ފުރަތަމަ ސަފްޙާ / ޚަބަރު / ޗެމްޕިއަން ގަތަރު އަނެއްކާވެސް އޭޝިއަން ކަޕް ފައިނަލަށް

ޗެމްޕިއަން ގަތަރު އަނެއްކާވެސް އޭޝިއަން ކަޕް ފައިނަލަށް

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 8 ފެބްރުއަރީ 2024

އޭއެފްސީ އޭޝިއަން ކަޕް ސެމީ ފައިނަލުގައި ރޭ 2-3 އިން އީރާން ބަލިކޮށް ޗެމްޕިއަން ގަތަރު އޭޝިއަން ކަޕްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ގަތަރުން ވަނީ 2019 ވަނަ އަހަރު ފުރަތަމަ ފަހަރަށް އޭޝިއަން ކަޕް ކާމިޔާބުކޮށްފަ އެވެ. މިދިޔަ އަހަރުތަކުގައި ފުޓްބޯޅައިގެ ކުރިއެރުމަށް ގަތަރުން ބޮޑު ހޭދައެއްކުރި އެވެ. އޭގެތެރޭގައި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އެގައުމުގައި ހޯސްޓްކުރުން ހިމެނެ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ ގަތަރު 1-2 އިން ކުރީގައި އޮވެގެންނެވެ. ދެ ވަނަ ހާފުގައި އީރާނުން ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. މެޗު އެއްވަރުވާން ދަނިކޮށް ގަތަރު މޮޅުވި ގޯލު ޖެހީ 82 ވަނަ މިނެޓުގަ އެވެ.

ފައިނަލުގައި ގަތަރު ނުކުންނާނީ ފުރަތަމަ ސެމީގައި ހައިރާން ކުރުވަނިވި ގޮތަކަށް 0-2 އިން ދެކުނު ކޮރެއާ ބަލިކުރި ޖޯޑަންއާ އެވެ. މިއީ ސަރަހައްދީ މުބާރާތުގެ ފައިނަލަށް ޖޯޑަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މީގެކުރިން މުބާރާތްތަކުގައި ކުއާޓާ ފައިނަލް ފަހަނައަޅައި ޖޯޑަން އަށް ދެވިފައެއްނުވެ އެވެ.

އޭޝިއަން ކަޕްގެ ތާރީހުގައި ޖެހިޖެހިގެން ދެ ފަހަރު މުބާރާތް ކާމިޔާބުކުރީ ހަމައެކަނި ޖަޕާން އެވެ. އެއީ 2000 އަދި 2004 ވަނަ އަހަރު އެވެ. ގަތަރަށް މިހާރު ވަނީ އެ ކާމިޔާބީ ތަކުރާރުކުރަން ފުރުސަތު ލިބިފަ އެވެ.

ސެމީގައި ބަލިވި އީރާން އެންމެ ފަހުން އޭޝިއަން ކަޕް ފައިނަލުގައި ކުޅުނީ 1976 އަހަރު އެވެ.

އޭޝިއަން ކަޕް ފައިނަލް އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. މެޗު ކުޅޭނީ ވޯލްޑް ކަޕް ފައިނަލް ވެސް ކުޅުނު ލުސައިލް ސްޓޭޑިއަމްގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!