ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފޮނުވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތުކޮށް، ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ހިންގަމުންދާ މައްސަލައާ ގުޅިގެން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިމެނޭހެން އެތަނުގެ ވެރިންނަށް ދައުވާކުރެވޭ ވަރަށް ހެކި ލިބޭނެކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޕީޖީ އިން މިއަދު ބޭއްވީ އެ އޮފީހުން ތަހުގީގުކުރަމުންދާ ބޮޑެތި މައްސަލަތަކާއި ގުޅޭ ޕްރެސް ކޮންފަރެންސެކެވެ.
“އުއްމީދު ކުރަނީ ކުރިއަށް އޮތް ހަފްތާއެއް ދެ ހަފްތާއެއް ތެރޭގައި އެ މައްސަލައިގައި ވެސް ކޯޓަށް މައްސަލައެއް ވެއްދޭ ވަރަށް އަޅުގަނޑުމެންނަށް ހެކި ހޯދިދާނެ ކަމަށް. މި މައްސަލަ ބާރަށް ކުރިއަށް އެބަދޭ” އެފްއޭއެމް މައްސަލައިގެ ތަފްސީލަށް ދަމުން ޝަމީމް ވިދާޅުވި އެވެ.
ޕްރެސްގައި ޝަމީމް ވިދާޅުވީ އެފްއޭއެމްގެ މައްސަލައިގައި ތުހުމަތުކުރެވޭ ޕްރައިމް ސަސްޕެކްޓަކީ “ބައްސާމް” ކަމަށެވެ.
“މައްސަލައިގައި ތުހުމަތުކުރެވެނީ އެފްއޭއެމް ހިންގެވުމާ ހަވާލުވެތިއްބެވި ބޭފުޅުންނަށް. މައިގަނޑު ސަސްޕެކްޓަކަށް އަޅުގަނޑުމެންނަށް މިހާތަނަށް ފެންނަން އޮތީ އެފްއޭއެމްގެ ރައީސް ބައްސާމް” ވަރަށް ސާފު އިބާރާތުން ޝަމީމް ވިދާޅުވި އެވެ.
ރާއްޖޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސް ކްލަބްތައް މިހާރު ވަނީ މާލީ ގޮތުން ބިކަވެފަ އެވެ. އެފްއޭއެމްގެ މުވައްޒަފުންނާއި މެޗުތަކުގައި އިންސާފުކުރާ ރެފްރީންނަށް ވެސް މުސާރަ ނުލިބޭތާ މަސްތަކެއް ވަނީ ވެފަ އެވެ. އެފްއޭއެމްގެ މައްސަލައިގައި ޕީޖީ އިން އަމުރުކޮށްގެން ފުލުހުން ޖިނާއީ ތަހުގީގެއް ހިންގަން ފެށީ އޮކްޓޫބަރު 22 ވަނަ ދުވަހު އެވެ.
“އަޅުގަނޑުމެންގެ ތުހުމަތަކީ ނުވަތަ ފުލުހުންގެ ތުހުމަތަކީ އެފްއޭއެމް އަށް ފީފާ އިން ފޮނުވާ ފައިސާ ރާއްޖޭގެ ގަވާއިދުތަކާއި ގާނޫނުތަކާއި ހިލާފަށް އެކިކަންކަމަށް ބޭނުންކުރުން. ރާއްޖޭގަ އެބަހުރި ތަންތަނަށް ލިބޭ ފައިސާ ބޭނުންކުރުމާ ބެހޭ ގަވާއިދުތަކެއް ހަދާފަ. އެކަހަލަ އުސޫލުތަކެއް ހަދާފަ އެބަހުރޭ” ޕްރެސްގައި ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ އެފްއޭއެމް އަށް ލިބެނީ އެ އިދާރާގެ ފައިސާ ނޫން ކަމަށާއި އެއީ ރައްޔިތުންގެ ފައިސާ ކަމަށެވެ. އެކަމަކު ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް އެފްއޭއެމްގެ ފައިސާ އެކި ގޮތްގޮތަށް “ދައުރުކޮށްފައިވާ” މަންޒަރު ތަހުގީގަށް ފެންނަ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޕީޖީ ޝަމީމް. އެފްއޭއެމްގެ މައްސަލައިގައި އެތަނުގެ ވެރިންނަށް ދައުވާކުރެވޭ ވަރަށް ހެކި ލިބޭނެކަމަށް ވިދާޅުވި
އެފްއޭއެމްގެ ލިޔުންތައް ހުރީ އިންސާނުން ލިޔުން ބަލަހައްޓާ ގޮތަކަށް ނޫން
އެފްއޭއެމްގެ ތަހުގީގާ ގުޅުންހުރި އިތުރު މަސައްކަތްތަކެއް ކުރަން އެބަހުރިކަން ޝަމީމް ފާހަގަކުރެއްވި އެވެ. އެކަމަށް މުއްދަތެއް ނަގާނެކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ “ބައެއް ކަހަލަ ލިޔުންތައް ބަލަހައްޓާފަ ހުރީ އާއްމުގޮތެއްގަ އިންސާނުން ލިޔުން ބަލަހައްޓާ ގޮތަކަށް ނޫން. އެހެންވީމަ ބައެއް ކަހަލަ ދަތިތައް ހުންނާނެތާ ބައެއް އެއްޗެހި ހޯދާ އެއްކޮށް ނިއުޅުވާ ހަދަން” ކަމަށެވެ.
އެފްއޭއެމްގެ ވެރިން ކޮށްފައިވާ ދަތުރުތަކުގައި ކޮށްފައިވާ މުއާމަލާތްތައް ދެނެގަނެވޭ ކަމަށާއި އެބޭފުޅުން “ދަތުރުކުރައްވާ ގޮތާއި، ގޮސްފަ ހުންނަ ޝޮޕިން މޯލްތަކާއި، ކޮން މޯލަކަށް ތޯ ވަންނަނީ. ވަނީ ކޮން ފިހާރައަކަށްތޯ. ގަތީ ކޮން އެއްޗެއްތޯ” ތަހުގީގަށް ހޯދިފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
އެފްއޭއެމްގެ މައްސަލައާ ހަވާލާދީ ޝަމީމް ވިދާޅުވީ ފައިނޭންޝިއަލް ކްރައިމްސް ހިންގާއިރު މުއާމަލާތްތައް ފެންނަން ހުންނަ ކަމަށެވެ.
“ބައެއް ކުށްތައް ކުރުމަކީ ފަސޭހަކަމެއް ނޫން. ބަލައިފިއްޔާ ހޯދޭނެ” އެފްއޭއެމްގެ ވެރިން ކޮށްފައިވާ ދަތުރުތަކަށް އިޝާރަތްކުރައްވައި ޝަމީމް ވިދާޅުވި އެވެ.
އެފްއޭއެމްއާ ދެކޮޅަށް ފުލުހުން ހިންގާ ތަހުގީގާ ގުޅިގެން އެފްއޭއެމް އިން ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. މައްސަލައާ ގުޅިގެން ބައްސާމް ވިދާޅުވީ އެފްއޭއެމްގެ ފައިސާއަށް އެތަނުގެ އެއްވެސް ވެރިއަކު އަދި އެހެން އެއްވެސް ފަރާތަކުން ހިޔާނާތްތެރިވެފައި ނުވާނެ ކަމަށެވެ.