އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ލޫޓަން ޓައުން އަތުން 0-1 ގެ ހަނި ނަތީޖާއަކުން މޮޅުވެ ޕްރެޝަރުގައި ހުރި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ހަމަ ނޭވާއެއް ލައިފި އެވެ.
އަމިއްލަ ދަނޑުގައި އުނދަގުލުން ޔުނައިޓެޑް މޮޅުވި މެޗުގެ ހަމައެކަނި ގޯލު 59 ވަނަ މިނެޓުގައި ޖެހީ ޑިފެންޑަރު ވިކްޓަ ލިންޑެލޮފް އެވެ. ރޭގެ މެޗުގެ ކުރިން ލިންޑެލޮފް ގޯލެއް ޖެހީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
ލީގު ތާވަލުގެ 18 ވަނައިގައި އޮތް ލޫޓަން ކޮޅަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތައް ޔުނައިޓެޑަށް ލިބުނެވެ. ފުރަތަމަ ހާފުގައި ރަސްމުސް ހޮއިލެންޑާއި އަލެހަންޑްރޯ ގާނާޗޯ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. ދެ ވަނަ ހާފުގައި މާކަސް ރަޝްފޯޑަށް ލިބުނު ހުސް ފުރުސަތު ނިންމާނުލެވުނެވެ.
މޮޅާ އެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ކޯޗު ޓެން ހާގަށެވެ. މި ސީޒަނުގެ ދަށް ނަތީޖާތަކާ އެކު ޓެން ހާގް މިހާރު ހުރީ ޕްރެޝަރުގަ އެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގައި ގްރޫޕުގެ ފުލުގައި އޮތްއިރު ލީގުގައި ޔުނައިޓެޑް މިހާރު އޮތީ 21 ޕޮއިންޓާއި އެކު ހަ ވަނައިގަ އެވެ.
ބައިނަލްއަގްވާމީ ބްރޭކުގެ ކުރިން މޮޅަކާ އެކު ނިންމާލެވުމުން ޓެން ހާގް ހުރީ ހިތްހަމަޖެހިފަ އެވެ.
“ފުރަތަމަ ހާފުގައި ގޯލު ޖަހާނެ ހުސް ހަތަރު ފުރުސަތު ލިބުނު. ކުރީކޮޅު ގޯލެއް ޖެހުނު ނަމަ މެޗު ވަރަށް ފަސޭހަވީސް” މެޗަށް ފަހު ޓެން ހާގް ބުންޏެވެ.
ރޭގެ މެޗުގައި އަނިޔާވެގެން ޔުނައިޓެޑްގެ ހޮއިލެންޑާއި ކްރިސެޓިއަން އެރިކްސެން ވަނީ ބަދަލުކޮށްފަ އެވެ.
ލީގުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޓޮޓެންހަމް ވަނީ ރަށުން ބޭރުގައި 1-2 އިން ވުލްވްސް އަތުން ބަލިވެފަ އެވެ. ޓޮޓެންހަމް މޮޅުވާން ދަނިކޮށް ވުލްވްސް އިން ދެ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. ޓޮޓެންހަމް އޮތީ 26 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.
އާސެނަލް ވަނީ އަމިއްލަ ދަނޑުގައި 1-3 އިން މޮޅުވެ ލީގުގެ ދެ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ރޭ ނިއުކާސަލް ވަނީ ރަށުން ބޭރުގައި ބޯންމައުތު އަތުން 0-2 އިން ބަލިވެފަ އެވެ. ނިއުކާސަލް އޮތީ 20 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
ލީގުގައި މިރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ ދެކޮޅަށް ނުކުންނައިރު މެންޗެސްޓާ ސިޓީ ރަށުން ބޭރުގައި ކުޅޭނީ ޗެލްސީއާ އެވެ.