އުމުރުގެ މިހިސާބުގައި ގިނަ ލާރި ލިބޭ އޮފާތަކަށް ބަލައި ގޮތްނިންމަން ޖެހޭ ކަމަށް މެންޗެސްޓާ ސިޓީގެ މުހިއްމު މިޑްފީލްޑަރު ކެވިން ޑި ބްރޭނާ، 32، ބުނެފި އެވެ.
ޑި ބްރޭނާ ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި އަހަރެއް އެބައޮތެވެ. ޑި ބްރޭނާ އަކީ 2015 ވަނަ އަހަރު ޖަރުމަނުގެ ވުލްފްސްބާގް އިން ސިޓީ އަށް ބަދަލުވުމަށް ފަހު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ.
ޑި ބްރޭނާ ވަނީ ސިޓީގައި މިހާތަނަށް ލީގު ޗެމްޕިއަންކަން ހަ ފަހަރު ހޯދައި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެ ހުރިހާ ތައްޓެއް ހޯދުމުގައި ވެސް ކޯޗު ޕެޕް ގާޑިއޯލާގެ ޕްލޭންގައި ޑި ބްރޭނާގެ ދައުރު ބޮޑެވެ. ސިޓީގައި ދައްކަން ފެށި އަދާޔާހިލާފު މޮޅު ކުޅުމާ އެކު ޑި ބްރޭނާ އަކީ މި ޖީލު ދުށް އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.
ޑި ބްރޭނާ ގެންދަން ބޮޑު ހަރަދުކުރާ ސައުދީ ލީގުގެ ޓީމުތަކުން މަސައްކަތް ފަށާފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ޑި ބްރޭނާ ވަނީ އޭނާގެ ވިސްނުން ހުރިގޮތް ސާފުކޮށްދީފަ އެވެ.
“އަހަރެންގެ އެއްބަސްވުމުގައި އަދިވެސް އަހަރެއް ބާކީ އެބައޮތް. އެހެންވީމަ ދެން ވާނެ ގޮތަކަށް ވިސްނަންޖެހޭ. އަހަރެންގެ ދޮށީ ދަރިފުޅަށް މިހާރު 8 އަހަރު. ދަރިފުޅަށް އެނގެނީ ހަމައެކަނި އިންގްލެންޑް. އޭނަ މިހާރުވެސް އަހާ ބައްޕަ ސިޓީގައި ހުންނާނީ ކިހާ ދުވަހަކުތޯ. ވަގުތު ޖެހުނީމަ ބައެއް ކަންކަމާ މެދު ވިސްނާގޮތް ބަދަލުކުރަން ޖެހޭނެ” ބޮޑު އޮފާއަކަށް ވިސްނުން ބަދަލުކޮށްފާނެ ކަމުގެ އިޝާރާތެއް ދެމުން ބެލްޖިއަމްގެ ނޫހަކަށް ދިން އިންޓަވިއުގައި ޑި ބްރެނާ ބުންޏެވެ.
ޑި ބްރޭނާ ބުނީ ކެރިއަރުގެ ފަހު އަހަރުތަކުގައި ސައުދީގައި ކުޅެފިނަމަ އެނާގެ މާލީ މަންފާ އިތުރުވާނެ ކަމަށެވެ.
“އަހަރެން މިހުރި އުމުރުގަ ޖެހޭނެ އެހެން ހުށަހެޅުންތަކަށް އޯޕަން ވާން. މި ދައްކަނީ ކެރިއަރުގެ ފަހުކޮޅު ލިބޭ އަގުބޮޑެތި އޮފާތަކުގެ ވާހަކަ. ބައެއްފަހަރު އެކަމަށް ވިސްނަން ޖެހޭނެ” ޑި ބްރޭނާ ބުންޏެވެ.
ޑި ބްރޭނާ މިހާރު ތައްޔާރުވަމުން އަންނަނީ ބެލްޖިއަމްއާ އެކު ޔޫރޯ އަށެވެ. މި މަހު ޖަރުމަނުގައި ފަށާ ޔޫރޯގައި ބެލްޖިއަމް ޓީމުގެ ކެޕްޓަންކަން ކުރާނީ ޑި ބްރޭނާ އެވެ.
އަންނަ ސީޒަނުގައި ޑި ބްރޭނާ ކްލަބުގައި މަޑުކުރާނެތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. އެކަމަކު ސައުދީގެ ބޮޑު އޮފާތައް ނޫން ގޮތަކަށް ސިޓީ އިން ޑި ބްރޭނާ ގުޑުވާލެވޭނެ ކަމަކަށް ނުބެލެވެ އެވެ.