ފުރަތަމަ ސަފްޙާ / ޚަބަރު / ރެއާލް މެޑްރިޑަކީ ޔޫރަޕްގެ ޗެމްޕިއަންކަން ހަނދާންކޮށްދީފި

ރެއާލް މެޑްރިޑަކީ ޔޫރަޕްގެ ޗެމްޕިއަންކަން ހަނދާންކޮށްދީފި

އެޑްމިން
އެޑްމިން
1 އަހަރު ކުރިން 23 ޖެނުއަރީ 2025

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އޮސްޓްރިއާގެ ރެޑްބުލް ސާލްޒްބާގް 1-5 އިން ބަލިކޮށް ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރަށް ދިއުމުގެ އުއްމީދު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ހޯދައިފި އެވެ.

މޮޅާއެކު ރެއާލް އޮތީ 12 ޕޮއިންޓާ އެކު 16 ވަނައިގަ އެވެ.

ޗެމްޕިއަންސް ލީގުގެ އާ ފޯމެޓުގެ ގްރޫޕް ލީގު ބުރުގައި 36 ޓީމު ވާދަކުރެ އެވެ. ގަދަ 16 އިން ސީދާ ޖާގަތައް ލިބޭނީ އެންމެ ކުރީގައި ނިންމާލާ 8 ޓީމަށެވެ. ބާކީ 8 ޓީމު ހޮވާނީ 16 ޓީމުގެ ދެމެދުގައި ކުޅޭ ޕްލޭއޮފް މެޗުތަކަކަށް ފަހު އެވެ. ލީގު ބުރުން ކަޓާނީ 25 ވަނައިން ފެށިގެން ދަށުން ނިންމާލާ ޓީމުތަކެވެ.

ރޭގެ މެޗުގައި ރެއާލްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންހަމް އާއި ކިލިއަން އެމްބާޕޭ އަދި ވިނީޝިއުސް ޖޫނިއާ އެވެ. ބެލިންހަމް އާއި ވިނީޝިއުސް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ.

މޮޅާއެކު ރެއާލަށް ވަނީ ޕްލޭއޮފް ޖާގައެއް ކަށަވަރުވެފަ އެވެ. ލީގު ބުރުގައި ރެއާލަށް ބާކީ އޮތީ ރަށުން ބޭރުގައި ފްރާންސްގެ ބްރެސްޓާ ވާދަކުރާ މެޗެވެ. އެ މެޗުން މޮޅުވެގެން ގަދަ 8 ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ރެއާލަށް ލިބިދާނެ އެވެ.

ޗެމްޕިއަންސް ލީގު ފަށައިގެން މިފަހަރު ކުޅުނު 6 މެޗުގެ ތެރެއިން 3 މެޗުން ރެއާލް ބަލިވި އެވެ. އެހެންވެ ލީގު ބުރުން ސަލާމަތްވާން ރެއާލް ބުރަކޮށް މަސައްކަތްކުރަން ޖެހުނެވެ.

ރޭގެ މެޗުތަކަށް ފަހު ލީގު ބުރުގެ ގަދަ 8 ގައި އޮތީ، ލިވަޕޫލް، ބާސެލޯނާ، އާސެނަލް، އިންޓަ މިލާން، އެތުލެޓިކޯ މެޑްރިޑް، އޭސީ މިލާން، އެޓަލާންޓާ އަދި ބަޔާން ލެވަކޫސަން އެވެ.

ރެއާލް މެޑްރިޑަކީ ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ކުރީގައި އޮތް ކްލަބެވެ. ރެއާލުން 15 ފަހަރު ޗެމްޕިއަންސް ލީގު ހޯދިއިރު، ތަށީގެ ރޭހުގައި އެޓީމާ ވާދަކުރެވޭ ޓީމެއްވެސް މިހާރު ނެތެވެ. މިދިޔަ އަހަރު ޗެމްޕިއަންސް ލީގު ރެއާލުން ހޯދީ ފައިނަލުގައި 0-2 އިން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށްގެންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!