ފުރަތަމަ ސަފްޙާ / ޚަބަރު / އެފްއޭއެމް ހުއްޓިފައި އޮތުމުން ލީގު މެޗުތައް ފަސްކޮށްފި

އެފްއޭއެމް ހުއްޓިފައި އޮތުމުން ލީގު މެޗުތައް ފަސްކޮށްފި

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 28 އޮކްޓޫބަރު 2023

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފުލުހުން ތަހުގީގުކުރަމުންދާތީ، އެ އެސޯސިއޭޝަންގެ އިދާރީ ހިންގުން ހުއްޓި ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަސްކޮށްފައިވާކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

އެފްއޭއެމްގެ މާލީ މުއާމަލާތްތަކާއި ގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް، ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ޓީމެއް މިދިޔަ އާދީއްތަ ދުވަހު އެ އިދާރާއަށް ވަދެ، މުހިއްމު އާލާތްތަކެއް ތަހުގީގުގެ ބޭނުމަށް ގެންދިއުމުން ދިވެހި ޕްރިމިއާ ލީގާއި އެފްއޭއެމް އިން ރާވާ އެހެނިހެން މުބާރާތްތައް ނުބޭއްވޭނެކަމަށް އެ އިދާރާއިން މި މަހުގެ 26 ވަނަ ދުވަހު އާއްމުކުރި ނޫސްބަޔާނުގަ ވަނީ ބުނެފަ އެވެ.

ދެ މަހުގެ މެދުކެނޑުމަކަށް ފަހު ލީގުގެ ކުޅުން އަލުން ފަށާ ގޮތަށް އޮތީ މިއަދު އެވެ. ލީގު މެޗުތައް އަލުން ކުޅޭކަމެއް ނުވަތަ ކުޅޭނެ ދުވަހެއް ކްލަބްތަކަކަށް ނޭނގެ އެވެ. އެފްއޭއެމް އިން އެކަމާއި ގުޅޭ ރަސްމީ ބަހެއް ކްލަބްތަކަށް އަންގާފައެއްނުވެ އެވެ. އެކަމަކު މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި އެފްއޭއެމުން ބުނީ ލީގު މެޗުތައް މިހާރު ފަސްކޮށްފައިވާ ކަމަށެވެ.

“މެޗުތައް ވަނީ ފަސްކޮށްފަ. ނޫސްބަޔާނުގައި ފާހަގަކުރި ގޮތަށް އެފްއޭއެމްގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން މިހާރު ވަނީ ހުއްޓިފަ. ފުލުހުންނާ ގުޅިގެން އެކަންކަން އަވަސްކުރަން މަސައްކަތްކުރަމުން މިދަނީ” އެފްއޭއެމް އިން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނެފައިވެ އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލީގުގެ ކުޅުން ފަސްކުރީ 10 ދުވަހަށެވެ.

އެފްއޭއެމް އިން މިދިޔަ އޮގަސްޓް 19 ވަނަ ދުވަހު އާއްމުކުރި ލީގު ޝެޑިއުލްގައިވާ ގޮތުން މިއަދު އަލުން ކުޅުން ފަށާނެ އެވެ. ލީގުގައި މިއަދު ކުޅޭ ގޮތަށް ހަމަޖެހިފައި އޮތީ ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ އެވެ. ލީގުގެ މެޗެއް އެންމެ ފަހުން ކުޅުނީ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ.

ލީގުގެ ކުޅުން މެދުކަނޑާލީ ގައުމީ ޓީމު ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަން ޕްރިމިލިމިނަރީ މެޗުތަކަށާއި މާޒިޔާގެ އޭއެފްސީ ކަޕް މެޗުތަކަށެވެ.

ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝް އަތުން ބަލިވުމާ އެކު ރާއްޖެ އަށް ވަނީ ކޮލިފައިން ގްރޫޕް ސްޓޭޖުގެ ފުރުސަތު ގެއްލިފަ އެވެ. އަދި، އޭއެފްސީ ކަޕްގައި އެންމެ ފަހުން ކުޅުނު މެޗުން ބަލިވުމާ އެކު މާޒިޔާ އަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ދޮރު ވަނީ ބަންދުވެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!