ފުރަތަމަ ސަފްޙާ / ޚަބަރު / އެންމެންގެ ސަމާލުކަން ގާނާޗޯގެ ސަޅި ގޯލަށް

އެންމެންގެ ސަމާލުކަން ގާނާޗޯގެ ސަޅި ގޯލަށް

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 27 ނޮވެމްބަރު 2023

ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑުން 3-0 އިން ރޭ އެވަޓަން ބަލިކުރި މެޗުގެ ތިން ވަނަ މިނިޓުގައި އަލެހަންދްރޯ ގާނާޗޯ ކާމިޔާބު ކޮށްދިން މޮޅު ގޯލަށް އެތައް ބަޔެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

ޑިއޯގޯ ޑަލޮޓް ނަގައިދިން ބޯޅަ ގާނާޗޯ، 23، ވަނީ އޯވާހެޑް ކިކަކުން ޖަހައި ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން މެޗުގައި ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. އެ އުފަލުގައި ގާނާޗޯ ވަނީ އޭނާގެ އެންމެ މަގުބޫލު ކުޅުންތެރިޔާ ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯގެ “ސިއޫ” ސެލެބްރޭޝަން ހަދައިފަ އެވެ.

ގިނަ ބަޔަކު ދެކޭގޮތުގައި އޭނާ ޖެހި ގޯލަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ރަން އަކުރުން ފަވާލެވޭނެ ގޯލެކެވެ. އެ ގޯލު އެންމެ ވައްތަރީ ވެސް 2011 ވަނަ އަހަރު ޔުނައިޓެޑުން އޯލްޑް ޓްރަފޯޑުގައި 2-1 އިން މެންޗެސްޓާ ސިޓީ ބަލިކުރި މެޗުގައި ވޭން ރޫނީ ކާމިޔާބު ކޮށްދިން ގޯލާ އެވެ. ރޫނީގެ އެ ގޯލަށް ވަނީ ޕްރިމިއާ ލީގަށް 20 އަހަރު ފުރުމާ ގުޅިގެން ބޭއްވި އެވޯޑް ހަފްލާގައި ލީގުގައި ޖެހި އެންމެ މޮޅު ގޯލުގެ އެވޯޑް ވެސް ލިބިފަ އެވެ.

ރޫނީ، 2011 ވަނަ އަހަރު ސިޓީ ކޮޅަށް ގޯލު ޖަހަނީީ. ގިނަ ބަޔަކު އަންނަނީ ރޫނީގެ މި ގޯލާއި ގާނާޗޯ ރޭ އެވަޓަން ކޮޅަށް ޖެހި ގޯލާ އަޅާކިޔަމުން.

ހަމަ އެހެންމެ 2018 ވަނަ އަހަރު ރެއާލް މެޑްރިޑަށް ކުޅެމުން ރޮނާލްޑޯ، ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް ކޮޅަށް ޖެހި ގޯލާ ވެސް ބައެއް ފަރާތްތަކުން ދަނީ އަޅާ ކިޔަމުންނެވެ.

“އަހަރެންނަށް ގަބޫލު ވެސް ނުކުރެވުނު ހަގީގަތުގައި” ގޯލާމެދު އާޖެންޓީނާގެ ގާނާޗޯ ބުންޏެވެ.

މިއީ ގާނާޗޯ މި ސީޒަންގެ ލީގުގައި ޔުނައިޓެޑަށް ޖަހައިދިން ފުރަތަމަ ގޯލެވެ. ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވެސް ވަނީ މެޗަށް ފަހު ގާނާޗޯ ގެ ގޯލަށް ތައުރީފް ކޮށްފަ އެވެ. އެ ގޯލަކީ ސީޒަންގެ އެންމެ މޮޅު ގޯލުކަން ފާހަގަ ކުރަމުން އޭނާ ބުނީ ދުނިޔޭގެ ފެެންވަރުގެ ކުޅުންތެރިއަކަށް ވުމުގެ ގާބިލްކަން އޭނާގެ އެބަ ހުރި ކަމަށެވެ.

ގޯލަށް ފަހު ގާނާޗޯ، ރޮނާލްޑޯގެ ސިއޫ ސެލެބްރޭޝަން ޖައްސަނީ.

އެވަޓަން އާ ދެކޮޅަށް ޔުނައިޓެޑުން ލީޑު ފުޅާކުރީ ދެ ވަނަ ހާފުގައި މާކަސް ރަޝްފޯޑް ކާމިޔާބު ކޮށްދިން ޕެނަލްޓީއަކުންނެވެ. އަދި އޭގެ ފަހުން ތިންވަނަ ގޯލު ޖަހައިދިނީ އެންތަނީ މާޝިއަލް އެވެ.

މި ނަތީޖާއާ އެކު ޔުނައިޓެޑް ވަނީ 13 މެޗުން 24 ޕޮއިންޓް ހޯދައި، ހަ ވަނައިގައި މަގާމު ދަމަހައްޓައިފަ އެވެ. ފަސް ވަނައިގައި އޮތީ ރޭ 2-1 އިން އެސްޓަން ވިލާ އަތުން ބަލިވި ޓޮޓެންހަމް އެވެ. ޓޮޓެންހަމަށް 26 ޕޮއިންޓް ލިބިފައި ވާއިރު އެސްޓަން ވިލާ ހަތަރު ވަނައިގައި އޮތީ 28 ޕޮއިންޓް ހޯދައިގެންނެވެ.

ތިން ވަނައިގައި އޮތް ލިވަޕޫލަށް ވެސް ވަނީ 28 ޕޮއިންޓް ލިބިފަ އެވެ. ހޮނިހިރު ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ ލިވަޕޫލް ވަނީ 1-1 އިން އެއްވަރު ކޮށްފަ އެވެ. މިއާ އެކު ސިޓީ ދެ ވަނައިގައި އޮތީ 29 ޕޮއިންޓް ހޯދައިގެންނެވެ.

އެއްވަނައިގައި އޮތީ ހޮނިހިރު ދުވަހުގެ ރޭ 1-0 އިން ބްރެެންޓްފޯޑް ބަލިކުރި އާސެނަލް އެވެ. އާސެނަލް އެއް ވަނައިގައި އޮތީ 30 ޕޮއިންޓް ހޯދައިގެންނެވެ.

ހޮނިހިރު ދުވަހުގެ ރޭ ޗެލްސީ ވަނީ 4-1 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. ޔުނައިޓެޑްގެ ފަހަތުގައި ޓޭބަލްގެ ހަތް ވަނައިގައި ނިއުކާސަލް އޮތީ 23 ޕޮއިންޓް ހޯދައިގެންނެވެ. ޗެލްސީ އޮތީ 16 ޕޮއިންޓާ އެކު 10 ވަނައިގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!