ފުރަތަމަ ސަފްޙާ / ޚަބަރު / ޕޮޗެޓީނޯ އަށް ޗެލްސީގައި ހުންނަން އަހަރެއް ވެސް ނުލިބުނު

ޕޮޗެޓީނޯ އަށް ޗެލްސީގައި ހުންނަން އަހަރެއް ވެސް ނުލިބުނު

އެޑްމިން
އެޑްމިން
1 އަހަރު ކުރިން 22 މެއި 2024

މަގާމާ ހަވާލުވިތާ އަހަރެއް ނުވަނީސް ޗެލްސީގެ ކޯޗުކަން މައުރީސިއޯ ޕޮޗެޓީނޯ ދޫކޮށްލައިފި އެވެ.

ޕޮޗެޓީނޯ، 52، ޗެލްސީގެ ކޯޗުކަން ދޫކޮށްލީ ކްލަބާ މަޝްވަރާކުރުމަށް ފަހު އެވެ. ޕޮޗެޓީނޯ ޗެލްސީގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ޖުލައި 1 ވަނަ ދުވަހު އެވެ. ޗެލްސީއާ އެކު ޕޮޗެޓީނީ އެއްބަސްވީ ދެ އަހަރު ދުވަހަށެވެ. ޗެލްސީ އިން ބޭނުންނަމަ އިތުރު އަހަރަކު ޕޮޗެޓީނޯ ބަހައްޓާ ގޮތަށް އެއްބަސްވުމުގައި ހިމެނި އެވެ.

ސީޒަނުގެ ބޮޑު ބައެއްގައި ޗެލްސީގެ ނަތީޖާތައް ދަށްވުމުން ޕޮޗެޓީނޯ އަށް ޕްރެޝަރު ކުރިމަތިވި އެވެ. އެކަމަކު ސީޒަނުގެ ފަހުކޮޅު ނަތީޖާތައް ރަނގަޅުކުރި އެވެ. ލީގުގައި ކުޅުނު އެންމެ ފަހު ފަސް މެޗުން މޮޅުވެ ޗެލްސީ ލީގު ނިންމާލީ ހަ ވަނައިގަ އެވެ. ޗެލްސީ އަށް އަންނަ ސީޒަނުގެ ޔޫރަޕިއަން ކްލަބް މުބާރާތަކުން ފުރުސަތު ލިބޭނެ އެވެ. އެއީ ޔޫރޮޕާ ލީގު ނުވަތަ ކޮންފަރެންސް ލީގެވެ.

މިދިޔަ ސީޒަނުގެ ހަ ވަނަ ހޯދުމުގެ އިތުރުން ޗެލްސީ ވަނީ އިނގިރޭސި ލީގު ކަޕްގެ ފައިނަލާއި އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި ކުޅެފަ އެވެ. ލީގު ކަޕް ފައިނަލުގައި ލިވަޕޫލް އަތުން ބަލިވިއިރު އެފްއޭ ކަޕް ސެމީ ފައިނަލުގައި ބަލިވީ މެންޗެސްޓާ ސިޓީ އަތުންނެވެ.

ޗެލްސީ އިން ވަނީ ޕޮޗެޓީނޯ ކޮށްދިން ހިދުމަތަށް ޝުކުރުއަދާކޮށްފަ އެވެ.

ޗެލްސީ އިން މިދިޔަ ސީޒަނުގައި ކުޅުންތެރިން ގެންނަން ބޮޑު ހަރަދެއްކުރި އެވެ. އެޓީމަށް ގެނައި ކުޅުންތެރިންގެ ތެރޭގައި ކޯލް ޕާމާ، ނިކޮލަސް ޖެކްސަން، މޮއިސެސް ކައިސީޑޯ އަދި ކްރިސްޓޮފާ އެންކޫކޫ ހިމެނެ އެވެ. އޭގެތެރެއިން ކޯލް ޕާމާ ވަނީ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.

ޕޮޗެޓީނޯގެ ބަދަލުގައި އާ ކޯޗެއް ހޯދުމުގެ މަސައްކަތް ޗެލްސީ އިން މިހާރު ވަނީ ފަށައިފަ އެވެ. އެޓީމުން ފާރަލާ ކޯޗުންގެ ތެރޭގައި އިޕްސްވިޗް ޓައުންގެ ކިއެރަން މެކިނާ ހިމެނެ އެވެ. އަދި، ސްޕޯޓިން ލިސްބަންގެ ކޯޗު ރުބެން އެމޮރިމް އާއި ބާންލީގެ ވިންސެންޓް ކޮމްޕެނީ އަށް ވެސް ޗެލްސީ ޝައުގުވެރިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކުރިން ޗެލްސީ އަށް ކޯޗުކޮށްދިން ހޯސޭ މޮރީނިއޯ އާއި އެ ކްލަބަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ތޯމަސް ޓުޗެލް އާއި އެންޓޯނިއޯ ކޮންޓޭ ވެސް މިހާރު ހުރީ ކްލަބެއް ނެތި އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!