އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ގޯލުގެ ލީޑެއްގައި އޮއްވައި ފަހު ވަގުތު 2-2 އިން އެއްވަރުވެއްޖެ އެވެ.
ލީގުގައި ފަހަކަށް އައިސް ސިޓީ އަށް ނަތީޖާ ނުނެރެވެ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ސިޓީ އަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އެއީ ރަށުން ބޭރުގައި ލޫޓަން ޓައުންއާ ވާދަކުރި މެޗެވެ.
ރޭ ސިޓީ ވަނީ މޮޅަށް ކުޅެ ދެ ގޯލުގެ ލީޑު ނަގައިފަ އެވެ. އެ ޓީމުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ޖެހީ ޖެކް ގްރީލިޝް އެވެ. ދެ ވަނަ ގޯލު ދެ ވަނަ ހާފުގައި ޖެހީ ރިކޯ ލެވިސް އެވެ.
ޕެލެސް އިން ނަތީޖާ އަނބުރާލީ މެޗުގެ ފަހު 15 މިނެޓުގަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު 76 ވަނަ މިނެޓުގައި ޖެހީ ޔީން-ފިލިޕް މަޓޭޓާ އެވެ. ފަހު ގޯލު އިތުރު ވަގުތުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މިކޭލް އޮލީސޭ އެވެ.
ލީގުގައި ސިޓީ މިހާރު އޮތީ 34 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ލިވަޕޫލާ އެޓީމާ ދެމެދު ތިން ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ލިވަޕޫލް މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.
ލީގުގައި ރޭ ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި 0-2 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްފަ އެވެ. މެޗުގައި ޗެލްސީގެ ދެ ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ރަހީމް ސްޓާލިންގެ އެހީގައި ފުރަތަމަ ގޯލު ޖެހީ ކޯލް ޕާމާ އެވެ. އޭގެ އިރުކޮޅެއް ފަހުން ޕާމާގެ އެހީގައި ޗެލްސީގެ ދެ ވަނަ ގޯލު ޖެހީ ނިކޮލަސް ޖެކްސަން އެވެ.
ޗެލްސީ ވަނީ މޮޅާ އެކު 22 ޕޮއިންޓް ކަށަވަރުކޮށް 10 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ޝެފީލްޑް ޔުނައިޓެޑް އަށް ޕޮއިންޓާ އެކު އޮތީ ފުލުގަ އެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ނިއުކާސަލް ޔުނައިޓެޑް ވަނީ 0-3 އިން ފުލަމް ބަލިކޮށްފަ އެވެ. ނިއުކާސަލް 29 ޕޮއިންޓާ އެކު އޮތީ ހަ ވަނައިގަ އެވެ. ބާންލީ ދަނޑުގައި އެވަޓަން މޮޅުވީ 2-0 އިންނެވެ.
ބޯންމައުތާއި ލޫޓަން ޓައުން ވާދަކުރި މެޗު 1-1 އިން އެއްވަރުވެފައި އޮއްވައި ލޫޓަންގެ ކެޕްޓަން ޓޮމް ލޮކްޔާ ދަނޑުމައްޗަށް ވެއްޓުމުން ކުޅުން ވަނީ ހުއްޓާލާފަ އެވެ. ލޮކްޔާ ދަނޑަށް ވެއްޓުމާ އެކު އޭނާ އަށް ވަގުތުން ވަނީ އަވަސް ފަރުވާ ދީފަ އެވެ.
މެޗު ހުއްޓާލިއިރު 65 ވަނީ ކުޅެފަ އެވެ. އެކަމަކު ހިތާމަވެރި ހާދިސާއާ ގުޅިގެން ރެފްރީންގެ ޓީމާއި ދެ ޓީމުގެ ކުޅުންތެރިން ނިންމީ މެޗު އިތުރަށް ކުރިއަށް ނުގެންދިއުމަށެވެ. ލޮކްޔާ ވެއްޓުނު ހާދިސާއަށް ފަހު މިހާރު އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަކަން ރިޕޯޓްތައް ބުނެ އެވެ.