އެފްއޭއެމް އެކްސްކޯގެ ޖުމްލަ ފަސް މެމްބަރުން އިސްތިއުފާ ދިނުމާ ގުޅިގެން އެކްސްކޯގެ ގާނޫނީ އަދަދު ހަމަނުވާތީ އެފްއޭއެމްގެ ރައީސްގެ މަގާމު ބައްސާމް އަދީލް ޖަލީލަށް ގެއްލިފައި އޮއްވައި، ކުރީގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާއި މިހާރުގެ އެކްސްކޯގައި ވެސް ހިމެނޭ މުފާވިޒް ހާޝިމް (މުފާ) އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ވާދަކުރަން ފޯމު ހުށަހަޅައިފި އެވެ.
ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެފްއޭއެމްގެ އިންތިހާބު ބާއްވަން ނިންމާފައި ވާއިރު، ބައްސާމް ވަނީ އޭނާ ތިން ވަނަ ދައުރަކަށް ކުރިމަތި ނުލާން ނިންމައިފަ އެވެ. އަދި އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑެސީ ހުށަހެޅުމުގެ މުއްދަތު އިއްޔެ މެންދުރު 2 ޖެހިއިރު ހަމަވެފައި ވާއިރު، ނަން ހުށަހަޅާފައި ވަނީ ޓޮމް އާއި މުފާ އެވެ.
ބައްސާމްގެ އެކްސްކޯގެ ނައިބު ރައީސް ކަމުގެ މަގާމުގައި ކުރިން ހުންނެވި މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮލީ) އާއި އެކްސްކޯ މެމްބަރު އަދި ކްލަބް ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލް (މުއާބެ) ވަނީ މީގެ ދެ މަހެއްހާ ދުވަސް ކުރިން އިސްތިއުފާ ދީފަ އެވެ.
ޖުމްލަ ނުވަ މެމްބަރުން ހިމެނޭ އެކްސްކޯ އިން އިތުރު ތިން މެމްބަރަކު ވަނީ އިސްތިއުފާ ދީފަ އެވެ. އެއީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ނިސްބަތްވާ މުހައްމަދު ޝިފާއު އާއި ޓީސީ ސްޕޯޓްސް ކްލަބްގެ މުއައްސިސް އަހުމަދު ނަޝީދު (ޑޭވް) އަދި އެކްސްކޯ މެމްބަރު އާމިނަތު ޝާނީޒް އެވެ.
ޝިފާއު އާއި ޑޭވް އަދި ޝާނީޒް މިމަހުގެ 15 ވަނަ ދުވަހު އިސްތިއުފާ ދޭން ނިންމައި، ސިޓީ އެފްއޭއެމާ ހަވާލު ކޮށްފައި ވަނީ އަންގާރަ ދުވަހު އެވެ.
އެކްސްކޯ އިން ފަސް މެމްބަރުން އިސްތިއުފާ ދިނުމުން ކޮމިޓީގެ ގާނޫނީ އަދަދު ހަމައެއް ނުވެ އެވެ. ބާކީ ތިބި ހަތަރު މެމްބަރުންނަކީ ރައީސް ބައްސާމް އާއި ނައިބު ރައީސް އަލީ އުމަރު އަދި އެކްސްކޯ މެމްބަރުން ކަމަށްވާ މުފާ އާއި އަހުމަދު ޝަކީބް (ޑޮކް) އެވެ.
ބައްސާމް 2016 ވަނަ އަހަރު އެފްއޭއެމްގެ ރައީސްކަމާ ފުރަތަމަ ހަވާލުވީ އިންތިހާބުގައި ޓޮމް ބަލިކޮށްފަ އެވެ. ޓޮމްގެ ދައުރަށް ހަތަރުވަރަކަށް މަސް ނުވަނީސް އޭނާ އަށް މަގާމު ގެއްލުނީ އެކްސްކޯގެ ފަސް މެމްބަރަކު އެއްފަހަރާ އިސްތިއުފާ ދިނުމުންނެވެ.
ޓޮމް އެންމެ ފުރަތަމަ 2016 ވަނަ އަހަރު އެފްއޭއެމްގެ ރައީސްކަމަށް އައީ ސޯލް ކެންޑިޑޭޓެއްގެ ގޮތުގައި ހުރެ އިންތިހާބުގައި އަގުލަބިއްޔަތު ހޯދައިގެންނެވެ. އެކްސްކޯގެ ފަސް މެމްބަރަކު އިސްތިއުފާ ދީ ޓޮމްގެ މަގާމު ގެއްލުވާލީ، އޭރުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުރި، ބައްސާމް މަގާމުން ވަކިކުރީ އެކްސްކޯއިން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ކަމަށް ބުނެ އެވެ.
މިއީ ޓޮމް އެފްއޭއެމްގެ ރައީސްކަމަށް ވާދަ ކުރައްވާ ތިން ވަނަ ފަހަރެވެ. މިފަހަރު ޓޮމް ކުރިމަތިލީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް އަދި ވެލެންސިއާގެ އެންޑޯޒްމަންޓާ އެކު އެވެ.
ޓޮމްގެ އެގްޒެކެޓިވް ޓީމުގައި ހިމެނޭ 9 މެމްބަރުން:
1- ރައީސް: އަހުމަދު ތޯރިގް2- ނައިބު ރައީސް: އިމްރާން މުހައްމަދު (ކީޕަރު)3- ނައިބު ރައީސް: ހުސައިން ޝާފިއު (މާޒިޔާ)4- މެންބަރު: އަޙްމަދު ޝާހިރު (ކުރީގެ އެފްއޭއެމްގެ އިންޓަރިން ރައީސް)5- މެންބަރު: އަބްދުލްހަމީދު އަބްދުލް ގަފޫރު (ކުރީގެ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ)6- މެންބަރު: އުލާ އިބްރާހިމް (މަހިބަދޫ ސކ)7- މެންބަރު: މުހައްމަދު މިފްތާހް (ޓީސީ)8- މެންބަރު: އަލީ ރިޒްވާން9- މެންބަރު: އަބްދުﷲ ނާސިޙްބައްސާމްގެ އެކްސްކޯގައި ވެސް ހިމެނޭ މެމްބަރު މުފާ އަކީ ކްލަބް އީގަލްސް ހިންގުމުގައި އެންމެ އިސްކޮށް އުޅޭ ފަރާތެވެ.މުފާ ފޯމު ހުށަހަޅާފައި ވަނީ ފުރަތަމަ ޑިވިޝަންގައި މާޒިޔާ އާއި ޓީސީ ފިޔަވައި ބާކީ ތިބި ހަ ކްލަބް ކަމަށްވާ ގްރީން ސްޓްރީޓްސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް), ބުރު ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓަރީ، ވެލެންސިއާ އަދި އީގަލްސްގެ އެންޑޯޒްމަންޓާ އެކު އެވެ. ހަމަ އެއާ އެކު ދެ ވަނަ ޑިވިޝަންގެ ޖޭޖޭ ސްޕޯޓްސް ކްލަބާއި ކްލަބް ޕީކޭ އިން ވެސް ވަނީ މުފާ އެންޑޯޒް ކޮށްފަ އެވެ.
މިއާ އެކު ދެ ކެންޑިޑޭޓުން އަތުގައި ވެސް ވެލެންސިއާގެ ސިޓީއެއް އޮތް ކަން ވަނީ ހާމަ ވެފަ އެވެ.
އެފްއޭއެމްގެ އިންތިހާބުގައި ވާދަ ކުރަން ފޯމު ހުށަހަޅާ އިރު ކޮންމެ ކެންޑިޑޭޓަކު ވެސް ފުރަތަމަ ޑިވިޝަނުން މަދުވެގެން ތިން ކްލަބެއްގެ ތާއީދު އޮތް ކަމުގެ ލިޔުމެއް ހޯދަން ޖެހެ އެވެ. މުފާ އާއި ޓޮމް ވެސް ވަނީ ވެލެންސިއާގެ ސިޓީ އޮތް ކަމަށް ބުނެފަ އެވެ.ޓޮމް ފޯމު ހުށަހަޅަން އެފްއޭއެމް ހައުސް އަށް ހާޒިރުވިއިރު، އިއްޔެ ވެލެންސިއާގެ ޗެއާމަނަކަށް އައްޔަނުކުރި ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން ވެސް ޓޮމްއާ އެކު ހުންނެވި އެވެ.ވެލެންސިއާގެ ބޯޑުގެ މެޖޯރިޓީ ނިންމާފައި އޮތީ ޓޮމް އަށް ތާއީދު ކުރަން ކަމަށް އަޒްމީން ވަނީ މީޑީއާގައި ހާމަ ކުރައްވައިފަ އެވެ. މިއާ އެކު ދެ ކެންޑިޑޭޓުން ހުށަހަޅާފައިވާ ވެލެންސިއާގެ ސިޓީއާ މެދު ގޮތް ނިންމާނީ އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީންނެވެ.މުފާގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ 9 މެމްބަރުން:1- ރައީސް: މުފާވިޒް ހާޝިމް2- ނައިބު ރައީސް: މުއާވިޔަތު ހަލީލް (މުއާބެ)3- ނައިބު ރައީސް: މުހައްމަދު އަހްސަން (ބުރު ސްޕޯޓްސް)4- މެންބަރު: އަރުޝަދު އަޝްރަފް (ބުރު ސްޕޯޓްސް)5- މެންބަރު: ހަސަން އަދުހަމް (ކުރީގެ ގައުމީ ޓީމް ފޯވާޑް/ ކުޑަހެންވޭރު ޔުނައިޓެޑް)6- މެންބަރު: އިސްމާއިލް ޝަފީއު (ޔުނައިޓެޑް ވިކްޓަރީގެ ރައީސް)7- މެންބަރު: މަރިޔަމް މިރުފަތު (އަންހެން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން)8- މެންބަރު: މުހައްމަދު ހަސަން (ބުރު ސްޕޯޓްސް)9- މެންބަރު: އަހުމަދު ޝަކީބް (ޑޮކް)