހު ކުޅޭ ބައިނަލްއަގްވާމީ މެޗުތަކުގައި ތައާރަފްކުރެވޭނެކަމަށް އުންމީދުކުރެވިފައިވެ އެވެ. ލީގުގެ އޮފިޝަލުން އުންމީދުކުރަނީ މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އޮފްސައިޑް ޗެކުކުރުމަށް ހޭދަވާ ވަގުތު 31 ސިކުންތު މަދުކުރެވޭނެ ކަމަށެވެ.

“މި ޓެކްނޮލޮޖީއަކުން ސައްހަކަން ރަނގަޅެއް ނުކުރެވޭ، އޭގެ ބަދަލުގައި އެ ޕްރޮސެސް އިތުރަށް ހަލުވިކޮށްދޭ” ސްކޯލްސް ބުންޏެވެ.

އޮފިޝަލުންނަށް އޮތް އިތުބާރާ ބެހޭގޮތުން ސުވާލުކުރެވުމުން، ސްކޯލްސް ބުނެފައިވަނީ އަހަރެމެން އެންމެންގެ ވެސް ޒިންމާއެއް އެބައޮތްކަމަށާއި ދެކެވޭ ވާހަކަތަކުގައި ވަކި ވަރަކަށް ހަމަހަމަކަން ގެންގުޅުމަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!