ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ރޭ ކުޅުނު އަތޮޅު ފައިނަލްތަކުން މޮޅުވެ ބ. އޭދަފުއްޓާއި ޅ. ކުރެންދޫ އަދި ވ. ކެޔޮދޫ ޒޯން ބުރުން ފުރުސަތު ހޯދައިފި އެވެ.
ބ. އަތޮޅު ފައިނަލުގައި ރޭ އޭދަފުށި މޮޅުވީ ތުޅާދޫއާ ވާދަކޮށް 2-5 އިންނެވެ. އަތޮޅު ލީގު ބުރުގައި ތުޅާދޫ އަތުން އުނދަގުލުން 1-2 އިން އޭދަފުށި މޮޅުވިޔަސް ރޭ އެޓީމުން މޮޅު ކުޅުމެއް ދެއްކި އެވެ.
އޭދަފުށި އަތޮޅު ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި މިއީ ފަސް ވަނަ ފަހަރެވެ. މިއަހަރުގެ އިތުރުން އެޓީމު އަތޮޅު ޗެމްޕިއަންކަން ހޯދީ 2018، 2019، 2022 އަދި 2023 ވަނަ އަހަރު އެވެ.
ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގައުމީ ފުޓްބޯޅަ ޓީމާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިޔާ ހައިޝަމް ހަސަން އެވެ. ހައިޝަމް ވަނީ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ.
ބ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ތުޅާދޫ ޓީމުގެ އިބްރާހީމް ރަފާހު އެވެ.

ވ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ކެޔޮދޫ ޓީމު ތައްޓާ އެކު. ފޮޓޯ: ސިޑިބަރި
ޅ. އަތޮޅުގެ ޗެމްޕިއަންކަން ކުރެންދޫ ހޯދީ ރޭ ކުޅުނު ފައިނަލުގައި ހިންނަވަރާ ވާދަކޮށް 1-1 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 4-5 އިންނެވެ. މިއީ އަތޮޅު ޗެމްޕިއަންކަން ކުރެންދޫ އިން ހޯދި ފުރަތަމަ ފަހަރެވެ.
ފައިނަލުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކުރެންދޫ ޓީމުގެ މުހައްމަދު އަންވަރު އެވެ. ޅ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ އޮޅުވެލިފުށި ޓީމުގެ އިމްރާން މުހައްމަދު އެވެ.

ޅ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ކުރެންދޫ ޓީމުން ތަށި އުފުލާލަނީ. ފޮޓޯ: ސިޑިބަރި
މުބާރާތުގެ ތާރީހުގައި ވ. އަތޮޅުން ބައިވެރިވި ފުރަތަމަ ފަހަރު ކެޔޮދޫ ތާރީހީ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 1-2 އިން ފެލިދޫ ބަލިކޮށްގެންނެވެ.
ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމްގެ އިތުރުން އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ކެޔޮދޫ ޓީމުގެ އަހުމަދު ރަޝީދު އެވެ.
މުބާރާތުގައި މިރޭ ކ. އަތޮޅާއި މ. އަތޮޅުގެ ފައިނަލްގެ އިތުރުން ޒޯން ބުރުގެ ބައެއް މެޗުތައް ކުޅޭނެ އެވެ.