އެފްރިކަން ކަޕް އޮފް ނޭޝަންސް 2023 ގެ ފުރަތަމަ މެޗުގައި މޮޒަންބީގް އަތުން ބަލިވާން ދަނިކޮށް މުހައްމަދު ސަލާހް ފަހު ވަގުތު ވައްދާލި ޕެނަލްޓީ އިން 2-2 އިން މެޗު އެއްވަރުވެއްޖެ އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ މިސްރު ހިމެނެނީ ގްރޫޕް ބީގަ އެވެ. މިސްރާއި މޮޒަންބީގްގެ އިތުރުން އެ ގްރޫޕުގައި ހިމެނެނީ ގާނާ އާއި ކޭޕް ވާޑް އެވެ. ރޭ ކޭޕް ވާޑް ވަނީ 2-1 އިން ގާނާ ބަލިކޮށްފަ އެވެ.
ރޭގެ މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި މިސްރުން ވަނީ ލީޑު ނަގައިފަ އެވެ. މޮޒަންބީގް އިން މެޗުގެ ނަތީޖާ އަނބުރާލީ ދެ ވަނަ ހާފު ފަށައިގެން ގާތްގާތުގައި ޖެހި ދެ ގޯލުންނެވެ. މިސްރު ބަލިވާން ދަނިކޮށް ޕެނަލްޓީއިން ސަލާހް އެގައުމު ސަލާމަތްކޮށްދިނީ އިތުރު ވަގުތުގެ ހަތް ވަނަ މިނެޓުގަ އެވެ.
މޮޒަންބީގް އޮތީ ދުނިޔޭގެ ރޭންކިންގެ 111 ވަނައިގަ އެވެ. އެއީ މިސްރާ އަޅާބަލާއިރު 78 ދަރަޖަށް ފަހަތެވެ. މިއީ އެފްރިކާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި މޮޒަންބީގް ވާދަކުރާ ހަތަރު ވަނަ ފަހަރެވެ.
މޮޒަންބީގް އަށް އެފްރިކަން ކަޕްގައި ގޯލެއް އެ ޖެހުނީ 14 އަހަރަށް ފަހު އެވެ. މިހާތަނަށް މުބާރާތުގައި އެގައުމަށް މޮޅެއް ނުލިބެ އެވެ.
ރޭ ނައިޖީރިއާ ވަނީ އިކުއަޓޯރިއަލް ގިނީއާ ވާދަކޮށް 1-1 އިން އެއްވަރުވެފަ އެވެ. އެ ގްރޫޕުގެ ފުރަތަމަ މެޗުގައި އައިވަރީ ކޯސްޓް ވަނީ ގިނީ ބިސާއޫ 0-2 އިން ބަލިކޮށްފަ އެވެ.