ފުރަތަމަ ސަފްޙާ / ޚަބަރު / ރެއާލް މެޑްރިޑަށް އެންމެ ފަރިތަ ކަންތައް 15 ވަނަ ފަހަރަށް ކޮށްފި

ރެއާލް މެޑްރިޑަށް އެންމެ ފަރިތަ ކަންތައް 15 ވަނަ ފަހަރަށް ކޮށްފި

އެޑްމިން
އެޑްމިން
1 އަހަރު ކުރިން 2 ޖޫން 2024

ރެއާލް މެޑްރިޑާ އެންމެ ރައްޓެހި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ކްލަބުގެ ތާރީހުގައި 15 ވަނަ ފަހަރަށް ރޭ ހޯދައިފި އެވެ.

ދުނިޔޭގައި އޮތް އެންމެ މޮޅު ކްލަބް، ޔޫރަޕްގެ ޗެމްޕިއަންކަން ރޭ ހޯދީ އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލްގައި 0-2 އިން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށްގެންނެވެ.

ރެއާލް ފުރަތަމަ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދީ 1956 ވަނަ އަހަރު އެވެ. އޭގެފަހުން ފަސްދޮޅަހުގެ އަހަރުތައް ނިމުނުއިރު އެޓީމު ހަ ފަހަރަށް އެ ތަށި ކާމިޔާބުކުރި އެވެ. ދެން އެޓީމަށް އައީ މަޑުޖެހުމެކެވެ. ހަތްދިހައިގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ ފަހުކޮޅާ ހަމައަށް އެޓީމަށް ޔޫރަޕްގެ ޗެމްޕިއަންކަމެއް ނުލިބުނެވެ. ހަތް ވަނަ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދީ 1998 ވަނަ އަހަރު އެވެ. އެޓީމު ފުލުފުލުގައި ތަށިތައް ހޯދީ ދެހާހުގެ އަހަރުތަކުން ފެށިގެންނެވެ. އެންމެފަހުން ކުޅުނު 10 ޗެމްޕިއަންސް ލީގުގެ ތެރެއިން ފަސް ފަހަރު ޗެމްޕިއަންކަން ހޯދީ އެޓީމެވެ.

ރެއާލްއާ އެންމެ ގާތުން ވާދަކުރަން އޮތް އޭސީ މިލާނަށް ޗެމްޕިއަންސް ލީގު ލިބިފައިވަނީ ހަތް ފަހަރު އެވެ. ލިވަޕޫލް އާއި ބަޔާން މިއުނިކަށް ލިބިފައިވަނީ ހަ ތައްޓެވެ.

ރެއާލް މޮޅުވިޔަސް މުޅި މެޗުގައި ޑޯޓްމަންޑް މޮޅު ކުޅުމެއް ދެއްކި އެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވި އެވެ. މެޗުގައި ޑޯޓްމަންޓުގެ ހަމަލާތައް ހުއްޓުވުމުގައި ގޯލްކީޕަރު ތިބައު ކޯޓުއާ މޮޅު ކުޅުމެއް ދެއްކި އެވެ.

މެޗުގެ ނަތީޖާ ރެއާލުން ބަދަލުކޮށްލީ ދެ ވަނަ ހާފުގެ ފަހުކޮޅު އެވެ. އެޓީމުގެ ފުރަތަމަ ގޯލު 74 ވަނަ މިނެޓުގައި ޖެހީ ޑެނީ ކަވަހާލް އެވެ. ޓޮނީ ކްރޫސް ނަގައިދިން ކޯނަރު ކަވަހާލް ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ. ރެއާލްގެ ދެ ވަނަ ގޯލު 83 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ޖެހީ ވިނީޝިއުސް ޖޫނިއާ އެވެ. އެއީ ޑޯޓްމަންޑުގެ ޑިފެންސުން ހެދި ގޯހެއްގެ ފައިދާ ނަގައި ރެއާލް ޖެހި ލަނޑެކެވެ.

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ މިހާރު ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެއީ 2003، 2007 ގައި އޭސީ މިލާނާ އެކު ހޯދި ދެ ތައްޓާއި އޭގެފަހުން ރެއާލްގައި ހޯދި ތިން ތައްޓެވެ. ރެއާލަށް އަންޗެލޮޓީ ޗެމްޕިއަންކަން ހޯދައިދިނީ 2014، 2023 އަދި މިއަހަރު އެވެ. އަންޗެލޮޓީ އަކީ މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗެވެ.

ޑޯޓްމަންޑް ވަނީ 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ވެސް ބަލިވެފަ އެވެ. ހަމަ ވެމްބްލީ ސްޓޭޑިއަމްގައި އެފަހަރު ބަލިވީ ބަޔާން މިއުނިކް އަތުންނެވެ.

ޗެމްޕިއަންސް ލީގު ފައިނަލާ އެކު ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ވަނީ ނިމިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!