ފުރަތަމަ ސަފްޙާ / ޚަބަރު / މުބާރާތްތައް ހުއްޓޭނެ ގޮތަކަށް ތަހުގީގު ބައްޓަމެއް ނުކުރާނެ: ފުލުހުން

މުބާރާތްތައް ހުއްޓޭނެ ގޮތަކަށް ތަހުގީގު ބައްޓަމެއް ނުކުރާނެ: ފުލުހުން

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 28 އޮކްޓޫބަރު 2023

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ގުޅޭ ތަހުގީގެއް ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދިއަޔަސް އެފްއޭއެމް އިން ހިންގާ މުބާރާތްތައް ހުއްޓޭނެ ގޮތަކަށް ތަހުގީގު ބައްޓަން ނުކުރާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ މާލީ މުއާމަލާތްތަކާއި ގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް، ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 22 ވަނަ ދުވަހު ފުލުހުން ވަނީ އެ އިދާރާ އަށް ވަދެފަ އެވެ. އަދި، ތަހުގީގުގެ ބޭނުމަށް އެފްއޭއެމްގެ ބައެއް އާލާތްތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މި މަހުގެ 26 ވަނަ ދުވަހު އެފްއޭއެމް އިން އާއްމުކުރި ނޫސް ބަޔާނުގައި ބުނެފައިވަނީ ތަހުގީގުގެ ބޭނުމަށް ބައެއް ތަކެތި ގެންދިއުމާ އެކު އެފްއޭއެމް އިން ކުރިއަށް ގެންދާ ދިވެހި ޕްރިމިއާ ލީގާއި އެހެނިހެން މުބާރާތްތައް މިވަގުތަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މިއަދު މީޑިއާތަކާ އެފްއޭއެމް އިން ހިއްސާކުރި މެސެޖުގައި ބުނީ ތަހުގީގާ ގުޅިގެން އެފްއޭއެމްގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ހުއްޓިފައިވާތީ ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ފަސްކޮށްފައިވާ ކަމަށެވެ. ގާތްގަނޑަކަށް ދެ މަހުގެ މެދުކެނޑުމަކަށް ފަހު ލީގުގެ ކުޅުން އަލުން ފަށާގޮތަށް އޮތީ މިއަދު އެވެ.

“ތަހުގީގެއް ބައްޓަމެއް ނުކުރާނެ މުބާރާތެއް ނުވަތަ އެހެން އެއްވެސް ކަމެއް ހުއްޓޭނެ ގޮތަކަށް” އެފްއޭއެމްގެ މައްސަލައިގެ ތަހުގީގުގައި ހިމެނޭ ފުލުހުންގެ އޮފިޝަލަކު މި ނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މުބާރާތްތައް ކުރިއަށް ނުގެންދެވާ މައްސަލައިގައި އެފްއޭއެމްއާ އެކު މަޝްވަރާތައް ކުރަމުންދާކަމަށެވެ. ފުލުހުންގެ ތަހުގީގާ ގުޅިގެން މުބާރާތެއް ކުރިއަށް ގެންދަން އެފްއޭއެމް އަށް ދަތިވާނަމަ އެކަމެއް އަވަސްކޮށްދެއްވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މުބާރާތްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެފްއޭއެމް އިން އަންނަނީ ފުލުހުންނާ މަޝްވަރާކުރަމުންނެވެ.

ލީގުގެ ކުޅުން މިއަދު އަލުން ފަށަން އޮތީ ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ މެޗުންނެވެ. ލީގު މެޗެއް އެންމެ ފަހުން ކުޅުނީ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ. އޭގެފަހުން ކުޅުން މެދުކަނޑާލީ ގައުމީ ފުޓްބޯޅަ ޓީމުގެ މެޗުތަކަށާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އޭއެފްސީ ކަޕްގެ މެޗުތަކަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!