ފުރަތަމަ ސަފްޙާ / ޚަބަރު / ޓޮޓެންހަމްގެ ފޯމު ގެއްލި ސޮން މުޅިން މާޔޫސްވެއްޖެ

ޓޮޓެންހަމްގެ ފޯމު ގެއްލި ސޮން މުޅިން މާޔޫސްވެއްޖެ

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 8 ޑިސެމްބަރު 2023

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑާ ވާދަކޮށް 2-1 އިން ޓޮޓެންހަމް ހޮޓްސްޕާ ބަލިވި މެޗުގެ ޒިންމާ ނަގަން ޖެހޭނީ ކުޅުންތެރިން ކަމަށާއި، އެއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭ ފެންވަރުގެ ކުޅުމެއް ނޫން ކަމަށް ކެޕްޓަން ސޮން ހެއުން މިން ބުނެފި އެވެ.

ދެކުނު ކޮރެއާގެ ވިންގް، ސޮން އަކީ މިވަގުތު ޓޮޓެންހަމްގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. ރޭ ޕްރިމިއާ ލީގުގައި ޓޮޓެންހަމް ބަލިވީ ލީޑުގައި އޮއްވަ އެވެ. ރޭގެ މެޗަކީ ޓޮޓެންހަމް ލީޑު ނެގިފަހުން ޕްރިމިއާ ލީގުގައި ޖެހިޖެހިގެން މޮޅެއް ނުލިބުނު ފަސް ވަނަ މެޗެވެ. މިދިޔަ ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވިއިރު އެއްވަރުވީ އެއް މެޗެވެ.

ޕްރިމިއާ ލީގުގެ ތާރީހުގައި ޖެހިޖެހިގެން ފަސް މެޗުގައި ލީޑު ނެގުމަށް ފަހު މޮޅެއް ނުލިބުނު ފުރަތަމަ ޓީމަކީ ވެސް ޓޮޓެންހަމް އެވެ.

ރޭގެ މެޗުގެ ކުރީކޮޅު ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ ވަނީ ޓޮޓެންހަމް އަށް ލީޑު ނަގައިދީފަ އެވެ. ވެސްޓް ހޭމް އިން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގަ އެވެ. އެއްވަރުކުރި ގޯލު ޖެރޮޑް ބޮވެން ޖެހިއިރު މޮޅުވި ގޯލު ޖެހީ ޖޭމްސް ވާޑް ޕްރޯސް އެވެ.

“މޮޅެއް ހައްގުވުމާ ނުވުން އެއީ އެއްވެސް މާނައެއް ނެތް ވާހަކައެއް. އަހަރެމެން ބަލިވީ. މިއީ ގަބޫލުކުރެވޭ ނަތީޖާއެއް ނޫން” މެޗަށް ފަހު ހިތްހަމަނުޖެހިފައި ހުރި ސޮން ބުންޏެވެ.

ސީޒަނުގެ ކުރީކޮޅު ޓޮޓެންހަމް ދިޔައީ ލީގަށް ވާދަކުރަމުންނެވެ. އެކަމަކު އެއް ވަނައިގައި އޮތް އާސެނަލްއާ އެޓީމާ ދެމެދު މިހާރު ފަސް ޕޮއިންޓުގެ ތަފާތެއް އެބައޮތެވެ. 15 މެޗުން ލިބުނު 27 ޕޮއިންޓާ އެކު ޓޮޓެންހަމް މިހާރު ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ.

“ހުރިހާ ކުޅުންތެރިން ޒިންމާ ނަގަން ޖެހޭނެ. ހާއްސަކޮށް އެޓޭކުގައި ކުޅޭ ކުޅުންތެރިން. މެޗު ނިންމާލާނެ ބައިވަރު ފުރުސަތު އަހަރެމެންނަށް ލިބި ބޭކާރުވި” ސޮން ބުންޏެވެ.

ވެސްޓް ހޭމް ވަނީ 24 ޕޮއިންޓާ އެކު ނުވަ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.

ރޭ ނިއުކާސަލް ޔުނައިޓެޑް ވަނީ ރަށުން ބޭރުގައި އެވަޓަންއާ ވާދަކޮށް 0-3 އިން ބަލިވެފަ އެވެ. އެވަޓަން އިން މެޗުގެ ގޯލުތައް ކާމިޔާބުކުރީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގަ އެވެ.

ނިއުކާސަލް މިހާރު އޮތީ 26 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. އެވަޓަން ވަނީ 10 ޕޮއިންޓް ހަމަކޮށް 17 ވަނަ އަށް ކުރިއަށްޖެހިލާފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!