ފުރަތަމަ ސަފްޙާ / ޚަބަރު / ދެ ވަނަ ޑިވިޝަން އަންނަ މަހަށް ފަސްކޮށް ތިން ވަނަ ޑިވިޝަން ޖެނުއަރީގައި

ދެ ވަނަ ޑިވިޝަން އަންނަ މަހަށް ފަސްކޮށް ތިން ވަނަ ޑިވިޝަން ޖެނުއަރީގައި

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 3 ނޮވެމްބަރު 2023

އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ބާއްވަން ޝެޑިއުލްކޮށް ތިން ވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތް އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ފަށާގޮތަށް ނިންމައި އިއުލާންކޮށްފި އެވެ.

އެ ދެ މުބާރާތް ބާއްވާނެ ތާރީހު އެފްއޭއެމުން އިއުލާންކުރީ އެ އިދާރާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ.

އެފްއޭއެމްގެ ތަހުގީގެއް ފުލުހުން ކުރިއަށްގެންދާތީ މުބާރާތްތައް މިވަގުތު އޮތީ ހުއްޓިފަ އެވެ. އޭގެތެރޭގައި ދިވެހި ޕްރިމިއާ ލީގު ހިމެނެ އެވެ. ލީގުގެ ކުޅުން އަލުން ފެށޭނެ ދުވަހެއް އެފްއޭއެމް އިން އަދި ނުބުނެ އެވެ.

ދެ ވަނަ ޑިވިޝަން އަންނަ މަހު ފަށަން ނިންމިއިރު އެ މުބާރާތް ފަށާގޮތަށް އެންމެ ފުރަތަމަ ނިންމީ ނޮވެމްބަރު 20 ވަނަ ދުވަހު އެވެ. އެހެންވެ ދެ ވަނަ ޑިވިޝަނަށް ވަރުގަދަކޮށް ތައްޔާރުވަމުން އަންނަ ޓީމުތަކުން ވަނީ ބޮޑު ހަރަދުކޮށް ބިދޭސީ ކުޅުންތެރިން ގެނެސް ޕްރެކްޓިސް ފަށައިފަ އެވެ.

ދެ ވަނަ ޑިވިޝަނުގެ ޓީމުތަކުން ބިދޭސީ ކުޅުންތެރިންނާއި ދިވެހި ބައެއް ކުޅުންތެރިންގެ ސޮއި ހޯދީ ކުރު މުއްދަތުގެ އެއްބަސްވުމެއްގަ އެވެ. އެކަމަކު މުބާރާތް އިތުރު އެއް މަހަށް ފަސްވުމުން އެ ކުޅުންތެރިންގެ އެއްބަސްވުން އިތުރުކޮށް ކްލަބްތައް ކުރަންޖެހޭ ހަރަދު އިތުރުވާނެ އެވެ.

މިދިޔަ އަހަރު ތިން ވަނަ ޑިވިޝަން ކާމިޔާބުކުރި ލެގޫންސް ތައްޓާ އެކު. ފޮޓޯ: އެފްއޭއެމް

މި ސީޒަނުގެ ދެ ވަނަ ޑިވިޝަނަށް އެންމެ ފޯރީގައި ތައްޔާރުވަމުން އަންނަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ. ފުޓްބޯޅައިން ސަސްޕެންޑް ވުމަށް ފަހު އަލުން ކުޅެން ނުކުމެ އެ ދެ ޓީމުގެ ވެސް އަމާޒަކީ ފުރަތަމަ ޑިވިޝަނަށް އެރުމެވެ.

މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަނުގައި ވާދަކޮށް ނިއު އާއި ވިކްޓްރީ އަށް ވެސް ވީ ނާކާމިޔާބެވެ. މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ބުރު ސްޕޯޓްސް ކްލަބް މިހާރު އަންނަނީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުންނެވެ.

މިދިޔަ އަހަރު އޮތް ތިން ވަނަ ޑިވިޝަން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ލެގޫންސް ސްޕޯޓްސް ކްލަބެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 1-2 އިން މަސް އޮޑި ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.

އެފްއޭއެމް އިން ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަން ބާއްވާނެ ތާރީހު އިއުލާން ކުރިޔަސް އެ އިދާރާއާ ދެކޮޅަށް ހިންގަމުން އަންނަ ތުހުމަތު ބޮޑު ތަހުގީގުތަކާ އެކު އެ މުބާރާތްތައް އަދިވެސް ފަސްކުރުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!