ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި 0-1 އިން މަޔޯކާ ބަލިކުރިއިރު ޖިރޯނާ އިން ފަހު ވަގުތު 3-4 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފި އެވެ.
ރެއާލް މޮޅުވި ގޯލު 78 ވަނަ މިނެޓުގައި ޖެހީ އެންޓޯނިއޯ ރުޑިގާ އެވެ. ލޫކަ މޮޑްރިޗް ނަގައިދިން ހުރަސް ރުޑިގާ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.
މެޗުގައި މަޔޯކާ އިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ޓީމުން ފޮނުވާލި ދެ ހަމަލާއެއް ހުރަސް ދަނޑިއަށް ވެސް އަމާޒުވި އެވެ.
ރެއާލް މިހާރު ވަނީ ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ބަލިނުވެ 18 މެޗު ކުޅެފަ އެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖިރޯނާ އިން ރޭ އެތުލެޓިކޯ ބަލިކުރީ މެޗުގެ 91 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ އިވާން މާޓިން އެވެ.
މެޗުގައި އެތުލެޓިކޯގެ ތިން ގޯލު ވެސް ޖެހީ އަލްވާރޯ މޮރާޓާ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ޖިރޯނާ 2-3 އިން ކުރީގައި އޮވެގެންނެވެ. ފުރަތަމަ ހާފުގައި ޖިރޯނާގެ ގޯލުތައް ކާމިޔާބުކޮށްދިނީ ވެލެރީ ފެނާންޑޭޒް އާއި ސަވިއޯގެ އިތުރުން ޑެލޭ ބްލިންޑެވެ.
ސްޕެނިޝް ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު ރެއާލް މެޑްރިޑާއި ޖިރޯނާ އިން ވަނީ 48 ޕޮއިންޓް ހޯދައިފަ އެވެ. 19 މެޗު ނިމުނުއިރު އެއް ވަނައިގައި ރެއާލް އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ރެއާލް އަށް ފައިދާ 29 ގޯލު ލިބިފައިވާއިރު ޖިރޯނާ އަށް ލިބިފައިވަނީ ފައިދާ 22 ގޯލެވެ.
ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ހަތަރު ވަނައިގައި އޮތް ބާސެލޯނާ އަށް ލިބިފައިވަނީ 38 ޕޮއިންޓެވެ. އެކަމަކު ލީގުގައި މިރޭ ލަސް ޕަލްމާސްއާ ވާދަކޮށް ބަލިނުވެ ފަރުޖައްސާލައިފި ނަމަ ބާސެލޯނާ އަށް ތިން ވަނަ މަގާމް ލިބޭނެ އެވެ.