ފުރަތަމަ ސަފްޙާ / ޚަބަރު / ހިޔާނާތެއް ނުވަން، ރައްދު ނުދީވެސް ނުތިބޭނަން: އެފްއޭއެމް

ހިޔާނާތެއް ނުވަން، ރައްދު ނުދީވެސް ނުތިބޭނަން: އެފްއޭއެމް

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 26 އޮކްޓޫބަރު 2023

ސާބިތުނުހިފޭ، އަމިއްލަ މަސްލަހަތާއި ޒާތީ ބޭނުމަށް ހާލަތުގެ ފައިދާ ނެގުމުގެ ބޭނުމުގައި އެއްވެސް ފަރާތަކުން އެއްވެސް ޒާތެއްގައި ކުރިމަތިކުރުވާ އެއްވެސް އަމަލަކަށް، ރައްދުނުދީ ނުތިބޭނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

މަނީ ލޯންޑަރިންގެ ތުހުމަތުކޮށް އެފްއޭއެމްގެ ޖިނާއީ ތަހުގީގެއް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ފުލުހުން އަންނަނީ ކުރަމުންނެވެ. އެފްއޭއެމަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި މެނޭޖްމަންޓް ޕްރެޝަރަށް ވެއްޓިފައިވާ މި ދަނޑިވަޅުގައި އެފްއޭއެމުން ވަނީ އެ ހުރިހާ ތުހުމަތެއް ދޮގުކޮށް މިއަދު ބަޔާނެއް އާއްމުކޮށްފަ އެވެ.

“ދިވެހި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އެފްއޭއެމުން އަރުވާ ޔަގީންކަމަކީ ރާއްޖޭން ބޭރުގެ އެއްވެސް ޖަމިއްޔާ ޖަމާއަތަކުން އެފްއޭއެމަށް ލިބިފައިވާ އެއްވެސް ފައިސާއަކަށް މި އިދާރާގެ އެއްވެސް ވެރިއަކުވެސް މުވައްޒަފަކުވެސް އަދި މެމްބަރަކުވެސް ހިޔާނާތްތެރިވެފައި ނުވާނެކަމުގެ ޔަގީންކަން” ތުހުމަތުތައް ދޮގުކޮށް އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެފްއޭއެމުން ބުނީ އެ އެސޯސިއޭޝަނަށް މާލީގޮތުން އިންތިހާއަށް ދަތި ހާލަތަކާއި ކުރިމަތިވީނަމަވެސް އެފްއޭއެމްގެ މުދަލާ ފައިސާއަށް އެ އިދާރާގެ އެކަކު ވެސް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށެވެ.

“އެފަދަ އަމަލެއް ހިންގާފައިވާކަމަށް ކުރެވޭ އެންމެހައި ތުހުމަތުތަކާއި މި އިދާރާގެ މެނޭޖްމަންޓުން ފުޓްބޯޅައިގެ ހައްގުގައި ކެރިގެން ކުރިމަތިލާނެކަން ދަންނަވަން. އަދި ގާނޫނީ ތަރަހައިގެ ބޭރުން އެއްވެސް އަމަލެއްވެސް މުއާމަލާތެއްވެސް އެފްއޭއެމްގެ ފަރާތުން ކޮށްފައިނުވާނެކަން މި އިދާރާގެ މެމްބަރުންނަށާއި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ސާބިތުކޮށްދިނުމުގައި ފަހަތަށް ނުޖެހޭނެކަން ވެސް ދަންނަވަން” ދިފާއުގައި ނެރުނު ބަޔާނުގައި ވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ އެފްއޭއެމްގެ މައްސަލަ ތަހުގީގުކުރަން ފެށުމުން ފީފާ އާއި އޭއެފްސީގެ ސަމާލުކަން އެ އިދާރާއިން އެކަން ގެނައި ކަމަށެވެ. އެކަމާއި ގުޅިގެން ފީފާ އާއި އޭއެފްސީގެ ޖޮއިންޓް ސިޓީ އެއް ލިބުނު ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެފްއޭއެމްގެ ތަހުގީގަށް ފުލުހުން އެ އިދާރާގެ މުހިއްމު އާލާތްތަކެއް ގެންގޮސްފައިވާތީ އެ އިދާރާއިން ރާވާ ހިންގާ މުބާރާތްތައް މިދުވަސްވަރު ނުބޭއްވޭނެކަމަށް ވަނީ ބުނެފަ އެވެ. ތުހުމަތުކޮށް ދޮގުކޮށް އެފްއޭއެމުން ބުނީ ތަހުގީގީ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި، ތަހުގީގް އަވަސްކޮށްދޭން އެދޭ ކަމަށެވެ.

“ސާބިތުނުހިފޭ އަމިއްލަ މަސްލަހަތާއި ޒާތީ ބޭނުމަށް ހާލަތުގެ ފައިދާ ނެގުމުގެ ބޭނުމުގައި އެއްވެސް ފަރާތަކުން އެއްވެސް ޒާތެއްގައި ކުރިމަތިކުރުވާ އެއްވެސް އަމަލަކަށް ކުޅިވަރުގެ އެންމެ މަތީ މަގްސަދު ހިމާޔަތްކުރުމަށް ކުޅިވަރުގެ ރޫހުގައި މި އިދާރާއިން ރައްދުނުދީ ނުތިބޭނެ ވާހަކަވެސް ދަންނަވަން” ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި އެފްއޭއެމްގެ ލިޑަޝިޕް ބަދަލުކުރުމަށް މުޅި ރާއްޖެ ގޮވާލާ މި ދަނޑިވަޅުގައި އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!