ފުރަތަމަ ސަފްޙާ / ޚަބަރު / 22 ޝޮޓު ހަދައިގެން ވެސް ރެއާލް މެޑްރިޑަށް ކާމިޔާބެއް ނުވި

22 ޝޮޓު ހަދައިގެން ވެސް ރެއާލް މެޑްރިޑަށް ކާމިޔާބެއް ނުވި

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 6 ނޮވެމްބަރު 2023

ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 0-0 އިން އެއްވަރުވެއްޖެ އެވެ.

ގޯލެއް ޖެހޭތޯ ބުރަކޮށް ކުރި މަސައްކަތް ނާކާމިޔާބު ވުމާއެކު ރެއާލަށް ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. މިވަގުތު ލީގުގެ އެއް ވަނައިގައި އޮތީ 12 މެޗުން 31 ޕޮއިންޓް ހޯދާފައިވާ ޖިރޯނާ އެވެ. ދެ ވަނައިގައި ރެއާލް 29 ޕޮއިންޓާ އެކު އޮތްއިރު ތިން ވަނައިގައި އޮތީ 27 ޕޮއިންޓް ލިބިފައިވާ ބާސެލޯނާ އެވެ.

ރޭގެ މެޗުގައި ރެއާލުން ވަނީ ވަޔެކާނޯގެ ގޯލަށް 22 ހަމަލާ ފޮނުވާލައިފަ އެވެ. އޭގެތެރެއިން ކީޕަރާ އަމާޒުކޮށް ފޮނުވާލެވުނީ ފަސް ހަމަލާ އެވެ. މުޅި މެޗުގައި ރެއާލްގެ ކީޕަރު ޓެސްޓް ކޮށްލާނެ ހަމަލާއެއް ވަޔެކާނޯއަކަށް ފޮނުވައެއް ނުލެވުނެވެ.

ރެއާލުން ގޯލު ޖަހަން ފުރުސަތު ލިބުނީ ފެޑެރިކޯ ވަލްވާޑޭގެ އިތުރުން ހޮސެލޫ އާއި ޖޫޑް ބެލިންހަމް އަދި ވިނީޝިއުސް ޖޫނިއާ އަށެވެ.

ރޭގެ މެޗަކީ 2000 ވަނަ އަހަރުގެ ފަހުން ރެއާލްގެ ދަނޑުގައި ވަޔެކާނޯ ބަލިނުވެ ފަރުޖައްސާލި ފުރަތަމަ ފަހަރެވެ.

ވަޔެކާނޯގެ މިހާރު ވަނީ ހުރިހާ މުބާރާތެއްގައި ބަލިނުވެ ނުވަ މެޗު ކުޅެފަ އެވެ. އެޓީމަށް ލިބިފައިވާ 18 ޕޮއިންޓާ އެކު އޮތީ ނުވަ ވަނައިގަ އެވެ.

ރޭގެ މެޗުގައި ރެއާލަށް އެންމެ ބޮޑު ހާސްކަމެއް ކުރިމަތިވީ ފުރަތަމަ ހާފުގައި ޖޫޑް ބެލިންހަމްގެ ކޮނޑުހުޅަށް އަނިޔާވުމުންނެވެ. އެކަމަކު ވެސް ބެލިންހަމް މެޗު ފުރިހަމަ ކުރި އެވެ.

މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ބެލިންހަމް އަށް ލިބުނީ ސީރިއަސް ގެއްލުމެއް ނޫން ކަމަށެވެ.

“ބެލިންހަމް މާދަމާ (ހޯމަ ދުވަހު) ޓެސްޓުތައް ހަދާނެ. ސީރިއަސް އަނިޔާއެއް ވީކަމަކަށް ނުބެލެވޭ” މިވަގުތު އެންމެ ފޯމުގައި ހުރި ކުޅުންތެރިޔާގެ އަނިޔާއާ ގުޅޭގޮތުން އަންޗެލޮޓީ ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!