ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި 1-5 ގެ ބޮޑު ތަފާތަކުން ވެލެންސިއާ ބަލިކޮށްފި އެވެ.
ވެލެންސިއާ ކޮޅަށް ރެއާލްގެ ގޯލުތައް ޖަހައިދިނީ ޑެނީ ކަވަހާލް އާއި ވިނީޝިއުސް ޖޫނިއާގެ އިތުރުން ރޮޑްރީގޯ އެވެ. ވިނީޝިއުސް އާއި ރޮޑްރީގޯ، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. ވެލެންސިއާގެ ހަމައެކަނި ގޯލު މެޗުގެ ފަހުކޮޅު ޖެހީ ހޫގޯ ޑޫރޯ އެވެ.
ކޮނޑުހުޅަށް ލިބިފައިވާ އަނިޔާއާ ގުޅިގެން ރެއާލްގެ ތަރި ޖޫޑް ބެލިންހަމް ރޭ ކުޅެފައެއްނުވެ އެވެ.

ޖިރޯނާ އިން ވަޔެކާނޯ ބަލިކުރި މެޗުގެ ތެރެއިން
މޮޅުވިޔަސް ރެއާލް އޮތީ 32 ޕޮއިންޓާ އެކު ލީގުގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖިރޯނާ އެވެ. ޖިރޯނާ ވަނީ 13 މެޗުން 34 ޕޮއިންޓް ހޯދާފަ އެވެ.
ޖިރޯނާ ރޭ ވަނީ ރަށުން ބޭރުގައި ރަޔޯ ވަޔެކާނޯ 2-1 އިން ބަލިކޮށްފަ އެވެ. ވަޔެކާނޯ އިން ގޯލެއް ޖަހާފައިވަނިކޮށް ޖިރޯނާ މޮޅުވީ ފަހަތުން އަރައި ޖެހި ގޯލުތަކުންނެވެ. ޖިރޯނާގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި އަރްތެމް ޑޮވްބިކް ޖެހިއިރު މޮޅުވި ގޯލު ޖެހީ ސަވިއޯ އެވެ.
މެންޗެސްޓާ ސިޓީ ހިންގަމުން އަންނަ ސިޓި ފުޓްބޯލް ގްރޫޕުގެ 47 އިންސައްތަ ހިއްސާ އޮންނަ ޖިރޯނާ މި ސީޒަނުގައި ހަމައެކަނި ބަލިވީ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް އަތުންނެވެ.
ލީގުގެ ތިން ވަނައިގައި 27 ޕޮއިންޓާ އެކު އޮތް ބާސެލޯނާ މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ޑިޕޯޓިވޯ އަލަވެސްއާ ދެކޮޅަށެވެ.