އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް ދެކޮޅަށް ކުޅުނު އުނދަގޫ މެޗް، 1-0 އިން މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފި އެވެ.
ދެޓީމުންވެސް ހަމަހަމަ ކުޅުމެއް ދެއްކި މި މެޗްގައި ޔުނައިޓެޑްގެ އަދި މެޗުގެވެސް ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އިތުބާރު ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް އެވެ. މެޗުގެ 78 ވަނަ މިނެޓްގައި ކާމިޔާބުކުރި މިލަނޑަކީ ގޯލަށް އަމާޒުކޮށް އެޓީމަށް ފޮނުވާލެވުނު ހަމައެކަނި ހަމަލާވެސްމެ އެވެ. މިއީ 2023 ނޮވެމްބަރ މަހަށްފަހު އަމިއްލަ ދަނޑުގައި ޔުނައިޓެޑް އަތުން ފުލަމް ބަލިވި ފުރަތަމަ މެޗެވެ.
މިދިއަ އަހަރު ނޮވެމްބަރު މަހު ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވި ރުބެން އެމޮރިމް ލީގުގައި ހޯދި ހަތަރު ވަނަ މޮޅާ އެކު ޔުނައިޓެޑް ވަނީ ތާވަލުގެ 12 ވަނައަށް ކުރިއަށް ޖެހިލާފަ އެވެ. އަދި 33 ޕޮއިންޓާ އެކު ފުލަމް އުޅެނީ ތާވަލުގެ 10 ވަނައިގަ އެވެ.
ލީގުގެ މިސީޒަންގައި މިހާތަނަށް އެންމެ މަދުން ހަލަމާ އުފެއްދި މި މެޗުގައި ދެޓީމަށް އުފެއްދިފައިވަނީ އެންމެ 13 ހަމަލާ އެވެ. އަދި، ޔުނައިޓެޑަށް ހަމަލާއެއް އުފެއްދިފައިވަނީ މެޗުގެ 42 ވަނަ މިނެޓުގަ އެވެ. މިމެޗުގެ 88 ވަނަ މިނެޓުގައި ފުލަމްގެ ޔަކީމް އެންޑަސަން ފޮނުވާލި ހަމަލާ ގޯލު ރޮނގު މަތިން ސަލާމަތްކުރީ މެންޗެސްޓަރ ޔުނައިޓެޑުން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޓޮބީ ކޮލްޔާ އެވެ. އަދި އިތުރު ވަގުތުގައި ފުލަމްގެ ރޮޑްރިގޯ މުނީޒް ފޮނުވާލި ނުރައްކާތެރި ހަމަލާވެސް ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ފުލްހަމްގެ ކޯޗު މާކޯ ސިލްވާ ވަނީ މެޗުން ބަލިވުމުން ހިތާމަ ކުރާކަމަށާއި ޓީމު މޮޅަށް ކުޅެ ހަމަލާތަކެއްވެސް އުފައްދާފައިވާ ކަމަށް ބުނެފަ އެވެ. ޔުނައިޓެޑްގެ ކޯޗު އެމޮރިމް އާއި ނޫސްވެރިން ކުރިމަތިކުރުވި ގިނަ ސުވާލުތަކަކީ މާކަސް ރަޝްފޯޑު ރޭގެ މެޗުންވެސް ދަނޑުމަތިން ނުފެނުމުން ކުރެވުނު ސުވާލުތަކެވެ. އެސުވާލުތަކަށް ޖަވާބުދެމުން ކޯޗު ބުނެފައިވަނީ 65 އަހަރު ގޯލު ކީޕަރު ކޯޗް ދަނޑުމަށްޗައް އަރުވައިގެން ކުޅެން ޖެހުނު ނަމަވެސް، ޓީމުގެ ޕްރެކްޓިސްތަކުގައި ރަނގަޅަށް މަސައްކަތް ނުކުރާ ކުޅުންތެރިއަކު ދަނޑުމައްޗަށް ނާރުވާނެކަމަށެވެ.
މިމެޗް ބަލާލުމަށް މި ދެޓީމަށް 313 މެޗް ކުޅެދީފައިވާ ކުޅެފައިވާ ކުޅަދާނަ ގޯލްކީޕަރ އެޑްވިން ވެންޑަ ސާ ވަނީ ގޮސްފަ އެވެ. ވެން ޑަ ސާ އަށް ދެ ޓީމުގެ ސަޕޯޓަރުން ވެސް ހޫނު މަރުހަބާއެއްކި އެވެ.