ފުރަތަމަ ސަފްޙާ / ޚަބަރު / ރައްޓެހިން ބުނި ތިކަމެއް ނުވާނެއޭ، ތިކަމާ ނޫޅޭށޭ: ޓެން ހާގް
ފަހުމިނެޓް

ރައްޓެހިން ބުނި ތިކަމެއް ނުވާނެއޭ، ތިކަމާ ނޫޅޭށޭ: ޓެން ހާގް

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 8 ޑިސެމްބަރު 2023

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާން އުޅުނުއިރު އެއީ ނުވާނެކަމެއް ކަމަށް ބުނެ އެކަމާ ހަވާލުނުވާން އޭނާގެ ރައްޓެހިން އެދުނުކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ނެދަލެންޑްސްގެ އަޔަކްސްގައި ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ފަހު ޓެން ހާގް ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރު އެވެ.

ޔުނައިޓެޑާ ހަވާލުވުމާއި ގުޅޭގޮތުން ދާދިފަހުން އިނގިރޭސި މެގަޒިން އަކަށް ދިން އިންޓަވިއުއެއްގައި ޓެން ހާގް ބުނީ ރައްޓެހިން އެހެން ބުންޏަސް އޭނާ ބޭނުންވީ ޗެލެންޖު ނަގަން ކަމަށެވެ.

“އެންމެންވެސް ބުނަމުން ދިޔައީ މި ވަޒީފާގަ ކާމިޔާބެއް ނުވާނެއޭ. އެމީހުން ބުނީ މިއީ ހަމަ އިމްޕޮސިބަލް ކަމެކެވޭ. އެކަމަކު އަހަރެން ބޭނުންވީ އެ ޗެލެންޖު ނަގަން” ނެދަލެންޑްސް އަށް އުފަން 53 އަހަރުގެ ކޯޗު ބުންޏެވެ.

ކުރިން ބަޔާން މިއުނިކްގެ ޔޫތު ޓީމަށް ކޯޗުކޮށްދިން ޓެން ހާގް ޔުނައިޓެޑާ ހަވާލުވެ ފުރަތަމަ ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. ޔުނައިޓެޑަށް ތައްޓެއް ނުލިބި ވޭތުވި ހަ އަހަރަށް ނިމުން ގެނައީ މިދިޔަ ސީޒަނުގައި އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްގެންނެވެ. އެކަމަކު ޓެން ހާގްގެ ދެ ވަނަ ސީޒަނުގައި ޔުނައިޓެޑްގެ ކުޅުން ދަށްވެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ބޭރުގައި މިވަގުތު އޮތްއިރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕުގައި ޔުނައިޓެޑް އޮތީ ފުލުގަ އެވެ. ޗެންޕިއަންސް ލީގުގެ ނޮކްއައުޓް ބުރަށް ދިއުމަށް އެޓީމަށް އޮތީ ހަނި ފުރުސަތެކެވެ.

ޔުނައިޓެޑްގެ ކޯޗުކަން 2013 ވަނަ އަހަރު ސަރ އެލެކްސް ފާގަސަން ދޫކޮށްލިފަހުން އެޓީމަށް ލީގު ޗެމްޕިއަންކަން ހޯދޭ ފެންވަރުގެ ވާދައެއް ނުކުރެވެ އެވެ. ފާގަސަން ދިޔަފަހުން ހަ ކޯޗުން އެޓީމަށް ވަނީ ގެނެސްފަ އެވެ. އެއީ ޑޭވިޑް މޯޔެސް އާއި ލުއީ ވެން ހާލްގެ އިތުރުން ހޯސޭ މޮރީނިއޯ، އޮލެ ގުނަ ސޯލްޝެއާ އަދި ރަލްފް ރަންގްނިކް އެވެ.

“އަހަރެންނަށް އެނގޭ ކުރިން ވެސް ފަސޭހަ ނުވާނެކަން. އެކަމަކު މިއީ ވަރަށް ބޮޑު ފޭންބޭސް އެއް އޮތް ބޮޑު ކްލަބެއް. މިއީ އެއްބަޔަކު ވަރަށް ލޯބިވެ އަނެއް ބަޔަކު ފޫހިވާ ކްލަބެއް. އަހަރެން ބޭނުންވަނީ މިކަހަލަ ކްލަބެއް. އަޔަކްސް އަކީ ވެސް މިކަހަލަ ކްލަބެއް” ޓެން ހާގް ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!