ފުރަތަމަ ސަފްޙާ / ޚަބަރު / ޔުނައިޓެޑްގެ ވަޓްސްއެޕް ގްރޫޕުން ސަންޗޯ ބޭރުކޮށްލައިފި

ޔުނައިޓެޑްގެ ވަޓްސްއެޕް ގްރޫޕުން ސަންޗޯ ބޭރުކޮށްލައިފި

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 8 ނޮވެމްބަރު 2023

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ކުޅުންތެރިންނާ މުއާމަލާތުކުރަން ހަދާފައިވާ ވަޓްސްއެޕް ގްރޫޕުން ޖޭޑަން ސަންޗޯ ބޭރުކޮށްލައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓެން ހާގާ ސަންޗޯއާ ދެމެދު މައްސަލަ ޖެހި ޔުނައިޓެޑްގެ ރުހުން ސަންޗޯ އަށް މިހާރު ވަނީ ގެއްލިފަ އެވެ. ސަންޗޯ އެންމެ ފަހުން ޔުނައިޓެޑްގެ ޖާޒީގައި މެޗެއް ކުޅުނީ މިދިޔަ އޮގަސްޓް 26 ވަނަ ދުވަހު އެވެ. ކޯޗު ޓެން ހާގް ސަންޗޯއާ މެދު ހިތްހަމަނުޖެހޭކަން އެނގުނީ ސެޕްޓެމްބަރު މަހު ލީގުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުން ސަންޗޯ ބާކީ ކުރުމުންނެވެ.

އެ މެޗުގެ ކުރިން ނޫސްވެރިއަކު ސަންޗޯއާ ގުޅޭގޮތުން ސުވާލުކުރުމުން ޓެން ހާގް ބުނީ ސްކޮޑަށް ނުނެގީ ފަރިތަކުރުންތަކުގައި ސަންޗޯގެ ފަރާތުން ފެންނަ އެޓިޓިއުޑް ރަނގަޅު ނޫންވީމަ ކަމަށެވެ.

ޓެން ހާގްގެ ވާހަކަ އަށް ރައްދު ދެމުން ސޯޝަލް މީޑިއާގައި ސަންޗޯ ބުނީ ފަރިތަކުރުންތައް ދަނީ ރަނގަޅަށް ކަމަށާއި، ބޭނުންވަނީ ރަނގަޅަށް ތަމްރީނުތަކުގައި ބައިވެރިވެ ކުޅުން ރަނގަޅު ކުރަން ކަމަށެވެ.

އެ މައްސަލައިގައި ޔުނައިޓެޑުން ވަނީ ސަންޗޯ އަށް މާފަށް އެދުމުގެ ފުރުސަތު ދީފަ އެވެ. އެކަމަކު ސަންޗޯ މިހާތަނަށް މާފަށް އެދިފައެއްނުވެ އެވެ. ސަންޗޯ މާފަށް ނޭދުމުން ޔުނައިޓެޑުން ވަނީ ސަންޗޯ ފުރަތަމަ ޓީމުގެ ފަރިތަކުރުންތަކުން ބާކީކޮށްފަ އެވެ. ސަންޗޯ މިހާރު ފަރިތަކުރަނީ ޔުނައިޓެޑްގެ އެކެޑަމީގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

ޓެން ހާގް ޔުނައިޓެޑްގެ ކުޅުންތެރިންނާއި ވާހަކަދައްކަން ބޭނުންކުރާ ރަސްމީ ގްރޫޕުގައި ސަންޗޯ މިހާރު ނެތް ކަމަށް އިނގިރޭސި ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ސަންޗޯ އެ ގްރޫޕުން ވަކިކުރުމުން އޭނާ އަންނަ ޖެނުއަރީ މަހު އެ ކްލަބް ދޫކޮށްލާނެކަން ގާތްގަނޑަކަށް ވަނީ ޔަގީންވެފަ އެވެ.

ސަންޗޯ، 23، ޔުނައިޓެޑާ ގުޅުނީ 2021 ވަނަ އަހަރު 73 މިލިއަން ޕައުންޑަށެވެ. ބޮރޫޝިއާ ޑޯޓްމަންޑުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ރަނގަޅު ފޯމުގައި ނުކުޅެވެ އެވެ. ޔުނައިޓެޑްގައި ސަންޗޯ ދައްކަމުން އަންނަ ދަށް ކުޅުމާ އެކު އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުން ވެސް ސަންޗޯ އަށް މިހާރު ފުރުސަތު ނުލިބެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!