އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފުލަމް އަތުން ރަށުން ބޭރުގައި އާސެނަލް 1-2 އިން ބަލިވި މެޗަކީ ސީޒަނުގައި އެޓީމުގެ އެންމެ ދަށް މެޗު ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
މި ސީޒަނުގައި ލީގަށް ވާދަކުރަމުން އަންނަ އާސެނަލް މިރޭގެ މެޗުން ބަލިވުމާ އެކު ލީގުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. އަހަރު ނިމުނުއިރު އާސެނަލް އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. 20 މެޗުން އެޓީމަށް ލިބިފައިވަނީ 40 ޕޮއިންޓެވެ.
“މިއީ އާސެނަލް މި ސީޒަނުގައި ކުޅުނު އެންމެ ދަށް މެޗު. މޮޅެއް ހައްގެއް ނޫން. ޑިސެމްބަރު 31 ވަނަ ދުވަހު ލީގުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ބޭނުން ނުހިފުމަކީ ދެރައެއް. އެކަމަކު އެއީ ފުޓްބޯޅައިގަ ކަން ހިނގާ ގޮތް” މެޗަށް ފަހު އާޓެޓާ ބުންޏެވެ.
މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި އާސެނަލްގެ ބުކަޔޯ ސަކާ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. އެކަމަކު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ރައުލް ހިމެނޭޒް ފުލަމް އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ފުލަމް މޮޅުވި ގޯލު 59 ވަނަ މިނެޓުގައި ޖެހީ ބޮބީ ޑެކޮޑޮވާ-ރީޑް އެވެ.
މުޅި މެޗުގައި ވެސް އާސެނަލަށް ފުލަމްގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވައެއް ނުލެވުނެވެ.
މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އައި އާސެނަލް ލީގު ތާވަލުގެ ހަތަރު ވަނަ އަށް ވެއްޓުނީ ޑިސެމްބަރު މަހު ނަތީޖާތަށް ދަށްވުމުންނެވެ. ލީގުގައި ޖެހިޖެހިގެން ދެ ވަނަ މެޗުން ބަލިވިއިރު، އެންމެ ފަހުން ކުޅުނު ލީގު ހަ މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ.
މެޗަށް ފަހު އާސެނަލްގެ މިޑްފީލްޑަރު ޑެކްލަން ރައިސް ބުނީ ސީޒަނުގައި ބައިވަރު މެޗުތައް ބާކީ ހުރުމާއި އެކު ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ލީގުގައި މިރޭ ޓޮޓެންހަމް ވަނީ އަމިއްލަ ދަނޑުގައި ބޯންމައުތު 1-3 އިން ބަލިކޮށްފަ އެވެ. މެޗުގައި ޓޮޓެންހަމްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޕަޕޭ ސާ އާއި ސޮން ހެއުން މިން އަދި ރިޗާލިސަން އެވެ. މޮޅާ އެކު ޓޮޓެންހަމް ވަނީ 20 މެޗުން 39 ޕޮއިންޓް ހަމަކޮށް ފަސް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.
ލީގު ތާވަލުގެ އެއް ވަނައިގައި އޮތީ 42 ޕޮއިންޓާ އެކު ލިވަޕޫލް އެވެ. ދެ ވަނައިގައި އޮތް އެސްޓަން ވިލާ ވެސް ވަނީ 42 ޕޮއިންޓް ހޯދާފަ އެވެ. ތިން ވަނައިގައި އޮތީ 40 ޕޮއިންޓް ހޯދާފައިވާ މެންޗެސްޓާ ސިޓީ އެވެ.