ޗެމްޕިއަންސް ލީގުގެ ތަށި 14 ފަހަރު ރެއާލް މެޑްރިޑުން ހޯދާފަ އޮތަސް މިރޭ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ ފައިނަލުގެ ބިރު އެބައޮތް ކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލުގައި ރެއާލުން މިރޭ ދަންވަރު ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގަ އެވެ.
ފައިނަލާ ކުރިމަތިލާއިރު ރެއާލް ވަނީ މި ސީޒަނުގެ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. ޖަރުމަނު ލީގުގައި ޑޯޓްމަންޑް ނިންމާލީ ފަސް ވަނައިގަ އެވެ.
ޗެމްޕިއަންސް ލީގުގެ ކާމިޔާބީގައި ރެއާލްއާ ގާތްކުރާ ޓީމެއް ނެތެވެ. އެ ކްލަބުގެ ފަހަތުން ދެ ވަނައިގައި އޮތީ ހަތް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އޭސީ މިލާން އެވެ.
އަންޗެލޮޓީއަކީ ޗެމްޕިއަންސް ލީގުގެ ހަތަރު ތައްޓާ އެކު މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗެވެ. އެކަމަކު މެޗުގެ ކުރިން ވާހަކަދައްކަމުން އަންޗެލޮޓީ ބުނީ ނަން ކިތަންމެ ބޮޑަސް މިރޭގެ މެޗުގެ ކުރިން އެއްވެސް ކަމެއް ޔަގީންނުވާނެ ކަމަށެވެ.
“ޗެމްޕިއަންސް ލީގު ފައިނަލަކީ އެންމެ މުހިއްމު އަދި އެންމެ ނުރައްކާ މެޗު. ފައިނަލެއްގަ ނަސީބު ބޭނުންވާނެ. ރަނގަޅަށް ކުޅެން ޖެހޭނެ. ފައިނަލަކީ ކާމިޔާބީއާ ވަރަށް ގާތަށް ދެވުން. އެކަމާ ހެދި ވިސްނޭލެއް ވެސް ބޮޑުވާނެ. އެ ބިރު ކުޅުންތެރިންނަށް އެބައޮތް” އަންޗެލޮޓީ ބުންޏެވެ.
ރެއާލް ވަނީ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މެންޗެސްޓާ ސިޓީ ބަލިކޮށް ސެމީ ފައިނަލުގައި ފަހު ވަގުތު ދެ ގޯލު ޖަހައި ބަޔާން މިއުނިކް ބަލިކޮށްފަ އެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި ޑޯޓްމަންޑް ފައިނަލަށް ދަތުރުކުރީ ސެމީގައި ޕީއެސްޖީ ކަޓުވާލުމަށް ފަހު އެވެ.
ޑޯޓްމަންޑުގެ މުހިއްމު މިޑްފީލްޑަރު ހޫލިއަން ބްރާންޓް ބުނީ ރެއާލްގެ ހައިބަތު ކިތަންމެ ބޮޑަސް ނަތީޖާ ނެރެން މަސައްކަތްކުރާނެ ކަމަށެވެ.
“ޗެމްޕިއަންސް ލީގުގެ ތާރީހާއި ކާމިޔާބީއަށް ބަލާއިރު ރެއާލަށް ވުރެ ބޮޑު ޓީމެއް ނޯންނާނެ. އެކަމަކު އަހަރެމެން މިއައީ މޮޅުވާން. އެނޫން ވިސްނުމެއް އޮތް ނަމަ އަހަރެމެން ތިބޭނީ ޑޯޓްމަންޑުގަ” މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ބްރާންޓް ބުންޏެވެ.
ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ޗެމްޕިއަންސް ލީގު ފައިނަލް ފަށާނީ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.