ފުރަތަމަ ސަފްޙާ / ޚަބަރު / ނޮޓިންހަމް ބަލިކޮށް އާސެނަލް އަލުން ލީގު ރޭހަށް ވަދެއްޖެ
ފަހުމިނެޓް

ނޮޓިންހަމް ބަލިކޮށް އާސެނަލް އަލުން ލީގު ރޭހަށް ވަދެއްޖެ

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 31 ޖެނުއަރީ 2024

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް ދަނޑުގައި އެޓީމު 2-1 އިން ބަލިކޮށް އާސެނަލް ލީގު ރޭހަށް އަލުން ވަދެއްޖެ އެވެ.

މިދިޔަ ޑިސެމްބަރު މަހު ނެރުނު ދަށް ނަތީޖާތަކާއި އެކު އާސެނަލް ލީގު ރޭހުގައި އުޅުނީ ފަހަތުގަ އެވެ. އެކަމަކު ލީގުގައި ޖެހިޖެހިގެން ހޯދި ދެ މޮޅާ އެކު އެޓީމު މިހާރު އޮތީ ދެ ވަނައިގަ އެވެ.

އާސެނަލް އަށް 22 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު އެއް ވަނައިގައި އޮތީ 21 މެޗުން 48 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލް އެވެ. ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 20 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ.

ލީގުގެ ހަތަރު ވަނައިގައި އޮތީ ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން އަމިއްލަ ދަނޑުގައި 3-1 އިން ބަލިވި އެސްޓަން ވިލާ އެވެ. އެޓީމަށް ވެސް ވަނީ 43 ޕޮއިންޓް ލިބިފަ އެވެ. މޮޅާ އެކު ނިއުކާސަލް ވަނީ 32 ޕޮއިންޓް ހަމަކޮށް ހަތް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.

ރޭގެ މެޗުގައި އާސެނަލްގެ ފުރަތަމަ ގޯލު 65 ވަނަ މިނެޓުގައި ޖެހީ ގެބްރިއަލް ޖީސުސް އެވެ. އޭގެ ހަތް މިނެޓު ފަހުން ދެ ވަނަ ގޯލު ޖެހީ ބުކަޔޯ ސަކާ އެވެ. ނޮޓިންހަމްގެ ހަމައެކަނި ގޯލު މެޗުގެ ފަހު މިނެޓުގައި ޖެހީ ޓައިވޯ އަވޯނިޔީ އެވެ.

ރޭ ފުލަމް އާއި އެވަޓަން ވާދަކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ލޫޓަން ވަނީ އަމިއްލަ ދަނޑުގައި ބްރައިޓަންއާ ވާދަކޮށް 0-4 ގެ ބޮޑު މޮޅެއް ހޯދާފަ އެވެ. ޝެފީލްޑް ޔުނައިޓެޑާ ވާދަކޮށް ކްރިސްޓަލް ޕެލެސް ވަނީ 2-3 އިން މޮޅުވެފަ އެވެ.

ރޭ އެއްވަރުވުމާ އެކު އެވަޓަން ވަނީ އަލުން ރެލިގޭޝަނަށް ވެއްޓިފަ އެވެ. އެޓީމަށް 18 ޕޮއިންޓް ލިބިފައިވާއިރު ލޫޓަން ހޯދި މޮޅާ އެކު 19 ޕޮއިންޓް ހަމަކޮށް އެޓީމު ވަނީ 17 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!