ފުރަތަމަ ސަފްޙާ / ޚަބަރު / ކަމެއް ނުވިޔަސް އެންމެ އަގު ބޮޑު ސްކޮޑް އޮތީ ޔުނައިޓެޑްގަ
ފަހުމިނެޓް

ކަމެއް ނުވިޔަސް އެންމެ އަގު ބޮޑު ސްކޮޑް އޮތީ ޔުނައިޓެޑްގަ

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 15 ފެބްރުއަރީ 2024

އަގުބޮޑު ޓްރާންސްފާތަކާ އެކު ބޮޑު ކާމިޔާބީއެއް ނުލިބުނަސް ފުޓްބޯޅައިގެ ތާރީހުގައި އެންމެ އަގުބޮޑު ސްކޮޑް އޮތީ މެންޗެސްޓާ ޔުނައިޓެޑްގައިކަން ޔޫއެފާއިން އާއްމުކުރި މިދިޔަ އަހަރުގެ ރިޕޯޓުން ހާމަވެއްޖެ އެވެ.

ޔޫއެފާއިން އާއްމުކުރި 2023 ގެ ޔޫރަޕިއަން ކްލަބް ފައިނޭންސް އެންޑް އިންވެސްޓްމެންޓް ލޭންޑްސްކޭޕް ރިޕޯޓުގައި ވާގޮތުން ޔުނައިޓެޑް ސްކޮޑުގެ އަގަކީ 1.52 ބިލިއަން ޑޮލަރެވެ. އެއީ ފުޓްބޯޅައިގެ ތާރީހުގައި ޔޫއެފާއިން ކްލަބްތައް އަގުކުރަން ފެށިފަހުން ރެކޯޑް އަގެކެވެ.

މީގެކުރިން އެންމެ އަގުބޮޑު ސްކޮޑް އޮތީ 2020 ވަނަ އަހަރު ރެއާލް މެޑްރިޑްގަ އެވެ. އެއީ 1.42 ބިލިއަން ޑޮލަރެވެ.

ޔުނައިޓެޑްގެ އަގު ރެކޯޑް އަދަދަކަށް ބޮޑުވީ އެންޓަނީ އާއި ހެރީ މެގުއާ އަދި ޖޭޑޮން ސަންޗޯ އާއި ކަސެމީރޯގެ ޓްރާންސްފާ ފީ ހިމެނުމުންނެވެ.

ނެދަލެންޑްސްގެ އަޔަކްސް އިން ޔުނައިޓެޑަށް އެންޓަނީ ގެނައީ 102 މިލިއަން ޑޮލަރަށެވެ. ހެރީ މެގުއާ ޔުނައިޓެޑަށް ބަދަލުވީ 100 މިލިއަން ޑޮލަރަށެވެ. ސަންޗޯ 91.6 މިލިއަން ޑޮލަރަށް ޔުނައިޓެޑަށް ބަދަލުވިއިރު ރެއާލް މެޑްރިޑް ދޫކޮށް ކަސެމީރޯ ޔުނައިޓެޑަށް ބަދަލުވީ 87.9 މިލިއަން ޑޮލަރަށެވެ.

ބޮޑު އަގުގައި ގެނައި ކުޅުންތެރިންގެ ތެރެއިން މެގުއާ އާއި އެންޓަނީ އަށް ކުޅުން ނުދެއްކޭތީ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ޔުނައިޓެޑްގައި ފެންވަރު ނުދެއްކުމުން ލޯނު އުސޫލުން ސަންޗޯ މިހާރު ކުޅެމުން އަންނަނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށެވެ.

ޔުނައިޓެޑްގެ ރެކޯޑް އަގުގެ ތެރޭގައި މިދިޔަ އަހަރުގެ ހޫނު މޫސުމުގައި އެޓީމާ ގުޅުނު ރަސްމުސް ހޮއިލެންޑާއި މޭސަން މައުންޓް އަދި އަންދްރޭ އޮނާނާ ހިމަނާފައެއްނުވެ އެވެ.

ކޯޗު އެރިކް ޓެން ހާގާ އެކު މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވަނީ ލީގުގެ ތިން ވަނަ ހޯދައި އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ. އެކަމަކު އަގުބޮޑު ކުޅުންތެރިންނާއި އެކު ލީގާއި ޔޫރަޕްގައި ރަނގަޅު ވާދައެއް ނުކުރެވޭތީ އެޓީމަށް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.

ރިޕޯޓުގައި ހިމަނާފައިވާ އެހެން ކްލަބްތަކަށް ބަލާއިރު މެންޗެސްޓާ ސިޓީ އާއި ޗެލްސީ އަދި ރެއާލްގެ އަގު އުޅެނީ 1.25 ބިލިއަން ޑޮލަރަށް ވުރެ މަތީގަ އެވެ.

ޗެލްސީ އަގުކުރިއިރު 2022 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ މުއްދަތުން ފެށިގެން 2023 ވަނަ އަހަރުގެ އޮގަސްޓާ ހަމައަށް އެޓީމުގެ ޓްރާންސްފާ ފީތައް ހިމަނާފައެއްނުވެ އެވެ. އެ މުއްދަތުގައި ޗެލްސީ އިން ވަނީ ކުޅުންތެރިން ގަތުމަށް 1.1 ބިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!