މިއުނިކް (އޮކްޓޫބަރ 28) – މިދިޔަ ޑިސެމްބަރު މަހު ފައިބިންދައިގެން ދިއުމުގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރި ބަޔާން މިއުނިކްގެ ޖަރުމަނު ގޯލްކީޕަރު މެނުއެލް ނޯޔާ އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އަންނަން ތައްޔާރުވެއްޖެ އެވެ.
ނޯޔާގެ ފައިބިންދައިގެން ދިޔައީ ސްކީ ކުރުމުގެ ޓުއާއެއްގައި އުޅެނިކޮށް މިދިޔަ ޑިސެމްބަރު މަހު އެވެ. އެއީ ފީފާ ވޯލްޑް ކަޕަށް ފަހު އެނބުރި ބަޔާންއާ ނުގުޅެނީސް ނޯޔާ، 37، އަށް ކުރިމަތިވި އަނިޔާއެކެވެ.
ރިހެބިލިޓޭޝަންގެ ތެރެއިން ނޯޔާ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ބަޔާންގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ. މިހާރު ނޯޔާ އަންނަނީ ބަޔާންގެ ސީނިއާ ޓީމާ އެކު ފަރިތަކުރަމުންނެވެ.
ޖަރުމަނު ލީގުގައި ބަޔާން މިއަދު ޑަމްސްޓެޑްއާ ދެކޮޅަށް ނުކުންނައިރު ނޯޔާ ހުރީ ފިޓްކޮށެވެ.
“ޓްރެއިނިންގެ ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ މިއަދު ނޯޔާ ކުޅޭނެ. ނޯޔާ އެކޭ އެއްގޮތަށް އަހަރެމެން މިތިބީ އޭނާ އެނބުރި ދަނޑަށް އައުމަށް އެދިއެދި” ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ބުންޏެވެ.
ޓުޗެލް ބުނީ ބަޔާން ޓީމުގެ އިތުރުން ފުޓްބޯޅައިގެ އެތައް ބަޔަކު ނޯޔާ އެނބުރި އަންނަން ބޭނުންވާނެ ކަމަށެވެ.

މިދިޔަ ސީޒަނުގައި ބަޔާނުން ލީގު ޗެމްޕިއަންކަން ހޯދިއިރު އުފާފާޅުކުރުމުގެ ތެރެއިން ނޯޔާ. އެނބުރި އަންނަނީ އަހަރެއްހާ ދުވަސް ފަހުން
އަނިޔާވުމުގެ ކުރިން ނޯޔާ ބަޔާން އަށް މެޗެއް ކުޅުނީ މިދިޔަ އަހަރުގެ ނޮވެމްބަރު 12 ވަނަ ދުވަހު ޝާލްކޭއާ ދެކޮޅަށެވެ. ނޯޔާ އަވަހަށް އެނބުރި އަންނާނެ ކަމަށް ބެލެވުނު ނަމަވެސް ރިކަވަރީގެ ތެރެއިން ގޮންޖެހުންތައް އައުމުން ލަސްތަކެއް އައީ އެވެ.
ޖަރުމަނާ އެކު 2014 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ނޯޔާ ބުނީ އޭނާ ސްކީ ޓުއާއެއްގައި ބައިވެރިވީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކެޓުމުން ބޯހަމަޖައްސާލަން ކަމަށެވެ.
ފުރަތަމަ އަށް މެޗުން ލިބުނު 20 ޕޮއިންޓާ އެކު ޗެމްޕިއަން ބަޔާން އޮތީ ލީގުގެ ތިން ވަނައިގަ އެވެ. އެއް ވަނައިގައި ބަޔާން ލެވަކޫސެން އޮތްއިރު ދެ ވަނައިގައި އޮތީ ވީއެފްބީ ސްޓަޓްގާޓް އެވެ. ބަޔާންއާ ދެކޮޅަށް ނުކުންނަ ޑަމްސްޓެޑް އޮތީ ހަތް ޕޮއިންޓާ އެކު 12 ވަނައިގަ އެވެ.
ބަޔާން ދަނޑުގައި ޑަމްސްޓެޑްއާ ދެކޮޅަށް ކުޅެ މެޗު ފަށާނީ މިއަދު އިރުއޮއްސި 6:30 ގަ އެވެ.