ފުރަތަމަ ސަފްޙާ / ޚަބަރު / އާޓެޓާ ބުނަނީ ތަށީގެ ހުވަފެން ހަގީގަތަކަށް ވާނެ ކަމަށް، ހިނގާ ބަލަމާ!
ފަހުމިނެޓް

އާޓެޓާ ބުނަނީ ތަށީގެ ހުވަފެން ހަގީގަތަކަށް ވާނެ ކަމަށް، ހިނގާ ބަލަމާ!

އެޑްމިން
އެޑްމިން
1 އަހަރު ކުރިން 19 މެއި 2024

މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު އާސެނަލަށް ލިބުމުގެ ފުރުސަތު ކިތަންމެ ކުޑަނަމަވެސް، ލީގު ލިބޭނެކަމުގެ އުއްމީދު އަދިވެސް އެބައޮތް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ލީގުގެ ފަހު މެޗުތައް މިއަދު ކުޅޭއިރު، މިރޭގެ މެޗުން މޮޅުވެގެން ލީގު ޗެމްޕިއަންކަން ލިބޭނީ މެންޗެސްޓާ ސިޓީ އަށެވެ. ލީގު އެއް ވަނައިގައި ސިޓީ އޮތީ އާސެނަލަށް ވުރެ ދެ ޕޮއިންޓް ކުރީގަ އެވެ.

މިރޭ ސިޓީ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނައިރު އާސެނަލް އަމިއްލަ ދަނޑުގައި ކުޅޭނީ އެވަޓަންއާ އެވެ. އާސެނަލަށް މިރޭ ލީގު ލިބޭނެ ހަމައެކަނި ގޮތަކީ އެޓީމުން އެވަޓަން ބަލިކޮށް އަނެއް މެޗުގައި ސިޓީ އެއްވަރުވެ ނުވަތަ ބަލިވުމެވެ.

“އަހަރެން މިހުރީ އުއްމީދުގަ. ސީޒަނުގެ ފަހު މެޗުގައި މި ހިސާބުގައި އޮންނަން އާސެނަލް ބޭނުންވި. އުއްމީދަކީ ސަޕޯޓަރުން ކުރިމަތީ ލީގު ޗެމްޕިއަންކަން އުފުލާލުމުގެ ފުރުސަތު ލިބުން” އާސެނަލަށް ކުރިއެރުން ގެންނަމުން އަންނަ ޒުވާން ކޯޗު ބުންޏެވެ.

އާސެނަލަށް މިދިޔަ ސީޒަނުގައި ވެސް ލީގު ޗެމްޕިއަންކަން ގެއްލުނީ ފަހު މެޗުތަކުންނެވެ. އެކަމަކު މިދިޔަ ސީޒަނަށް ވުރެ މި ސީޒަނުގައި އެޓީމުގެ ނަތީޖާތައް ރަނގަޅެވެ. އެކަމަކު މިފަހަރު ވެސް އެޓީމު އަތުން ލީގު ދޫވީ ފަހުވަގުތު އެވެ.

“އަދިވެސް މި އުއްމީދު ކުރަނީ ލީގު ލިބޭނެކަމަށް. އެއީ ހަމަ ވެދާނެ ކަމެއް. މިއީ ފުޓްބޯޅަ” އާޓެޓާ ބުންޏެވެ.

އާސެނަލަށް އެންމެ ފަހުން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދީ 04-2003 ވަނަ ސީޒަނުގަ އެވެ. އޭގެފަހުން ގިނަ އަހަރުތަކެއް ލީގަށް ވާދަނުކުރެވި ދިޔަ އެވެ.

ލީގު ޗެމްޕިއަންކަމާ އެކު ސިޓީ އަށް އިނގިރޭސި ފުޓްބޯޅައިގައި އާ ރެކޯޑެއް ގާއިމްކުރެވޭނެ އެވެ. މިރޭ މޮޅުވެއްޖެ ނަމަ ސިޓީ ވާނީ ޖެހިޖެހިގެން ހަތަރު ފަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރާ ހަމައެކަނި ޓީމަށެވެ. މީގެކުރިން ޖެހިޖެހިގެން ތިން ފަހަރު ލީގު ޗެމްޕިއަންކަން ހޯދާފައިވާނީ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!