ފުރަތަމަ ސަފްޙާ / ޚަބަރު / ގެމްބިއާ ފުޓްބޯޅަ ޓީމަށް ވައިގެތެރޭގައި ބިރުވެރި ވަގުތުކޮޅެއް

ގެމްބިއާ ފުޓްބޯޅަ ޓީމަށް ވައިގެތެރޭގައި ބިރުވެރި ވަގުތުކޮޅެއް

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 12 ޖެނުއަރީ 2024

އެފްރިކަން ކަޕް އޮފް ނޭޝަންސް 2023 ގައި ވާދަކުރުމަށް، މުބާރާތް ބާއްވާ އައިވަރީ ކޯސްޓަށް ދިއުމަށް ފެށި ދަތުރުގައި ގެމްބިއާ ފުޓްބޯޅަ ޓީމު ވައިގެތެރޭގައި ބިރުވެރި ވަގުތުކޮޅެއް ހޭދަކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހު ގެމްބިއާ ފުޓްބޯޅަ ޓީމު މުބާރާތަށް ދިއުމަށް ފުރީ އައިވަރީ ކޯސްޓުގެ ފްލައިޓެއްގަ އެވެ. އެކަމަކު ގެމްބިއާގެ ވެރިކަންކުރާ ބަންޖުލް އިން ފްލައިޓް ނައްޓާލުމަށް ފަހު ކުއްލި ހާލަތެއް ދިމާވުމުން އެ ފްލައިޓް ވަނީ އަނބުރާ ޖައްސައިފަ އެވެ.

އެއާޕޯޓުން ނައްޓާލިތާ އިރުކޮޅެއް ފަހުން ފްލައިޓް އަނބުރާ ޖެއްސީ، ފްލައިޓް ތެރޭގައި އޮކްސިޖަން ދަށްވުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ގެމްބިއާ ފުޓްބޯޅަ ޓީމުގެ ކޯޗު ޓޮމް ސެއިންޓްފިޓް ބުނީ ފްލައިޓް ތެރެ އޮތް ހާލަތުން ކުޅުންތެރިން ވަރުބަލިވެ ނިދުނު ކަމަށެވެ.

ފްލައިޓް އަނބުރާ ނުޖެއްސި ނަމަ ނުރައްކާތެރި ހާދިސާއަކާ އެކު ފްލައިޓް ވެއްޓުމުގެ ފުރުސަތު އޮންނާނެ ކަމަށް ކޯޗު ވަނީ ބުނެފަ އެވެ. ކޯޗު ވަނީ އެ ހާލަތު ދެނެގަތު ފްލައިޓް އަނބުރާ ޖެއްސުމުގެ ވިސްނުން ގެނައުމުން ޕައިލެޓަށް ޝުކުރުއަދާކޮށްފަ އެވެ.

އެއާލައިންގެ އޮފިޝަލުން ބުނީ ފްލައިޓް އަނބުރާ ޖެއްސީ ފްލައިޓްތެރެ މާބޮޑަށް ޕްރެޝަރު ވުމުންކަމަށެވެ.

“ފްލައިޓްގެ އެއާކޮންޑިޝަންގައި މައްސަލަ އުޅުނު. އެއާލައިނުން ބުނީ ފްލައިޓް ނައްޓާލުމުން އެ މައްސަލަ ރަނގަޅު ވާނެކަމަށް. އެކަމަކު ނައްޓާލިތާ އިރުކޮޅެއް ފަހުން ވަރަށް ހޫނުވާން ފެށި. އެގަޑީގައި އޮކްސިޖަން ދަށްވެ ޓީމުގެ ގިނަ މެމްބަރުންނަށް ނިދުނީ. ބައެއް ކުޅުންތެރިންނަށް ހޭވެސް ނުލެވުނު. އެހިސާބުން ޕައިލެޓަށް އެނގުނު ފްލައިޓް އަނބުރާ ޖައްސަންވީކަން” ގެމްބިއާގެ ކޯޗު ބުންޏެވެ.

އެފްރިކާ ކަޕްގައި މިއަހަރު ވާދަކުރާ ޓީމުތައް

މުބާރާތުގެ އޮފިޝަލް އެއާލައިން އިން ވަނީ ފްލައިޓް އަނބުރާ ޖެއްސުމަށް ފަހު އަލުން ދަތުރު ކުރުމަށް މަސައްކަތްކޮށްފަ އެވެ. އެކަމަކު ފްލައިޓް އިތުރަށް ޑިލޭވުމާއި މަސައްކަތްތެރިންގެ ވަގުތު އިތުރުވާނެތީ އެ ދަތުރު އެދުވަހު ނުކުރަން ނިންމީ އެވެ.

“ކުޅުންތެރިންގެ ބޮލުގައި ވެސް ރިއްސި. އިތުރު 30 މިނެޓަށް ދަތުރުކުރި ނަމަވެސް ވަރަށް ބިރުވެރިވާނެ. ގެމްބިއާގެ ޓީމު ސަލާމަތްވީ މަރުގެ ހާދިސާއަކުން. އެގަޑީގައި އޮކްސިޖަކް މާސްކް ނުލިބުމުން ހައިރާންވި” ބިރުވެރި ހާދިސާ ސިފަކޮށްދެމުން ކޯޗު ކިޔައިދިނެވެ.

އެ ހާދިސާ އަށް ފަހު ވެސް ގެމްބިއާގެ ޓީމު ވަނީ ބުދަ ދުވަހުގެ ރޭ ބަންޖުލްގައި ފަރިތަކުރުންތައް ބާއްވައިފަ އެވެ. އެކަމަކު ޓީމުގެ ބައެއް ކުޅުންތެރިން އެ ފަރިތަކުރުމުގައި ބައިވެރިއެއްނުވެ އެވެ.

“ބައެއް ކުޅުންތެރިންނަށް ފަރިތަނުކުރެވުނީ ދިމާވި ހާދިސާއާ ގުޅިގެން. އެކުޅުންތެރިން އަދިވެސް ބޮލުގައި ރިހުމާއި ބޯއެނބުރުމާއި ކަންބޮޑުވުންތައް އެބަހުރި” 2018 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ގެމްބިއާގެ ކޯޗުކަން ކުރަމުން އަންނަ ސެއިންޓްފިޓް ބުންޏެވެ.

ގެމްބިއާގެ ޓީމު އަލުން ދަތުރުކުރަން ހަމަޖެއްސީ ބުރާސްފަތި ދުވަހު އެވެ. ހާދިސާ ދިމާވި ފްލައިޓުން ދަތުރުކުރަން ގެމްބިއާ އިން ދެކޮޅު ހެދުމުން އެ އެއާލައިން ވަނީ އެޓީމަށް އެހެން ފްލައިޓެއް ހަމަޖައްސައިފަ އެވެ.

އެފްރިކާގެ 24 ޓީމު ވާދަކުރާ މުބާރާތް ފަށާނީ މާދަމާ އެވެ. ގެމްބިއާ ހިމެނެނީ ސެނެގޯލް އާއި ކެމެރޫން އަދި ގިނީއާ އެކު ގްރޫޕް ސީގަ އެވެ. ގެމްބިއާގެ ފުރަތަމަ މެޗުގައި މި މަހުގެ 15 ވަނަ ދުވަހު ނުކުންނާނީ ސެނެގޯލްއާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!