ގަތަރުގައި މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕްގައި މިއަދު ގަދަފަދަ ޖަޕާން އަތުން އިރާގް 1-2 އިން މޮޅުވެއްޖެ އެވެ.
ހައިރާންކަން ލިބުނު މޮޅާ އެކު އިރާގް ވަނީ މުބާރާތުގެ ގަދަ 16 އިން ފުރުސަތު ހޯދާފަ އެވެ.
ފުރަތަމަ މެޗުގައި އިންޑޮނީޝިއާ އަތުން މޮޅުވި އިރާގް އޮތީ ހަ ޕޮއިންޓާ އެކު ގްރޫޕް ޑީގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ޖަޕާނާއި ތިން ވަނައިގައި އޮތް އިންޑޮނީޝިއާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އިންޑޮނީޝިއާ އިން މިރޭ ވަނީ 0-1 އިން ވިއެޓްނާމް ބަލިކޮށްފަ އެވެ.
ގަތަރުގެ އެޑިއުކޭޝަނަލް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިރާގުގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ އައިމަން ހުސައިން އެވެ. އައިމަން ފުރަތަމަ ގޯލު ފަސް ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ގޯލު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ.
މެޗުގައި ޖަޕާންގެ ހަމައެކަނި ގޯލު އިތުރު ވަގުތުގައި ޖެހީ ލިވަޕޫލްގެ މިޑްފީލްޑަރު ވަޓާރޫ އެންޑޯ އެވެ.
އޭޝިއަން ކަޕްގައި އެންމެ ކާމިޔާބު ގައުމު ޖަޕާން އޮތީ ދުނިޔޭގެ ރޭންކިންގެ 17 ވަނައިގަ އެވެ. އިރާގަކީ 63 ވަނަ އަށް ރޭންކް ކުރެވިފައިވާ ގައުމެވެ. މިއީ މިދިޔަ 42 އަހަރުތެރޭ އިރާގް އަތުން ޖަޕާން ބަލިވި ފުރަތަމަ ފަހަރެވެ. އެ މުއްދަތުގައި ބަލިނުވެ ނުވަ މެޗު ޖަޕާނުން އިރާގާ ދެކޮޅަށް ކުޅުނެވެ.
ފަހު މެޗުގައި އިރާގް ނުކުންނާނީ ވިއެޓްނާމްއާ ދެކޮޅަށެވެ. އެ މެޗަށް ނުކުންނައިރު އިރާގް ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތު ދޭނެކަމަށް ބެލެވެ އެވެ.
އޭޝިއަން ކަޕްގެ ގަދަ 16 އަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމާއި، ތިން ވަނައިގައި ނިންމާލާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމެވެ.
އިރާގްގެ އިތުރުން މުބާރާތް ބާއްވާ ގަތަރާއި އޮސްޓްރޭލިއާ ވެސް ވަނީ ނޮކައުޓް ބުރުން ފުރުސަތު ހޯދާފަ އެވެ.