ފުރަތަމަ ސަފްޙާ / ޚަބަރު / އަހަރު ނިމުމުގެ ކުރިން ރެއާލުން ލީގުގެ އެއް ވަނަ އަތުލައިފި

އަހަރު ނިމުމުގެ ކުރިން ރެއާލުން ލީގުގެ އެއް ވަނަ އަތުލައިފި

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 22 ޑިސެމްބަރު 2023

ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ޖިރޯނާ ރޭ އެއްވަރުވިއިރު ފަހުވަގުތު މޮޅުވެ ރެއާލް މެޑްރިޑް އެއް ވަނަ މަގާމަށް ކުރިއަށް ޖެހިލައިފި އެވެ.

މި ސީޒަނުގެ ލީގުގައި ރަނގަޅު ވާދައެއް ކުރަމުން އަންނަ ޖިރޯނާ ރޭ ރަށުން ބޭރުގައި ރެއާލް ބެޓިސްއާ ވާދަކޮށް އެއްވަރުވީ 1-1 އިންނެވެ. ރަށުން ބޭރުގައި އަލަވެސްއާ ވާދަކޮށް ރެއާލް މޮޅުވީ 1-0 އިންނެވެ.

ރެއާލް އާއި ޖިރޯނާ އަށް ވެސް ލިބިފައިވަނީ 45 ޕޮއިންޓެވެ. ރެއާލް އެއް ވަނައިގައި އޮތީ ފައިދާ ގޯލުން ކުރި ލިބިގެންނެވެ. ތިން ވަނައިގައި އޮތީ 38 ޕޮއިންޓް ލިބިފައިވާ ބާސެލޯނާ އެވެ. ހަތަރު ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ފަސް ވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯ އަށް ވަނީ 35 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗުގައި ރެއާލްގެ ހަމައެކަނި ގޯލު އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ޖެހީ ލޫކަސް ވަޒްކޭޒް އެވެ. މެޗުގައި ރެއާލަށް މައްސަލަ ދިމާވީ 54 ވަނަ މިނެޓުގައި ނަޗޯ އަށް ރަތް ކާޑު ދެއްކުމުންނެވެ.

ޖިރޯނާ މެޗުގައި އެޓީމުގެ އަރްތެމް ޑޮވްބިކް ވަނީ ޕެނަލްޓީއަކުން ލީޑު ނަގައިދީފަ އެވެ. އެކަމަކު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ބެޓިސްގެ ޖާމަން ޕަޒެއްލާ ނަތީޖާ ހަމަހަމަކޮށްދިނެވެ.

ލީގުގައި މިއަހަރު ރެއާލް އާއި ޖިރޯނާ ދެން މެޗެއް ނުކުޅޭނެ އެވެ. ފިނި މޫސުމުގެ ބްރޭކަށް ފަހު ޖެނުއަރީ ތިން ވަނަ ދުވަހު ރެއާލް ނުކުންނާނީ ރެއާލް މަޔޯކާއާ ދެކޮޅަށެވެ. އެ ހަފްތާ ޖިރޯނާ ވާދަކުރާނީ އެތުލެޓިކޯ މެޑްރިޑާ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!