ދުނިޔޭގެ އެންމެ މަގުބޫލު ދެ ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ޓޮޓެންހަމް ހޮޓްސްޕާ ހަމަޖެހިލިއިރު ސްޕެނިޝް ލީގުގެ އެއްވަނައިގެ މަގާމް ޖިރޯނާ ދަމަހައްޓައިފި އެވެ.
އާ ސީޒަނުގެ ކުރީކޮޅު ވަރުގަދަ ދެ ލީގުގައި ޓޮޓެންހަމް އާއި ޖިރޯނާ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.
ޕްރިމިއާ ލީގުގައި ޓޮޓެންހަމް ރޭ ވަނީ ރަށުން ބޭރުގައި 2-1 އިން ކްރިސްޓަލް ޕެލެސް ބަލިކޮށްފަ އެވެ. ޖިރޯނާ ވަނީ އަމިއްލަ ދަނޑުގައި 0-1 އިން ސެލްޓަ ވީގޯ އަތުން މޮޅުވެފަ އެވެ.
ރޭ ޓޮޓެންހަމް އިން ޕެލެސް ބަލިކުރި މެޗުގެ ފުރަތަމަ ގޯލަކީ ޖޮއެލް ވާޑްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޓޮޓެންހަމްގެ ދެ ވަނަ ގޯލު ޖެހީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސޮން ހެއުން މިން އެވެ. މެޗުގެ ފަހު ވަގުތު ޕެލެސްގެ ޖޯޑެން އަޔޫ ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.
ކުރިން ސެލްޓިކްގައި ހުރި އަންގޭ ޕޮސްޓެކޮގްލޫ ޓޮޓެންހަމްގެ ކޯޗުކަމާ މި ސީޒަނުގައި ހަވާލުވުމަށް، އޭނާ އަންނަނީ ޓޮޓެންހަމް އަށް ކުރިއެރުން ހޯދައިދެމުންނެވެ. ލީގުގެ ފުރަތަމަ 10 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވިއިރު ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. މިފަހަރުގެ ލީގުގައި ޓޮޓެންހަމް އަދި ބައްޔެއްނުވެ އެވެ.

ރޭގެ މެޗުގައި ޓޮޓެންހަމް ކުޅުންތެރިން އުފާފާޅުކުރަނީ. އެ ޓީމު އޮތީ ޕްރިމިއާ ލީގުގެ އެއް ވަނައިގަ
ލީގު އެއް ވަނައިގައި ޓޮޓެންހަމް އޮތީ 26 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިން ވަނައިގައި އޮތް އާސެނަލް އަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. މި ހަފްތާ ކުޅޭ މެޗުތަކުން އެ ދެ ޓީމު މޮޅުވިޔަސް ޓޮޓެންހަމް އަތެއް ނުލެވޭނެ އެވެ.
އާ ސީޒަނާ ޓޮޓެންހަމް ކުރިމަތިލީ އެޓީމުގެ ކެޕްޓަން އަދި ރެކޯޑް އަދަދަކަށް ގޯލު ޖެހި ހެރީ ކޭން ނުލަ އެވެ. ކޭން ބަޔާން މިއުނިކަށް ބަދަލުވުމުން އެޓޭކަށް އެޓީމުން އިތުރުކުރި އެންމެ މުހިއްމު ކުޅުންތެރިއަކީ ޖޭމްސް މެޑިސަން އެވެ. މި ސީޒަނުގައި މެޑިސަން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.
ސްޕެނިޝް ލީގުގައި އުދުހެމުން އަންނަ ޖިރޯނާ އަމިއްލަ ދަނޑުގައި ސެލްޓަ ވީގޯއާ އެއްވަރުވާން ދަނިކޮށް އެޓީމު މޮޅުކޮށްދިން ގޯލު އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ޔަންހެލް ހެރޭރާ އެވެ.
ސްޕެނިޝް ލީގު އެއް ވަނައިގައި ޖިރޯނާ އޮތީ 11 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ.
ލީގުގައި ޖިރޯނާ ވަނީ 9 މޮޅު ހޯދައިފަ އެވެ. އެޓީމު ހަމައެކަނި ބަލިވީ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް އަތުންނެވެ.
ޖިރޯނާގެ ފަހަތުން ދެ ވަނަ އާއި ތިން ވަނައިގައި އޮތީ ވަރުގަދަ ރެއާލް މެޑްރިޑާއި ބާސެލޯނާ އެވެ. ރެއާލަށް 25 ޕޮއިންޓް ލިބިފައިވާއިރު ބާސެލޯނާ އޮތީ 24 ޕޮއިންޓުގަ އެވެ.