ފުރަތަމަ ސަފްޙާ / ޚަބަރު / ސިއްސައިގެންދާވަރުގެ އަގަކަށް ނޫނީ ޓޯނީ ދޫނުކުރާނެކަން އަންގައިފި
ފަހުމިނެޓް

ސިއްސައިގެންދާވަރުގެ އަގަކަށް ނޫނީ ޓޯނީ ދޫނުކުރާނެކަން އަންގައިފި

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 5 ޖެނުއަރީ 2024

އިނގިރޭސި މަޝްހޫރު ކްލަބްތަކުން ބޭނުންވެގެން އުޅޭ ބްރެޓްފޯޑްގެ އިނގިރޭސި ފޯވާޑް އައިވަން ޓޯނީ އަށް އާދަޔާހިލާފު އަގެއް ހުށަނާޅާ ހިނދަކު ނުވިއްކާލާނެ ކަމަށް އެ ކްލަބުގެ ކޯޗު ތޯމަސް ފްރޭންކް ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ފޯވާޑް، އިނގިރޭސިވިލާތުގެ ބެޓިންގެ އުސޫލުތަކާ ހިލާފުވުގެން މިހާރު ހުރީ ސަސްޕެންޝަނުގަ އެވެ. ބެޓިންގެ 232 ގަވައިދަކާ ހިލާފުވެގެން އަށް މަސް ދުވަހުގެ ސަސްޕެންޝަން ޓޯނީ ގުނަންފެށީ މިދިޔަ މެއި މަހު އެވެ.

ސަސްޕެންޝަން ހަމަވެ މި މަހުގެ 20 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ޓޯނީ އަށް ކުޅެވޭނެ އެވެ.

މިދިޔަ ސީޒަނުގައި 21 ގޯލު ޖެހި ފޯވާޑް އަނބުރާ ކުޅުމުގެ ތެރެއަށް އައުމަކީ އެ ކްލަބަށް އޮތް ބޮޑު ހިތްހަމަޖެހުމެކެވެ. އެކަމަކު މި ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ޓޯނީ ހޯދަން މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް އަދި ޗެލްސީ އިން މަސައްކަތްކުރާކަމަށް ރިޕޯޓްތައް ބުނެ އެވެ.

“ޓޯނީ ބްރެންޓްފޯޑުގައި މަޑުކުރާނެކަމުގެ ޔަގީންކަން އެބައޮތް. އެއީ މި ކްލަބުގެ ކުޅުންތެރިއެއް. ވިއްކާލަން ޖެހޭ އެއްވެސް ސަބަބެއް ނެތް. ބޭނުންވަނީ ދިގު މުއްދަތަކަށް ޓޯނީ މި ކްލަބުގައި މަޑުކުރަން” ޓޯނީގެ އެނބުރި އައުމާއި ގުޅޭގޮތުން ވާހަކަދައްކަމުން ބްރެންޓްފޯޑްގެ ކޯޗު ބުންޏެވެ.

ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ހޭދަކުރާ ތިން ވަނަ ސީޒަނުގައި ބްރެންޓްފޯޑް މިވަގުތު އޮތީ ލީގުގެ 16 ވަނައިގަ އެވެ. ލީގުގެ 18 ވަނައިގައި އޮތް ލޫޓަން ޓައުން އާއި އެ ޓީމާ ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ. އެހެންވެ މިވަގުތު އެޓީމަށް ރެލިގޭޝަނުގެ ބިރު އޮތުމާއެކު ޓޯނީ ކްލަބުގައި މަޑުކުރުވުން މުހިއްމެވެ.

“ޓޯނީގެ އަގާ މެދު ގޮތެއް ނިންމުމަކީ އަހަރެން ކުރަންޖެހޭ މަޝްވަރާއެއް ނޫން. އެކަމަކު އަހަރެންނަށް އެ ފުރުސަތު ލިބިއްޖެ ނަމަ ބުނާނީ ޓޯނީ ވިއްކާލާނީ އާދަޔާހިލާފު އަގެއް ލިބުމުންނޭ” ކޯޗު ފްރޭންކް ބުންޏެވެ.

ބްރެންޓްފޯޑާ އެކު ޓޯނީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޓޯނީ ގަންނަން ބޭނުންވާ ތިން ކްލަބުން ވެސް އެޓީމުތަކުގެ ފޯވާޑްލައިން ވަރުގަދަކުރަން ބޭނުންވެ އެވެ. އާސެނަލް ލީގަށް ވާދަކުރާއިރު އެންމެ ބޮޑު މައްސަލައަކީ ގޯލު ޖަހާނެ ވަރުގަދަ ފޯވާޑެއް ނެތުމެވެ. ޗެލްސީގެ ނިކޮލަސް ޖެކްސަން އަށް ކްލަބުން ބޭނުންވާ ވަރަށް ގޯލު ނުޖެހޭއިރު ޔުނައިޓެޑްގެ ފޯވާޑް ރަސްމުސް ހޮއިލެންޑަށް މި ސީޒަނުގެ ޕްރިމިއާ ލީގުގައި އަދި ޖެހުނީ އެންމެ ގޯލެކެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑްގެ 25 އިންސައްތަ ހިއްސާ ދާދިފަހުން ގަތް އިނގިރޭސި މަހުޖަނު، ޖިމް ރެޓްކްލިފް އަންނަނީ އިނގިރޭސި ކުޅުންތެރިން ޔުނައިޓެޑަށް ގެންނަން މަސައްކަތް ކުރަމުންނެވެ. އެކަމަކަށް އެކުލަވާލާ ބަޖެޓުގައި މި ޖެނުއަރީ މަހު ޓޯނީ ގެންނަން ޔުނައިޓެޑުން ބިޑް ކުރާނެކަމަށް ބެލެވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!