ފުރަތަމަ ސަފްޙާ / ޚަބަރު / އެފްއޭއެމްގެ ސާބިތު ދަރަނި ހަތަރު މިލިއަނާ ގާތަށް

އެފްއޭއެމްގެ ސާބިތު ދަރަނި ހަތަރު މިލިއަނާ ގާތަށް

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 3 ނޮވެމްބަރު 2023

މިދިޔަ ދެމަހެއްހާ ދުވަހު ސިވިލް ކޯޓުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މައްޗަށް ކުރި ހުކުމްތަކާ އެކު އެ އެސޯސިއޭޝަންގެ ސާބިތު ދަރަނީގެ އަދަދު ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާއާ ގާތްކޮށްފި އެވެ.

މާލީ މައްސަލަތަކާއި ހެދި އަޑިއަޅާލާފައިވާ އެފްއޭއެމްގެ ދަރަނީގެ މައްސަލަތަކެއް ކޯޓުގައި އަންނަނީ ހިނގަމުންނެވެ. އޭގެތެރެއިން ތިން މައްސަލައެއްގައި އެފްއޭއެމްގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.

މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެފްއޭއެމްގެ މައްޗަށް ހުކުމްކުރީ އެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ތިން މިލިއަން ރުފިޔާ ދެއްކުމަށެވެ. އޭގެފަހުން ސެޕްޓެމްބަރު 28 ވަނަ ދުވަހު ހުކުމްކުރީ ވެލިގާ ހާޑްވެއާ އަށް ދެ ލައްކައެއްހާ ރުފިޔާ ދެއްކުމަށެވެ. އެންމެ ފަހުގެ ހުކުމްކުރީ ނޮވެމްބަރު އެއް ވަނަ ދުވަހު އެވެ. އެ ދުވަހު ބީހައިވް ހޮޓެލްސް އަށް ފަސް ލައްކަ ރުފިޔާ ދައްކަން ހުކުމްކުރި އެވެ.

އެލް މޯލްޑިވްސް އަށް އެފްއޭއެމުން ފައިސާ ދައްކަން ހުކުމްކުރީ ކޮވިޑްތެރޭ އެލް މޯލްޑިވްސް އިން ނެގި ލޯނަކަށެވެ. އޮކްޓޯބަރު 2020 ގައި އެލް މޯލްޑިވްސް އިން އެފްއޭއެމް އަށް ނެގީ 3،084،000 (ތިން މިލިއަން އައްޑިހަ ހަތަރު ހާސް) ރުފިޔާ އެވެ. އެ ފައިސާ ދައްކަން އެފްއޭއެމުން ކޯޓުގައި އެދުނީ އަހަރަކަށް ބަހާލައިގެންނެވެ. އެކަމަކު ސިވިލް ކޯޓުގެ މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމެވީ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ކުރިން ފައިސާ އެއްކޮށް ދައްކައި ހަލާސް ކުރުމަށެވެ.

ވެލިގާ ހާޑްވެއާ އިން ނަގާފައިވާ މުދަލައްވާ 171،850.10(އެއްލައްކަ ހަތްދިހަ އެއްހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) ރުފިޔާ ހޯދުމަށް ކުރި ދައުވާ އަށް ވެސް އެފްއޭއެމުން ވަނީ އިއުތިރާފްވެފަ އެވެ. އެ ފައިސާ ބަހާލައިގެން ދެއްކުމަށް އެފްއޭއެމުން އެދުމުން ސިވިލް ކޯޓުން ވަނީ ފައިސާ ދެއްކުމަށް އަހަރު ދުވަސް ދީފަ އެވެ.

ބީހައިވް ހޮޓެލްސް އިން ކުރި ދައުވާ އަށް ސިވިލް ކޯޓުން ކުރި ހުކުމުގައި އެފްއޭއެމުން 500،000  (ފަސް ލައްކަ ރުފިޔާ) ދައްކަން ޖެހެ އެވެ. އެ ފައިސާ ވެސް އަހަރެއްތެރޭ ބަހާލައިގެން ދެއްކުމަށް އެފްއޭއެމުން އެދުމުން ކޯޓުން ވަނީ އެ ފުރުސަތު ދީފަ އެވެ.

ސިވިލް ކޯޓުގެ އެންމެ ފަހުގެ ތިން ހުކުމާ އެކު އެފްއޭއެމުން އެ ކޯޓަށް ދައްކަން ޖެހޭ ޖުމްލަ ފައިސާގެ އަދަދު ވަނީ 3،671،850  (ތިން މިލިއަން ހަ ލައްކަ ހަތްދިހަ އެއްހާސް) ރުފިޔާ އަށް އަރައިފަ އެވެ. އެއިން އެއްވެސް ފައިސާއެއް ދައްކާފައިވާކަން އެފްއޭއެމް އިން ހާމަކޮށްފައެއްނުވެ އެވެ.

މިދިޔަ އަހަރުތަކުގައި ފީފާ އިންނާއި އަމިއްލަ ބައެއް ފަރާތްތަކުގެ ފައިސާ އެފްއޭއެމް އަށް ވަނީ ލިބިފަ އެވެ. އޭގެތެރޭގައި ކޮވިޑް ތެރޭގައި މެމްބަރު އެސޯސިއޭޝަން ތަކަށް ފީފާ އިން ފަސް ލައްކަ ޑޮލަރު ވެސް ހިމެނެ އެވެ. އެކަމަކު އެ ފައިސާ ދަރަނި އަދާކުރުމަށް ބޭނުންކޮށްފައެއްނުވެ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ މިދިޔަ ޖުލައި މަހު އެ ސުވާލު ކުރުމުން ވިދާޅުވީ ފީފާ އިން ލިބުނު ފައިސާ ބޭނުންކުރީ ކްލަބްތަކަށް ދިނުމަށް ކަމަށެވެ.

އެފްއޭމްގެ މައްޗަށް ޖިނާއީ ތަހުގީގެއް މިހާރު ދިވެހި ފުލުހުންގެ ހިދުމަތުން އަންނަނީ ހިންގަމުންނެވެ. ތަހުގީގަށް ބޭނުންވާ މުހިއްމު އާލާތްތަކެއް ފުލުހުންގެ ގެންދިއުމުން އެފްއޭއެމްގައި ދުވަހުން ދުވަހަށް ގެންދަންޖެހޭ އިދާރީ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ. އެކަމަކު ފުލުހުން ވިދާޅުވީ އެފްއޭއެމްގެ އެއްވެސް މުބާރާތެއް ނުހިންގޭ ގޮތަށް ތަހުގީގު ބައްޓަން ނުކުރާނެ ކަމަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!