ފުރަތަމަ ސަފްޙާ / ޚަބަރު / ޗެލްސީ އަންނަ ސީޒަނުގައި ވާދަކުރާ ކޮންފަރެންސް ލީގު އޮލިމްޕިއާކޯސް ކާމިޔާބުކޮށްފި

ޗެލްސީ އަންނަ ސީޒަނުގައި ވާދަކުރާ ކޮންފަރެންސް ލީގު އޮލިމްޕިއާކޯސް ކާމިޔާބުކޮށްފި

އެޑްމިން
އެޑްމިން
1 އަހަރު ކުރިން 30 މެއި 2024

ޔޫރަޕް ކްލަބް ފުޓްބޯޅައިގެ ތިން ވަނަ ފަންތީގެ މުބާރާތް، ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގު ގްރީސްގެ އޮލިމްޕިއާކޯސް އިން ކާމިޔާބުކޮށްފި އެވެ.

އޮލިމްޕިއާކޯސްއާ ވާދަވެރި، އެގައުމުގެ އޭއީކޭ އެތެންސްގެ ދަނޑުގައި ރޭ ކުޅުނު ފައިނަލްގައި އިޓަލީގެ ފިއޮރެންޓީނާއާ ވާދަކޮށް އޮލިމްޕިއާކޯސް މޮޅުވީ 0-1 އިންނެވެ.

ތާރީހީ މޮޅާ އެކު އޮލިމްޕިއާކޯސް ވެފައިވަނީ ޔޫރަޕިއަން ކްލަބް ތައްޓެއް އެގައުމަށް ހޯދައިދިން ފުރަތަމަ ކްލަބަށެވެ. ރޭގެ ފައިނަލަކީ ގްރީސްގެ ކްލަބަކުން ޔޫރަޕިއަން ކްލަބް މުބާރަތެއްގައި ކުޅުނު ދެ ވަނަ ފައިނަލެވެ. މީގެ ކުރިން 1971 ވަނަ އަހަރު ޕެނަތަނައިކޯސް، އަޔަކްސްއާ ދެކޮޅަށް ކުޅުނު ޔޫރަޕިއަން ކަޕް ފައިނަލުން ވަނީ ބަލިވެފަ އެވެ. އެކަމަކު ފިއޮރެންޓީނާ ރޭ ކުޅުނީ އެ ކްލަބުގެ ތާރީހުގައި ހަ ވަނަ ފައިނަލެވެ.

މެޗުގެ 90 މިނެޓު އެއްވަރުވުމުން ނަތީޖާ ނެރެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފެވެ. އޮލިމްޕިއާކޯސް މެޗުން މޮޅުވީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް މޮރޮކޯގެ ފޯވާޑް އަޔޫބް އެލް ކާބީ ޖެހި ގޯލުންނެވެ. ކާބީ ޖެހި ގޯލު ރެފްރީ ބަލައިގަތީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީ ގިނަ އިރުތަކެއްވަންދެން ހޯދުމަށް ފަހު އެވެ.

އުމުރުން 30 އަހަރުގެ މޮރޮކޯ ފޯވާޑް ވަނީ މި ސީޒަނުގެ ކޮންފަރެންސް ލީގުގައި 11 ގޯލު ޖަހައިފަ އެވެ. އެލް ކާބީއަކީ ކުރިން ޗައިނާ އާއި ތުރުކީ އަދި ގަތަރުގައި ފުޓްބޯޅަ ކުޅެފައިވާ ކުޅުންތެރިއެކެވެ.

ޗެމްޕިއަންކަން ހޯދުމާ އެކު ފައިނަލް ކުޅުނު ގްރީސްގައި އޮލިމްޕިއާކޯސްގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. ދަނޑާއި ދަނޑު ބޭރުގައި އެއްވެ ތިބި އެ ކްލަބުގެ އެތައް ހާސް ސަޕޯޓަރުންނެއް ވަނީ ބަޑިބޭހުގެ ހަރަކާތްތައް ވެސް ބާއްވާފަ އެވެ.

ފިއޮރެންޓީނާ ވަނީ މިދިޔަ ސީޒަނުގެ ކޮންފަރެންސް ލީގުގެ ފައިނަލުގައި ވެސް ބަލިވެފަ އެވެ. މިދިޔަ ސީޒަނުގައި ބަލިވީ އިނގިރޭސި ވިލާތުގެ ވެސްޓް ހޭމް ޔުނައިޓެޑާ ވާދަކޮށެވެ. ޖެހިޖެހިގެން ޔޫރަޕްގެ ދެ ފައިނަލުން ބަލިވުމުން ފިއޮރެންޓީނާ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ.

ތިން ވަނަ ފަންތީގެ ކްލަބްތަކަށް ތައާރަފްކުރި ކޮންފަރެންސް ލީގު ޔޫއެފާއިން ފެށީ 22-2021 ސީޒަނުގަ އެވެ. ފުރަތަމަ ޗެމްޕިއަނުންނަކީ އިޓަލީގެ ރޯމާ އެވެ. މިދިޔަ ސީޒަނުގައި ވެސްޓް ހޭމް ހޯދިއިރު މިފަހަރުގެ ތަށި އެ ގެންދިޔައީ ގްރީސް އަށެވެ.

ކޮންފަރެންސް ލީގުގައި އަންނަ ސީޒަނުގައި ކުޅޭނެ އެންމެ މަޝްހޫރު ޓީމަކީ އިނގިރޭސި ކްލަބް ޗެލްސީ އެވެ. ޗެލްސީ އަކީ މިދިޔަ އަހަރުތަކުގައި ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގައި ކާމިޔާބު ޓީމެކެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!