ފުރަތަމަ ސަފްޙާ / ޚަބަރު / ރަހީނުކުރި ޑިއާޒްގެ ބައްޕަ ދޫކޮށްލައިފި، ހާލު ރަނގަޅު

ރަހީނުކުރި ޑިއާޒްގެ ބައްޕަ ދޫކޮށްލައިފި، ހާލު ރަނގަޅު

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 9 ނޮވެމްބަރު 2023

ކޮލަމްބިއާ އާއި ލިވަޕޫލްގެ ލުއިޒް ޑިއާޒްގެ ބައްޕަ ރަހީނުކުރުމަށް ފަހު 13 ދުވަސް ފަހުން ދޫކޮށްލައިފި އެވެ.

ޑިއާޒްގެ ބައްޕަ، ލުއިސް މެނުއެލް ޑިއާޒް އާއި މަންމަ، ސިލެނިސް މަރުލާންޑާ ރަހީނުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އެ ދެމީހުން ރަހީނު ކުރުމަށް ފަހު އޭގެ އިރުކޮޅެއް ފަހުން ޑިއާޒްގެ މަންމަ ދޫކޮށްލި އެވެ. ރަހީނުކުރިކަމަށް ތުހުމަތުކުރެވެނީ ކޮލަމްބިއާގެ އިދިކޮޅު ހަނގުރާމަވެރިންނަށެވެ.

ކޮލަމްބިއާގެ ފުލުހުންނާއި އެ ގައުމުގެ މީޑިއާތަކުން ވަނީ ޑިއާޒްގެ ބައްޕަ ސަލާމަތުން ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.

މިދިޔަ ދުވަސްތަކުގައި ޑިއާޒްގެ ބައްޕަ ހުރީ ރަހީނުންގެ ބެލުމުގެ ދަށުގަ އެވެ.

ކޮލަމްބިއާގެ ލޯކަލް މީޑިއާއަކުން ހާމަކުރި ގޮތުގައި ޑިއާޒްގެ ބައްޕަ މިއަދު ވަނީ މިލިޓަރީ ހެލިކޮޕްޓަރެއްގައި ގެންގޮސްފަ އެވެ. އާއިލާއާ ހަވާލުކުރުމުގެ ކުރިން ޑިއާޒްގެ ބައްޕަގެ މެޑިކަލްއެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

ރަހީނުންގެ އަތްދަށުގައި ޑިއާޒްގެ ބައްޕަ 13 ދުވަސް ހޭދަކުރި އެވެ. އޭނާ ދޫކޮށްލިއިރު ސިއްހީ ކަންބޮޑުވުމެއް ނެތެވެ.

ޑިއާޒްގެ ބައްޕަ ދޫކޮށްލިކަން އެނގުމުން، ކޮލަމްބިއާގައި އޭނާ ދިރިއުޅޭ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. އުފާފާޅުކުރި ޑިއާޒްގެ އާއިލާ މެމްބަރުންނާއި އަވައްޓެރިން ތިބީ ޑިއާޒް ލިވަޕޫލްގައި ބޭނުންކުރާ 23 ނަންބަރު ޖާޒީ ލައިގެންނެވެ.

ޑިއާޒް އަށް ލިބުނު އުފާވެރި ހަބަރާއި ގުޅިގެން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ޑިއާޒްގެ ބައްޕަ ފެނުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި، ޑިއާޒްގެ ބައްޕަ ހޯދުމަށް މަސައްކަތްކޮށްދިން އެންމެންނަށް ޝުކުރުއަދާކުރާ ކަމަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!