ޔޫއެފާ ޗެމްޕިއަންސް ލީގު، ލީގު ބުރުގެ އެއްވަނަ ހޯދުމަށްވުރެ އޭނާ އަށް މުހިއްމީ ކުޅުންތެރިންނަށް ރެސްޓް ދިނުން ކަމަށް ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނެފި އެވެ.
އާ ފޯމެޓުގައި ފުރަތަމަ ފަހަރަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު ލީގު ބުރުގެ ފަހު މެޗުގައި ލިވަޕޫލުން މިރޭ ރަށުން ބޭރުގައި ނުކުންނާނީ ނެދަލެންޑްސްގެ ޕީއެސްވީއާ ދެކޮޅަށެވެ. މެޗަށް ނުކުންނައިރު ވެސް ލިވަޕޫލް ވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ޖާގަ ހޯދާފަ އެވެ.
ލިވަޕޫލުން ވަނީ ފުރަތަމަ ހަތް މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. މިރޭގެ މެޗު ކާމިޔާބުކޮށްގެން 100 އިންސައްތަ ރެކޯޑަކާ އެކު 36 ޓީމު ހިމެނޭ ލީގު ބުރުގެ އެއްވަނަ ލިބޭނެ އެވެ. އެކަމަކު މެޗަށް ލިވަޕޫލުން ނެރޭނީ ބެންޗު ޓީމެވެ.
ލިވަޕޫލްގެ ފުރަތަމަ ޓީމުގައި ހިމެނޭ ތަރިން ކަމަށްވާ ކެޕްޓަން ވާޖިލް ވެންޑައިކް، މުހައްމަދު ސަލާހް، ކީޕަރު އެލިސަން ބެކާ، ޓްރެންޑް އަލެކްޒަންޑަ އާނޯލްޑް، އިބްރާހިމަ ކޮނާޓޭ، ރަޔަން ގްރަވަންބަކް، އަލެކްސިސް މެކަލިސްޓާ، ޑޮމިނިކް ސޮބޯޒްލާއީ އަދި ލުއިޒް ޑިއާޒް ވަނީ މިރޭގެ މެޗްޑޭ ސްކޮޑުން އުނިކޮށްފަ އެވެ.
“ޔޫރަޕްގެ އެހެން ޓީމުތަކެކޭ އެއްގޮތަށް އަހަރެމެން މިދަނީ މިކުޅުންތެރިންނާއެކު ބައިވަރު މެޗުތައް ކުޅެމުން. ސްކޮޑުގައި ބޭނުންނުކޮށް ތިބި ކުޅުންތެރިން މި މެޗުގަ ކުޅޭނެ. ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތެއް ދެވެން އޮތީޔާ އެކަން ކުރަމުން މިދަނީ” މެޗުގެ ކުރިން ލިވަޕޫލްގެ ކޯޗު ބުންޏެވެ.
މިރޭގެ މެޗުން ބަލިވިޔަސް، ދެވަނަ އިން ދަށަށް ލިވަޕޫލް ނުވެއްޓޭނެ އެވެ. ލިވަޕޫލަށް ހަތް މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ބާސެލޯނާ ވަނީ ހަތް މެޗުން 18 ޕޮއިންޓް ހަމަކޮށްފަ އެވެ. ލިވަޕޫލަށް އެއްވަނަ ގެއްލޭނެ ހަމައެކަނި ހާލަތަކީ ބާސެލޯނާ މިރޭގެ މެޗުން މޮޅުވުމެވެ.
“އަހަރެމެން ނިންމަނީ ދެ ވަނައިގައިތޯ އެއް ވަނައިގަތޯ މުހިއްމެއް ނޫން. ނޮކައުޓް ބުރުގައި އަހަރެމެން ކުޅެން ޖެހޭނީ 15 އާއި 18 ވަނައާ ދެމެދުގެ ޓީމަކާ” ލިވަޕޫލްގެ ކުޅުންތެރިންނަށް ރެސްޓެއް ދިން ސަބަބު ހާމަކުރަމުން ސްލޮޓް ބުންޏެވެ.
ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު އެކެއް ޖަހާއިރު އެވެ. މިރޭގެ މެޗުތަކަށް ފަހު މުބާރާތުން ކަޓާ ޓީމުތަކާއި ޕްލޭއޮފް ޖާގަތައް އަދި ގަދަ އަށެއް ކަށަވަރުވާނެ އެވެ.