ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ޔަގީން ކުރި ފުރަތަމަ ޓީމަކަށް މަސްއޮޑި ސްޕޯޓްސް ކްލަބް ވެއްޖެ އެވެ.
މަސްއޮޑިން ވަނީ އިއްޔެ ހަވީރު، އެޓީމު ކުޅުނު ތިން ވަނަ މެޗުގައި 6-0 އިން ޖޭޖޭ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް އެޓީމަށް ލީޑު ނަގައިދިނީ އަބްދުﷲ އައްޒާމް (އެޑޫ) އެވެ. ދެ ވަނަ ހާފުގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) ދެ ގޯލު ޖެހިއިރު، އަލީ ޝާމިސް (ތޮއްޕޭ) އާއި ޖަކޯނޯވް ސަރުދާރާއި އޮޑިލީ ފީލިކްސް ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ.
މަސްއޮޑިން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި 4-0 އިން މަހިބަދޫ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. އަދި އެޓީމުގެ ދެ ވަނަ މެޗުގައި އެލްޓީ ސްޕޯޓްސް ކްލަބް ބަލިކުރީ ވެސް ހަމަ އެ ނަތީޖާއިންނެވެ.
މަސްއޮޑި އަށް ގުރޫޕްގައި ބާކީ އޮތީ ކުޑަހެންވޭރު ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ. ކުޑަހެންވޭރުން ވަނީ އެޓީމު މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ފަސޭހަ މޮޅެއް ހޯދައިފަ އެވެ.
ބެލެވޭ ގޮތުގައި މި މަހުގެ 24 ވަނަ ދުވަހު މަސްއޮޑި އާއި ކުޑަހެންވޭރު ބައްދަލުކުރާ މެޗަކީ ގުރޫޕް އޭގެ އެއް ވަނަ ކަނޑައެޅިގެން ދާނެ މެޗެވެ. އެ މެޗަށް ފަހު ކުޑަހެންވޭރުން ގުރޫޕް ސްޓޭޖުގެ ފަހު މެޗަކަށް މަހިބަދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭނެ އެވެ.

މަހިބަދޫ ވަނީ އެޓީމު މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފަ އެވެ. ޖޭޖޭ ސްޕޯޓްސް މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެފައި ވާއިރު، އެލްޓީ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.
މުބާރާތް ކުރިއަށް ދަނީ ވާދަކުރާ 15 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭ އިރު، އެންމެ ރަނގަޅު ދެ ޓީމާއި ތިން ވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ޓީމެއް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރާނެ އެވެ.
ގުރޫޕް ބީގައި ހިމެނޭ ޓެންޓް ސްޕޯޓްސް އިން ދެ މެޗުން ހަ ޕޮއިންޓް ހޯދާފައި ވާއިރު، ނިއު ރޭޑިއަންޓާއި ބީޖީ ސްޕޯޓްސް ކްލަބް ވަނީ ތިން ޕޮއިންޓް ހޯދައިފަ އެވެ. މި ގުރޫޕްގައި ހިމެނޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި، މިދިޔަ އަހަރުގެ ރަނަރަޕް ކްލަބް ޓީނޭޖަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ޓީނޭޖް މުބާރާތުގައި ކުޅެން އޮތް ދެ ވަނަ މެޗަށް ހާޒިރު ނުވާތީ، އެ މެޗުގައި އިދިކޮޅުން ނުކުންނަން އޮތް ނިއު އަށް ވަނީ މެޗު ލިބިފަ އެވެ.
ގުރޫޕް ސީގައި ހިމެނޭ ހުރިހާ ޓީމެއް ވެސް ވަނީ ދެ މެޗު ކުޅެފަ އެވެ. ވިކްޓަރީ ސްޕޯޓްސް ކްލަބާއި ލެގޫންސް ސްޕޯޓްސް ކްލަބް ކުޅުނު ދެ މެޗުން ވެސް މޮޅުވެފައި ވާއިރު، ލޮރެންޒޯ ސްޕޯޓްސް ކްލަބް ވަނީ ތިން ޕޮއިންޓް ހޯދައިފަ އެވެ. ބިސްބުރު ސްޕޯޓްސް އާއި ކްލަބް ޕީކޭ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.