ފ. މަގޫދޫ ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން އަތޮޅަށް ހުޅުވާލައިގެން ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދަރަނބޫދޫގެ ބީސީ ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.
ބީސީ ސްޕޯޓްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ މަގޫދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލުގައި މަގޫދޫ އަށް ނިސްބަތްވާ ސީއެސް ސްޕޯޓްސް – ސްކޯޕިއަން 2-5 އިން ބަލިކޮށްގެންނެވެ.
ޗެމްޕިއަންކަމާ އެކު ބީސީ ސްޕޯޓްސް ވެފައިވަނީ މަގޫދޫގެ އެ މުބާރާތް ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކުރި ހަމައެކަނި ޓީމަށެވެ. މަގޫދޫ ޒުވާނުންގެ ކްލަބުން އެންމެ ފުރަތަމަ އެ މުބާރާތް ބޭއްވީ 2007 ވަނަ އަހަރު ހަމައެކަނި އެރަށަށް އަމާޒުކޮށްގެންނެވެ. އަތޮޅަށް ހުޅުވާލައިގެން މުބާރާތް ބާއްވަން ފެށީ 2011 ވަނަ އަހަރުން ފެށިގެންނެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން. ފޮޓޯ: މަގޫދޫ ޒުވާނުންގެ ކްލަބް
މެޗުގައި ބީސީ ސްޕޯޓްސްގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަލީ ޝިޔާހްގެ އިތުރުން ވިލްފް އަދި މުޒްދާން އެވެ. ޝިޔާހް އަދި ވިލްފް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. ސީއެސް ސްޕޯޓްސްގެ ދެ ގޯލު ވެސް ޖަހައިދިނީ އަހުމަދު ވިޖުދާން (ވިޖުއްކޮ) އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ސީއެސް ސްޕޯޓްސްގެ އަހުމަދު މުއާޒް، އެޓީމުގެ އަހުމަދު ވިޖުދާން، ޗެމްޕިއަން ބީސީ ސްޕޯޓްސްގެ އަލީ ޝިޔާހް، މުޒްދާން ހަސަން އަދި ސެމީގައި ބަލިވި ޕަވަރ އެޓޭކްގެ އަބްދުﷲ ލޫތު އިބްރާހީމް އެވެ.

މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޝިޔާހު. ފޮޓޯ: މަގޫދޫ ޒުވާނުންގެ ކްލަބް
އެންމެ މޮޅު ގޯލްކީޕަރަކީ ސީއެސް ސްޕޯޓްސްގެ އިކްރާމް އަހުމަދު އެވެ. އެންމެ ގިނަ ގޯލު ޖެހީ ބީސީގެ މުޒްދާން އެވެ. މުޒްދާން ވަނީ ތަރިން ހިމެނުނު ދަރަނބޫދޫ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. 18 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އޭކްސް ސްޕޯޓްސް އަށް ކުޅުނު ގާފަރު ޓީމުގެ ޝަނާން ރަޝީދު އެވެ. ފެއާޕްލޭ ޓީމަކީ ފަވްޒް ނިއު ޖެނެރޭޝަން އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބީސީ ސްޕޯޓްސް ތަށި ނެގުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި ޝިޔާހް އެވެ. ޝިޔާހް އަކީ ރާއްޖޭގެ ފުޓްސަލްގެ އެންމެ އުހުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.
ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން އެވެ.

އެންމެ ގިނަ ގޯލު ޖެހި މުޒްދާން. މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި. ފޮޓޯ: މަގޫދޫ ޒުވާނުންގެ ކްލަބް
އެލް4 ކަޕްގައި މިއަހަރު 10 ޓީމު ވާދަކުރި އެވެ. މުބާރާތް ކުރިއަށްދިޔައީ ދެ ގްރޫޕުގެ މެޗުތަކަށް ފަހު ސެމީ ފައިނަލަށް ޓީމުތައް ހޮވޭ ގޮތަށެވެ. މިއަހަރުގެ މުބާރާތް ވެސް ކުރިއަށްދިޔައީ ވާދަވެރިކަމާއި އެކު ފޯރީގަ އެވެ.
މިއަހަރު އެލް4 ކަޕްގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.