އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 1-4 އިން އިޕްސްވިޗް ޓައުން ބަލިކޮށް ލިވަޕޫލުން ލީގުގެ އެއް ވަނައިގައި ހަމަޖެހިލައިފި އެވެ.
ރޭގެ މޮޅާ އެކު ލިވަޕޫލް އެއް ވަނައިގައި އޮތީ 53 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލް ރޭ ވަނީ ރަށުން ބޭރުގައި 1-0 އިން ވުލްވްސް ބަލިކޮށްފަ އެވެ. އާސެނަލް އޮތީ 47 ޕޮއިންޓުގަ އެވެ. އާސެނަލަށް ވުރެ ލިވަޕޫލް އޮތީ އެއް މެޗު މަދުކޮށެވެ. މަދުވާ މެޗުގައި ލިވަޕޫލް ނުކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.
ރޭގެ މެޗުގައި ލިވަޕޫލްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޑޮމިނިކް ސޮބޮސްލާއީ އާއި މުހައްމަދު ސަލާހުގެ އިތުރުން ކޯޑީ ގަކްޕޯ އެވެ. މެޗުގައި ގަކްޕޯ ދެ ގޯލު ޖެހި އެވެ.
ލިވަޕޫލްގެ އާ ކޯޗު އާނޭ ސްލޮޓްގެ އިރުޝާދުގެ ދަށުން އެޓީމު އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ލީގުގައި އެޓީމު މިހާތަނަށް ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ސެޕްޓެމްބަރު އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް އަތުންނެވެ. އޭގެފަހުން މެޗަކުން ބަލިނުވެ ލީގުގައި ލިވަޕޫލުން ވަނީ 18 މެޗު ހަމަކޮށްފަ އެވެ.
އެޓީމުގެ ސަލާހް ރަނގަޅު ފޯމެއްގައި ހުރިއިރު ރޭގެ ގޯލާ އެކު ލީގުގައި 19 ގޯލު މި ސީޒަނުގައި ވަނީ ޖަހައިފަ އެވެ. އެއީ ލަނޑު ލިސްޓުގެ އެއް ވަނަ އެވެ.
މި ސީޒަނުގައި ލިވަޕޫލް އެހެން ޓީމަކަށް އަތުނުވާނެ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. ހާއްސަކޮށް މެންޗެސްޓާ ސިޓީ ފަހަތަށް ސޮއްސާލުމާ އެކު ލިވަޕޫލާ ރަނގަޅު ޗެލެންޖެއް ދޭނެ ޓީމެއް ނެތެވެ. ދެ ވަނައިގައި އޮތް އާސެނަލް އަށް އަނިޔާގެ މައްސަލަތައް ދިމާވެ، އެޓީމަށް އެއް ފެންވަރެއްގައި ނަތީޖާތަކެއް ނުހިފެހެއްޓެ އެވެ.
ޕްރިމިއާ ލީގުގެ ތާރީހަށް ބަލާއިރު ލިވަޕޫލް މިހާރު ނަގާފައި އޮތް ލީޑުގެ މައްޗަށް އެހެން ޓީމަކަށް ކުރި ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ. އެކަމަކު 1996 ވަނަ އަހަރު ލީގުގައި ކުޅުނު 23 މެޗަށް ފަހު ނިއުކާސަލް ޔުނައިޓެޑުން އޮތީ، ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވުރެ 12 ޕޮއިންޓް ކުރީގަ އެވެ. އެފަހަރު ލީގު ނިމުނުއިރު ސާ އެލެކްސް ފާގަސަންގެ ކޯޗުކަމުގައި ޔުނައިޓެޑްވަނީ ނިއުކާސަލް ފަހަތަށް ޖައްސާލައި ޗެމްޕިއަންކަން ހޯދާފަ އެވެ.
ލީގުގައި ރޭ މެންޗެސްޓާ ސިޓީ އިން ވަނީ އަމިއްލަ ދަނޑުގައި ޗެލްސީ 1-3 އިން ބަލިކޮށްފަ އެވެ. މެޗުގައި ސިޓީގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޔޮސްކޯ ގްވާޑިއޯލް އާއި އާލިން ހާލަންޑުގެ އިތުރުން ފިލް ފޯޑެން އެވެ.