އިނގިރޭސި ޕްރިމިއާ ލީގުގައި އާ އަހަރު ކުޅުނު ފުރަތަމަ މެޗުގައި ލިވަޕޫލުން 2-4 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފި އެވެ.
މޮޅާ އެކު އާ އަހަރު ލިވަޕޫލް ފެށީ ލީގު އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިގެންނެވެ. އެޓީމަށް 20 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތީ 42 ޕޮއިންޓް ހޯދާފައިވާ އެސްޓަން ވިލާ އެވެ. ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ހަތަރު ވަނައިގައި އޮތް އާސެނަލް އަށް ލިބިފައިވަނީ 40 ޕޮއިންޓެވެ. އެކަމަކު ސިޓީ އެ މަގާމްގައި އޮތީ އަނެއް ތިން ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.
ރޭގެ މެޗުގެ 22 ވަނަ މިނެޓުގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީ މުހައްމަދު ސަލާހް ފޮނުވާލުމުން ނިއުކާސަލްގެ ގޯލްކީޕަރު މަތަކުރީ އެވެ. ކީޕަރު ސޭވްކުރި ބޯޅަ ލިވަޕޫލްގެ ޓްރެންޓް އަލެކްޒަންޑަ އާނޯލްޑް ފޮނުވާލުމުން ދިޔައީ ގޯލުގެ މަތިންނެވެ.
މެޗުގެ ހުރިހާ ގޯލެއް ވެސް ފެނުނީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓުގައި ލިވަޕޫލަށް ގޯލު ހުޅުވައިދިނީ ސަލާހް އެވެ. އޭގެފަހުން ނިއުކާސަލްގެ އަލެކްސަންޑަ އިސާކް 54 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްދިނެވެ.
ލިވަޕޫލްގެ ދެ ވަނަ ގޯލު 74 ވަނަ މިނެޓުގައި ޖެހީ ކާޓިސް ޖޯންސް އެވެ. އޭގެ ހަތަރު މިނެޓު ފަހުން ލިވަޕޫލަށް ލިބުނު ޕެނަލްޓީއަކުން ސަލާހް 1-3 އަށް ނަތީޖާ ބަދަލުކޮށްލި އެވެ. ނިއުކާސަލް އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިން ގޯލު 81 ވަނަ މިނެޓުގައި ޖެހީ ސްވެން ބޮޓްމަން އެވެ.
މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ، އެ ޓީމުގެ ފަރާތުން ފެނުނީ އޭނާ ބޭނުންވި ކަހަލަ އަވަސް ކުޅުމެއް ކަމަށާއި، ފެނުނީ ފުޓްބޯޅައިގެ ފުރިހަމަ މެޗެއް ކަމަށެވެ.
މި ސީޒަނުގައި ލިވަޕޫލް އަންނަނީ މޮޅު ކުޅުމެއް ދައްކައި ލީގު ރޭހުގައި ރަނގަޅު ވާދައެއް ކުރަމުންނެވެ. ލިވަޕޫލްގެ ދަނޑުގައި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު 22 މެޗުގައި ވެސް ބަލިވެފައެއްނުވެ އެވެ. އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ލީގު 52 މެޗުގެ ތެރެއިން ލިވަޕޫލް ބަލިވީ އެންމެ މެޗަކުންނެވެ.
ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ސަލާހް ދާނީ މި މަހު ފަށާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މިސްރު ޓީމު ތަމްސީލްކުރާށެވެ. ސަލާހް ނެތި ލިވަޕޫލުން ގާތްގަނޑަކަށް ހަތް މެޗު ކުޅޭނެ އެވެ. ކްލޮޕް ބުނީ ސަލާހް ނެތި ނަތީޖާ ނެރޭނެ ގޮތް އޭނާ ހޯދާނެ ކަމަށެވެ.